އަލަސްކާއަށް އައި ބިންހެލުމުގައި ހަލާކުވި މަގު ހަތަރު ދުވަސް ތެރޭ ހަދައިފި

އަލަސްކާއަށް އައި ބިންހެލުމުގައި ހަލާކުވި މަގެއް ވަނީ ހަތަރު ދުވަސް ތެރޭ ހަދާ ނިންމާފަ -- ފޮޓޯ: ސީއެންއެން

އެންކަރޭޖް (ޑިސެމްބަރު 6): އެމެރިކާގެ އަލަސްކާއަށް މިދިޔަ ހުކުރު ދުވަހު އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެއްކޮށް ހަލާކުވި މަގެއް ހަތަރު ދުވަސް ތެރޭ ހަދައި ނިންމުމުން، އެސްޓޭޓުގެ ޓްރާންސްޕޮޓޭޝަން ޑިޕާޓްމެންޓަށް ގިނަ ބަޔަކު ތައުރީފުކޮށްފި އެވެ.

އަލަސްކާއަށް 7.0 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެބިންހެލުމުގެ ސަބަބުން އެންކަރޭޖުގެ މަގެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، މަގުގެ މެދުގައި ލޯވަޅުތައް ހެދިފައިވާ މަންޒަރު ފެންނަ ފޮޓޯތަކަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ.

ނަމަވެސް ބިންހެލުން އައިތާ ހަތަރު ދުވަސް ފަހުން އަލަސްކާ ޓުއާ އެންޑް ޓްރެވެލްއިން ފޭސްބުކުގައި ހިއްސާ ކުރި ފޮޓޯއަކުން ވަނީ ބިންހެލުން އައި ދުވަހާއި އަންގާރަ ދުވަހާ ދޭތެރޭ މަގަށް ގެނެސްފައިވާ ބަދަލު ދައްކާލައިފަ އެވެ.

އެފޮޓޯއިން މަގުގައި ކުރިން ލާފައި ހުރި ރެނދުތަކާއި، ހެދިފައިވާ ލޯވަޅުތަކެއް ނުފެނެ އެވެ. އޭގެ ބަދަލުގައި ފެންނަނީ މަގު އަލުން ހަދައި، ނިޝާންތައް ވެސް ކުރަހާފައިވާ މަންޒަރެވެ.

އެޕޯސްޓަށް އެމެރިކާގެ ގިނަ އަދަދެއްގެ މީހުންގެ ސަމާލުކަން ލިބި، ބައެއް މީހުން ވަނީ އެމީހުންގެ ސިޓީތަކުގައި ހުންނަ އަޑިގުޑަންތައް ގިނަ ދުވަސްތަކެއްވާ އިރުވެސް ރަނގަޅު ނުކުރެވެނީ ކީއްވެގެންތޯ ސުވާލުކޮށްފަ އެވެ.

އަލަސްކާގެ ޑިޕާޓްމެންޓު އޮފް ޓްރާންސްޕޮޓޭޝަން އެންޑް ޕަބްލިކް ފެސިލިޓީސް އިން ވަނީ މިއީ ފިނި މޫސުން ކަމަށްވާތީ މަގު ހަދަން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ނުކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.

އަލަސްކާއަށް އައި ބިންހެލުމާ ގުޅިގެން ލިބުނު ގެއްލުން ފޫބެއްދުމަށް ޓަކައި އެގައުމުގެ ސަރުކާރުން ވަނީ އެސްޓޭޓަށް ފަސް މިލިއަން ޑޮލަރުގެ އެމާޖެންސީ ފަންޑުތައް ދީފަ އެވެ.

comment ކޮމެންޓް