ހަތް އަހަރުގެ ކުއްޖަކަށް ޔޫޓިއުބުން 22 މިލިއަން ޑޮލަރު!

ރަޔަަން ޓޯއިސް ރިވިއުއަށް އެއް އަހަރު ތެރޭ 22 މިލިއަން ޑޮލަރު ލިބިފައިވޭ -- ފޮޓޯ: ޔޫޓިއުބް

މި އަހަރު ޔޫޓިއުބުން އެންމެ ބޮޑު އާމްދަނީއެއް ލިބުނު ޗެނަލަކީ އުމުރުން ހަތް އަހަރުގެ ކުއްޖަކު ފެނިގެންދާ، 'ރަޔަން ޓޯއިސް ރިވިއު' ކަމަށް ފޯބްސް އިން ބުނެފި އެވެ.

ފޯބްސް މެގަޒިންއިން ލަފާ ކުރާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހާއި މި އަހަރުގެ ޖޫން މަހާ ދޭތެރޭ ރަޔަންގެ ޗެނަލަށް ވަނީ 22 މިލިއަން ޑޮލަރު ލިބިފަ އެވެ.

'ރަޔަން ޓޯއިސް ރިވިއު'އިން ފެނިގެންދަނީ ކުޑަކުދިންގެ ކުޅޭ ތަކެތި ދައްކާލާ އެއާ ބެހޭ ގޮތުން ރަޔާން ވާހަކަ ދައްކާ ވީޑިއޯތަކެވެ. އަދި ރަޔަންގެ މަންމަ އާއި ބައްޕައާ އެކު އެކި ގޭމްތައް ކުޅޭ މަންޒަރާއި ސައިންސް އެކްސްޕެރިމެންޓުތައް ހަދާ މަންޒަރު ވެސް ފެނިގެންދެ އެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ހެދި އެޗަނަލަށް ސަބްސްކުރައިބް ކޮށްފައިވާ މީހުންގެ އަދަދު މިހާރު 17.3 މިލިއަނަށް އަރަ އެވެ. އަދި އެޗަނަލުގައި ހުރި ވީޑިއޯތައް ބަލާފައިވާ އަދަދު 26 ބިލިއަނަށް އަރަ އެވެ.

ފޯބްސްގައިވާ ގޮތުން މިދިޔަ އަހަރާ އަޅާ ބަލާއިރު ރަޔަންގެ ޗެނަލަށް ލިބުނު އާމްދަނީ ވަނީ ދެގުނައަށް އިތުރުވެފަ އެވެ. އެމެގަޒިންގައިވާ ގޮތުން އެއް މިލިއަން ޑޮލަރު ފިޔަވާ ބާކީ ފައިސާ އެޗެނަލަށް ލިބިފައި ވަނީ އެޗެނަލްގެ ވީޑިއޯތައް ފެށުމުގެ ކުރިން ދައްކާ އިޝްތިހާރުތަކުންނެވެ. އަދި އަނެއް އެއް މިލިއަން ޑޮލަރު ލިބެނީ އެކި ކުންފުނިތަކުން ސްޕޮންސާކޮށްފައިވާ ވީޑިއޯތަކުންނެވެ.

ރަޔަންގެ ވީޑިއޯތަކުން ފެންނަ ކުޅޭ ތަކެތި ވަރަށް އަވަހަށް ވިކި ހުސްވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. އަދި މިދިޔަ އަހަރު 'ރަޔަންސް ވޯލްޑް'ގެ ނަމުގައި ކުޅޭ ތަކެއްޗާއި އަންނައުނުވެސް ވަނީ ވިއްކަން ފަށައިފަ އެވެ.

ޔޫޓިއުބުގައި ރަޔަން އާއި އާއިލާ ފެނިގެންދާ އިތުރު ޗެނަލެއް ވެސް އޮވެ އެވެ. ރަޔަންސް ފެމިލީ ރިވިއު ކިޔާ އެޗެނަލަށް ސަބްސްކުރައިބް ކޮށްފައިވާ މީހުންގެ އަދަދު ތިން މިލިއަނަށް އަރަ އެވެ.

ރަޔަންއަކީ އަދި ކުޑަކުއްޖެއް ކަމުން، އޭނާއަށް 18 އަހަރުވަންދެން ލިބޭ އާމްދަނީގެ 15 ޕަސެންޓު ދަނީ ބޭންކް އެކައުންޓެއްގައި ރައްކާ ކުރަމުންނެވެ.

comment ކޮމެންޓް