ދުވާފަރު ދޯންޏަކުން ހުދަންބަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފި

ދުވާފަހަރު މަންފާ ދޯނީގެ ފަޅުވެރިންނަށް ފެނުނު މާވަހަރު ކަމަށް ބެލެވޭ އެތި --

ރ. ދުވާފަހަރު ދޯންޏަކުން ހުދަންބަރު މާވަހަރެއް ކަމަށް ބެލެވޭ އެއްޗެއް ހޮވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު މާވަހަރެއް ކަމަށް ބެލެވޭ 800 ގްރާމުގެ އެއްޗެއް ފެނިފައި ވަނީ ދުވާފަަރު މަންފާ ދޯންޏަށެވެ. އޭރު އެ ދޯނީގައި ތިބީ ފަސް މީހުންނެވެ.

އެ ދޯނީގައި އެވަގުތު ހުރި އެކަކު ކަމަށްވާ ރ. ކަނދޮޅުދޫ، މުހައްމަދު އަހުމަދު "ސަން"އަށް ބުނީ އެމީހުންނަށް ފެނުނު އެއްޗަކީ މާވަހަރެއްގެ ހުރިހާ އަލާމާތެއް މިހާތަނެއް ފެންނަ އެއްޗެއް ކަމަށެވެ. އެގޮތުން މާވަހެއް ކަމަށް ބެލުމަށް ހަދާ ޓެސްޓުތައް ހެދުމުން ވެސް ދައްކަނީ އެއީ މާވަހަރެއް ކަމަށް އޭނާ ބުންޏެވެ.

މުހައްމަދު ބުނީ އެމީހުންނަށް މާވަހަރު ފެނުނީ ހުއިފިލަނޑާ ނަގަން ގޮސް އުޅެނިކޮށް ކަމަށެވެ.

"އޭތި ފެނުނީ ރ. އަތޮޅުގައި އިންނަ ވައްކަރު ކިޔާ ފަރަކާއި މަހިދު ކިޔާ ރަށަކާ ދޭތެރޭގައި އިންނާނެ ވަރަށް ބޮޑު ހަލެއް. އެ ހަލުގެ ފަޅުމަތި ފެންނަ ނުފެންނަ ހިސާބުން،"

މުހައްމަދު ބުނީ އޭތި މިހާރު ބާއްވާފައި އޮތީ ފެނަށް ލާފައި ކަމަށެވެ.

"އަޅުގަނޑު ކޮޓަރީގައި މީތި މިއިނީ، ފެން ހަންބުރިއެއްގެ ތެރޭގައި. ފެނުން ނެގީމަ އޭތި އިތުރަށް ލުއި ވާނެއޭ ބުނީމަ ފެނުގައި ބާއްވާފައި އެ އޮންނަނީ،"

އޭނާ ބުނީ، ބޭނުން ވަނީ އެ މާވަހަރު ވިއްކާލައި ދޯނީގައި ތިބި ފަސް މީހުންގެ އިތުރުން ދޯންޏާ ލައިގެން ފައިސާ ބަހާލުމަށް ކަމަށެވެ.

ރާއްޖޭގެ މާކެޓުގައި އާންމު ގޮތެއްގައި މާވަހަރު ގްރާމެއް އުޅެނީ 15-25 ޑޮލަރާ ދެމެދުގައެވެ. ހުދަންބަރަކީ މާވަހަރުގެ އެންމެ އަގުބޮޑު ބާވަތެވެ.

comment ކޮމެންޓް