ޑޮމެސްޓިކް އެއާޕޯޓުތަކުން ފައިދާވާނެ އިތުރު ގޮތްތަކެއް ހޯދަންޖެހޭ: ނަހުލާ

ޓްރާންސްޕޯޓު މިނިސްޓަރ ނަހުލާ -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ޑޮމެސްޓިކް އެއާޕޯޓުތަކަކީ ފައިދާވާ ވިޔަފާރިތަކެއްގެ ގޮތުގައި ހިންގޭނެ އިތުރު ގޮތްތަކެއް ހޯދަންޖެހިފައިވާ ކަމަށް ޓްރާންސްޕޯޓު އެންޑް ސިވިލްއޭވިއޭޝަން މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ސިވިލްއޭވިއޭޝަން ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ނަހުލާ ފޮނުއްވި ހިތޯބުގައި ވިދާޅުވީ ސިވިލްއޭވިއޭޝަން ދާއިރާގައި ހުރި ފުރުސަތުތައް ބޭނުންކުރަން ތައްޔާރުވަމުންދާއިރު ދާއިރާއާ ގުޅުންހުރި ސަލާމަތީކަންތައް ބައިނަލްއަގުވާމީ މިންގަނޑަށް ފައްތައި ދެމެހެއްޓުމުގެ ނިޒާމު ހަރުދަނާކުރަންޖެހޭ ކަމަށެވެ.

"ޕްރައިވެޓް ސެކްޓާއިން މި ދާއިރާއަށް އިންވެސްޓުކުރަން ޝައުގުވެރިކަން ފާޅުކުރަމުންދާއިރު، ރާއްޖޭގެ ރެގިއުލޭޓަރީ ނިޒާމު ބައްޓަންވެފައި އޮންނަންވާނީ އެކަމަށް ދޮރު ހުޅުވައިދީ، މަގުކޮށައިދޭ އާރުކާޓީއެއްގެ ގޮތުގައެވެ." މިނިސްޓަރު ވިދާޅުވިއެވެ. އެކަމަނާ އިތުރަށް ވިދާޅުވީ ޕޮލިސީ ލެވެލްގައި މަސައްކަތް ކުރަމުންދާނީ ސިވިލްއޭވިއޭޝަން އޮތޯރިޓީގެ ވަސީލަތްތައް ހަރުދަނާކޮށް ކެޕޭސިޓީ އިތުރުކުރުމަށް ކަމަށެވެ. އަދި ދާއިރާގައި މިހާރު ހުރި ގޮންޖެހުންތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

ސިވިލްއޭވިއޭޝަން ދާއިރާ ކުރިއަރަމުންގޮސް މިހާރު މިވަނީ ރޭވުންތެރިކަމާއެކު ކުރިއަށް ފިޔަވަޅު އަޅަންޖެހޭ މަރުހަލާއަށް އާދެވިފައިކަމަށާއި ސްޓްރެޓެޖިކް ކޮށް ވިސްނައި، ދެމެހެއްޓެނިވި ލަނޑުދަނޑިތަކެއް ހާސިލްކުރެވޭ ހަމަހަމަ ފުރުސަތުތަކެއް ސިވިލް އޭވިއޭޝަން ދާއިރާގައި ގާއިމް ކުރެވޭނީ އޭރުން ކަމަށް ނަހުލާ ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ އިން ސްޓްރެޓެޖިކް ޕްލޭންތަކާއި ޕޮލިސީތައް ތައާރަފުކޮށް އެކަންތައް ތަންފީޒު ކުރަމުންދާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއަކީ ރާއްޖޭގެ ނިސްބަތުން ކުރިއަށްގެންދެވޭ ތަރައްގީގެ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ.

ފަސިންޖަރުންގެ އަދަދު އިތުރުވެ އެކަށީގެންވާ ހިދުމަތްތަކެއްދެވޭ އެއާޕޯޓަކަށް ބައިނަލްއަގުވާމީ މައި ވައިގެ ބަނދަރު ބަދަލުވެގެންދާއިރު އެއާޕޯޓު މަޝްރޫއުގެ ސަބަބުން އިގްތިސޯދީ ހުރިހާ ހަރަކާތަކަށްވެސް މަންފާ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސިވިލްއޭވިއޭޝަން ދާއިރާއިން ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހާސިލް ކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތައް އެ މުއްދަތުގައި ހާސިލްކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

comment ކޮމެންޓް