ޓްރަމްޕްގެ ކުރީގެ ވަކީލު ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ވަކީލު މައިކެލް ކޯއެން ވަނީ ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ޑިސެމްބަރު 13): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ކުރީގެ ވަކީލު މައިކެލް ކޯއެން ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.

މަންހަޓަންގެ ކޯޓަކުން ކޯއެން ތިން އަހަރަށް ޖަލަށް ލާން ނިންމީ ކެމްޕެއިން ފައިނޭންސް ގަވާއިދުތަކާ ހިލާފަށް ދެ އަންހެނަކަށް ފައިސާ ދިން މައްސަލަ އާއި ކޮންގްރެސްއަށް އިތުރުފުޅު ހެއްދެވި މައްސަލައިގަ އެވެ.

ކޯއެން އެފައިސާ ދީފައި ވަނީ ޓްރަމްޕް، މެލާނިއާއާ ކައިވެނި ބައްލަވައިގަތް ފަހުން ގާތް ގުޅުމެއް ބޭއްވި ދެ އަންހެނަކަށެވެ. އެ ފައިސާ ދީފައި ވަނީ އެގުޅުމާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ޝަރުތުކޮށްފަ އެވެ.

މީގެ އިތުރުން ކޯއެން ވަނީ މޮސްކޯގައި ޓްރަމްޕް ޓަވަރެއް ހެދުމަށް މަޝްވަރާ ކުރިއަށް ދިޔަ މުއްދަތާއި އެ މަޝްވަރާތަކުގައި ޓްރަމްޕްގެ ބައިވެރިވުން އޮތް މިންވަރާ ބެހޭ ގޮތުން ކޮންގްރެސްއަށް އިތުރުފުޅު ހެއްދެވި ކަމަށް އިއުތިރާފުވެފަ އެވެ.

އެމައްސަލައިގެ އަޑު އެހުމުގައި ކޯއެން ވަނީ އޭނާއަށް "އަނދިރި މަގަކުން ހިނގަން ފެށުނީ" ޓްރަމްޕްގެ ސަބަބުން ކަމަށް ވިދާޅުވެފަ އެވެ. އަދި "ޓްރަމްޕްގެ ގޯސް އަމަލުތައް ފޮރުވުމަކީ އޭނާގެ ޒިންމާއެއް ކަމަށް" ގަބޫލު ކުރެވުނު ކަމަށް ވިދާޅުވެފަ އެވެ.

ކޯއެން ޖަލަށް ލާން ހުކުމް ކުރުމާ ބެހޭ ގޮތުން ރައީސް ޓްރަމްޕް ވަކި އެއްޗެކޭ ވިދާޅެއް ނުވެ އެވެ.

comment ކޮމެންޓް