ކުރީގެ ރައީސް އަބްދުﷲ ޔާމިން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅިގެން ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މީހާރު ދައްކަވާ ވާހަކަތައް ޕީޕީއެމް ކައުންސިލަށް ސާފުކޮށްދިނުމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކު ގޮވާލައްވައިފި އެވެ.
ފިނިފެންމާ ލޯންޗު ގޮއްވާލި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ކަމަށް ބުނެ، މިދިޔަ ހުކުރު ދުވަހު ޝައިނީ ވަނީ އެމައްސަލާގައި ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށް، މިހާރު ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެެއްވުމަށް ފަހު، ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަރަށް ގިނަ ދުވަސްތަކަށް ފަހު އަދީބާ ބައްދަލުވެއްޖެ ކަމަށާއި ލޯންޗުކޮޅު ގޮއްވާލުމުގައި އަދީބުގެ "ވާޝަން ޕްލައުސިބަލް" [އަދީބު ބުނާ ގޮތް ރީޒަނަބަލް/ގަބޫލު ކުރެވޭ] ކަމަށެވެ.
އެކާމާ ގުޅިގެން ނިހާން "ސަން" އަށް ވިދާޅުވީ، ޝައިނީ ބުނާ އެއްޗެއް ސާފު ނުވާ ކަމަށާއި ޝައިނީ އެބުނާ "ވާޝަން" އެއް ޕީޕީއެމް ކައުންސިލާ ހިއްސާކޮށް ސާފުކޮށްދޭން ޖެހޭ ކަމަށެވެ.
"ޝައިނީ އެބުނާ ވާހަކަ އަކީ ވަރަށް ބޮޑު ވާހަކައެއް. އެއީ ޓްވީޓަކުން ނިންމާ ނުލެވޭވަރުގެ ސީރިޔަސް ވާހަކައެއް. އެ ވާހަކަ އަޅުގަނޑުމެންނަށް [ޕީޕީއެމް ކައުންސިލަށް] އޮޅުންފިލުއްވާ ދެއްވަން ޖެހޭނެ. ޝައިނީ އެބުނާ ވާޝަންއެއް [ޕީޕީއެމް ކައުންސިލާ] ހިއްސާ ކުރައްވަން ޖެހޭ،" ރައީސް ޔާމިންގެ ސަރުކާރުގެ އިކޮނޮމިކް ކައުންސިލްގެ މެމްބަރުކަން ވެސް ކުރެއްވި ޝައިނީގެ ޓްވީޓާ ގުޅިގެން ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ "ޝައިނީ އަކީ މިހާރު ޕީޕީއެމް ކައުންސިލް މެމްބަރެއް، ރައީސް ޔާމިންގެ ކެބިނެޓް މިނިސްޓަރެއް، ފިނިފެންމާ ގޮއްވާލި ހާދިސާގައި އެ ލޯންޗުކޮޅުގައި އިިންނެވި މީހުންގެ ތެރެއިން އެކަކު. އެހެންކަމުން ޝައިނީ އާއި އަދީބު ގެއަށް ގޮސް ބަންދުގައި ހުއްޓައި، ބައްދަލުވެގެން އަދީބު ދެއްކި ވާހަކަ ޝައިނީ އަށް ގަބޫލު ކުރެވޭ ނަމަ، ޕްލައުސިބިލްއޭ ތިމަންނަ އަށް ގަބޫލު ކުރެވެޔޭ، ނުވަތަ އެވާހަކައިގައި ކޮންމެވެސް ވަރެއްގެ އޮއްޓަރެއް އެބަހުއްޓޭ. އެހެން ބުނި ބަހުގެ މާނަ ޝައިނީ ޖެހޭ ޕީޕީއެމް ކައުންސިލަށް ކިޔައި ދޭން،" ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެ ވާހަކަ ޕީޕީއެމް ކައުންސިލުން ވެސް ބައްލަވަން ޖޭހޭ ކަމަށެވެ.
އަދީބު ގޭ ބަންދަށް ބަދަލު ކުރެއްވުމާ އެކު ޝައިނީ ކޮޅުބަދަލު ކޮށްލެއްވީތޯ ނިޙާން ކުރެން އެހުމުން ނިހާން ވިދާޅުވީ، ބޮޑަށް ސިފަ ކުރެވޭނީ އެހެން ކަމަށާއި ނަމަވެސް މިކަމުގައި "ޖަޖްމަންޓެއް" ދެވޭނީ ޕީޕީއެމް ކައުންސިލުން ޝައިނީގެ އެ "ވާޝަން" ސާފު ކުރެއްވުމުން ކަމަށެވެ.
"ބޮޑަށް އެ ވިސްނެނީ އެހެން ނޫންތޯ [ޝައިނީ ކޮޅުބަދަލުކުރެއްވުން]. ކުއްލިޔަކަށް މިޔޮތް ހުރިހާ ދުވަހު ޝައިނީ އަށް އެކަމާ ގުޅިގެން އެއްޗެއް ބުނަން ނޭނގިފައި ކުއްލިއަކަށް ޝައިނީ އާއި އަދީބާ ބައްދަލުކޮށް ވާހަކަ ދެއްކުމުން، އަދީބުގެ ރާގާއި އެ ދެއްކެވި ވާހަކަތައް އެގޮތަށް ގަބޫލު ކުރެވޭ ނަމަ އެދަނީ އެކަހަލަ ގޮތަކަށް ނޫންތޯ،" ނިހާން ސުވާލު އުފެއްދެވި އެވެ.
"ނަމަވެސް އެކަމަށް[ކޮޅުބަދަލު ކުރެއްވި ކަމަށް] އަޅުގަނޑުމެންނަކަށް ޖަޖްކުރާކަށް ނޭނގޭނެ އަދި. ޝައިނީގެ ވާޝަން އެނގުނީމަ އެނގޭނީ،" ނިހާން އިތުރަށް ވިދާޅުވި އެވެ.
އަދީބު އާއި ޝައިނީ ބައްދަލުކުރެއްވި އިރު ޝައިނީއަށް މިދިޔަ ބުރާސްފަތި ދުވަހު ވަނީ ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގެންފަ އެވެ.