ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބް އިސްވެ ހުންނަވައިގެން އުފައްދަވައިފައިވާ ޕާޓީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކް (އެމްޓީޑީ)، އިލެކްޝަން ކޮމިޝަނުން ރަޖިސްޓްރީ ކޮށްދީފި އެވެ.
އިލެކްޝަން ކޮމިޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެޕާޓީ ދަފްތަރުގައި ހިމަނައި ރަޖިސްޓްރީވި ކަމުގެ ލިޔުން ވަނީ ހަވާލުކޮށްފަ އެވެ.
އެމްޓީޑީ އުފެއްދުމަށް ބޭނުންވާ 3000 މެންބަރުންގެ ސޮއި ހޯދުމަށް ފަހު އީސީ އަށް ހުށަހަޅީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
އެމްޓީޑީ އުފެއްދުމުގެ ހުއްދަ އީސީން ދީފައި ވަނީ ވިޔަފާރިވެރީންގެ ޖަމިއްޔާގެ ރައީސް އިސްމާއިލް އާސިފްއަށެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު އެ ހުއްދަ އީސީން ދޫކޮށްފައިވާ އިރު ޕީޕީއެމްއަށް ނިސްވަތްވެ ވަޑައިގެންނެވި ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން ވެސް ވަނީ އެ ޕާޓީއަށް ސޮއި ކުރައްވާފަ އެވެ.
އެމްޓީޑީގެ އިތުރުން މި އަހަރު ވަނީ މޯލްޑިވަސް ލޭބާ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ)ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ވެސް ދީފަ އެވެ. އެ ޕާޓީން ވެސް ވަނީ 3000 މެންބަރުންގެ ސޮއި ހަމަކޮށް އީސީއަށް ހުށަހަޅާފަ އެވެ. އަދި ކުރީގެ ރައީސް ޔާމީން އިސްވެ ހުންވަވައިގެ އުފައްދަވާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް އުފެއްދުމުގެ ހުއްދަ އީސީއިން މިއަދު ވަނީ ދީފަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ހަ ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީ އާއި އެމްޑީއޭ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޑީއާރުޕީ އާއި އަދާލަތު ޕާޓީ އެވެ.