ޑރ.އަހުމަދު އަލިމަނިކު ގައުމީ އިއްތިހާދު ޕާޓީން ވަކިވެވަޑައިގެން އެމްޑީޕީއަށް ސޮއިކުރައްވައިފި

19:00


މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ.އަހުމަދު އަލިމަނިކު ގައުމީ އިއްތިހާދު ޕާޓީން ވަކިވެ ވަޑައިގެން އެމްޑީޕީއަށް މިއަދު ސޮއިކުރައްވައިފި އެވެ.


އެމްޑީޕީގެ ޕާލަމެންޓްރީ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ މިކަން ސަންއެފްއެމަށް ކަށަވަރުކޮށްދެއްވާފަ އެވެ. މުސްތަފާ ވިދާޅުވީ ޑރ.އަހުމަދު އަލިމަނިކުގެ އިތުރުން އެ މިނިސްޓްރީގެ ޑައިރެކްޓަރ މުޙައްމަދު ވަހީދު ވެސް، އެމްޑީޕީ އޮފީގުގައި މިއަދު އެ ޕާޓީއަށް ސޮއިކޮށްފައިވާ ކަމަށެވެ.


ނާއިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ގައުމީ އިއްތިހާދު ޕާޓީގެ ނާއިބު ރައީސް ކަމުގައި ހުންނެވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގެން، އެޑިއުކޭޝަން މިނިސްޓަރ ޑރ.މުސްތަފާ ލުތުފީ ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފަ އެވެ. އަދި ހަމަ އެ ޕާޓީގައި ހުންނެވުމަށްފަހު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު، އަހުމަދު އިނާޒް ވެސް ހޮނިހިރު ދުވަހު ވަނީ އެމްޑީއަށް ސޮއިކުރައްވައިފަ އެވެ.


ގައުމީ އިއްތިހާދަށް ނިސްބަތްވާ، ސިޔާސީ މަގާމުގައި ތިއްބެވި ގިނަ އަދަދެއްގެ ބަޔަކު އެ ޕާޓީ ދޫކޮށްލައްވައި އެމްޑީޕީއާ ގުޅިވަޑައިގަންނަވަމުން މިދަނީ، ވެރިކަން ހިންގުމުގައި، ގައުމީ އިއްހާދާއި، އެމްޑީޕީއާ ދެމެދު ވެފައިވާ އެއްބަސްވުން އުވައިލުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ލަފާ ދީފައި ވަނިކޮށެވެ.


އެމްޑީޕީން ބުނީ އެޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ހާސަ ޕްރޮގްރާމްތަކެއް ފަށައިގެން މިހާރު ކުރިއަށް ގެންދާ ކަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އެޕާޓީއަށް ވެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރު ފެށޭއިރު މަޖިލީޙުގެ މެޖޯރިޓީ އެޕާޓީން ނަގާނެ ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު