ގައުމީ ވޮލީ ލީގު / ދެވަނަ ޑިވިޝަން
އިއްޔެގެ މެޗްތައް ފެލިދޫ ނިއު ޖެނެރޭޝަނާއި އެސްޓީއޯ އަދި ކުޑަ ހެންވޭރަށް

ގައުމީ ވޮލީބޯޅަ ލީގުގެ ދެވަނަ ޑިވިޝަނުގައި އިއްޔެ ކުޅުނު މެޗްތައް ފެލިދޫ ނިއު ޖެނެރޭޝަނާއި އެސްޓީއޯ އަދި ކުޑަ ހެންވޭރު ޔުނައިޓެޑުން ކާމިޔާބުކޮށްފި އެވެ.

ޒުވާނުންގެ މަރުކަރުގެ އެތެރޭ ކޯޓުގައި އިއްޔެ ކުޅުނު ތިން މެޗްގެ ތެރިން ފުރަތަމަ ދެ މެޗަކީ ގްރޫޕް އޭ ފަޅީގެ ދެ މެޗެވެ. އަދި ތިން ވަނަ މެޗަކީ ގްރޫޕް ބީ ފަޅިގެ މެޗެކެވެ.

އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗް ކާމިޔާބު ކުރީ ފެލިދޫ ނިއު ޖެނެރޭޝަންގެ ޓީމެވެ. މިމެޗް ފެލިދޫ ޓީމުން ކާމިޔާބު ކުރީ ޕޮލިސް ފެމިލީ އޯސިއޭޝަން އާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ފެލިދޫ ގެންދިޔައީ 25-21، 25-22 އަދި 25-23 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ފެލިދޫގެ އަލީ ހުޒާމެވެ.

މިގްރޫޕްގައި އިއްޔެ ކުޅުނު ދެ ވަނަ މެޗު އެސްޓީއޯ އިން ކާމިޔާބު ކުރީ އެސޯސިއޭޝަން ފޯ ނިލަންދޫ ޔޫތުއާ ބައްދަލުކޮށް ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް އެސްޓީއޯ އިން ގެންދިޔައީ 25-12 ، 25-15 އަދި 25-18 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ އެސްޓީއޯގެ މުއާޒް އާދަމެވެ.

މީގެއިތުރުން މުބާރާތުގައި ރޭ ކުޅުނު ފަހު މެޗް ކާމިޔާބު ކުރީ ކުޑަހެންވޭރުންނެވެ. ގްރޫޕް ބީގެ މިމެޗް ކުޑަހެންވޭރުން ކާމިޔާބު ކުރީ ޓީނޭޖް ޖޫނިއާސްގެ ޓީމް ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. މެޗުގެ ސެޓުތައް ކުޑަހެންވޭރު ގެންދިޔައީ 25-11، 25-19 އަދި 25-13 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ކުޑަހެންވޭރުގެ މުހައްމަދު ސާޖިދެވެ.

މުބާރަތުގައި މިއަދު ވެސް ގްރޫޕް ބީ ފަޅީގެ ދެ މެޗާއި ގްރޫޕް އޭ ފަޅީގެ އެއްމެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިއަދުގެ ފުރަތަމަ މެޗްގައި ބައްދަލުކުރާ ދެޓީމަކީ ކުލަބް ވިސެންޒާއާ، ކުލަބް އީގަލްސްއެވެ. ދެ ވަނަ މެޗްގައި މިރޭ 8:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ކުލަބް ރާވެރިޔާ އާއި ކުލަބް ޓީނޭޖް ޖޫނިއާސްގެ ޓީމެވެ. އަދި ތިން ވަނަ މެޗްގައި ބައްދަލުކުރާ ދެ ޓީމަކީ ފެލިދޫ ނިއު ޖެނެރޭޝަންގެ ޓީމާއި އެސްޓީއޯ އެވެ.
މިހާތަނަށް ގުރޫޕް އޭގައި ކުޅުނު މެޗުތަކަށް ފަހު ތާވަލްގެ ކުރީގައި އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވާ އެސްޓީއޯ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު