ސަރަނގު ޝަމީމާ އަވަހާރަވެއްޖެ

މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ކުރީގެ ރައީސް ޔާމީން، މއ. ފެހިއަލިއާގޭ ޝަމީމާ އީސާއަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އިޖުތިމާއީ ހިދުމަތްކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު މި އަހަރު ލިބިވަޑައިގެންނެވި މއ. ފެހިއަލިއާގޭ ޝަމީމާ އީސާ (ސަރަނގު ޝަމީމާ) އަވަހާރަވެއްޖެ އެވެ.

ޝަމީމާ އީސާ އަވަހާރަވީ މިއަދު ހެނދުނު އެވެ.

އޭނާއަކީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމާއި ޓީވީއެމްގެ ކުރީގެ އެނައުންސަރު އާމިލާ އާދަމްގެ މަންމާފުޅެވެ.

އިޖުތިމާއީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވި ޝަމީމާއަށް 1980 ވަނަ އަހަރު ސަރުކާރުން "ކަމުވޮށިކަމުގެ ދަރަޖަ" އެރުވި އެވެ. އެއާ އެކު އޭނާއަށް "ކަނބުލޭގެފާނު"ގެ ނަމުން މުހާތަބުކުރެވެން ފެށި އެވެ.

ފެހުމުގެ މަސައްކަތުން އާންމުންގެ ތެރެއަށް މަޝްހޫރުވި ޝަމީމާ ކަނބުލޭގެފާނު އެ މަސައްކަތުގެ ތެރެއަށް ވެދެވަޑައިގަތީ، މާލޭގެ އޭރުގެ މަޝްހޫރު ފެހުންތެރިޔާ ބޮޑުދާހިއްލާ ދޮންމަނިކުގެ އަރިހުގައި އޭނާގެ ގޭގައި ދިރިއުޅުއްވި ދުވަސްވަރު އެވެ.

ފެހުމުގެ މަސައްކަތަށް ޝައުގުވެރިވެވަޑައިގެން އެ މަސައްކަތް ފެއްޓެވި އިރު، އޭރު ފައްސަވައި އުޅުއްވީ ޝަމީމާގެ ބޭފުޅުންގެ ހެދުމެވެ. އެއަށް ފަހު ގަމީހާއި ލިބާހާއި ދިގުހެދުމާއި އެކި ފަރުމާތަކަށް އަންހެނުންގެ ހެދުންތައް ފައްސަވަން ފެއްޓެވި އެވެ. އަދި ފެހުމުގެ މަސައްކަތް އެހެން މީހުންނަށް ދަސްކޮށްދިނުމުގެ މަސައްކަތް ވެސް ފެއްޓެވި އެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރު ބޭރުގެ ބަޔަކާ ގުޅިގެން ސަރުކާރުން ހިންގި ޖަރީކުރުމުގެ ކޯހެއްގައި ޝަމީމާ ބައިވެރިވެވަޑައިގަތުމަށް ފަހު، އާއިލާގެ ބޭފުޅުންނަށް ފަހަން ފަސްކޮށްދެއްވަން ފެއްޓެވި އެވެ.

އަދި އެއަށް ފަހު ސްކޫލު ކުދިންގެ ޔުނިފޯމުގައި ހަރުކުރާ ބެޖާއި ޓައީ ހަދާ ތަނެއް ނުހުންނާތީ، ޝަމީމާ އެ މަސައްކަތް ފެއްޓެވި އެވެ. ދިރާސީ އަހަރު ފެށުމަށް ތައްޔާރުވާ ދުވަސްވަރު ޝަމީމާ ވެސް އަވަދިނެތި، އޯޑަރަށް ޔުނިފޯމު ފަހައިދީ، އަދި ބެޖާއި ޓައީ ހަދައިދެއްވަ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަވަނަ އަހަރު ޝަމީމާ ކަނބުލޭގެފާނު، ފަހާފޮށިން މާޖަހަން ދަސްކޮށްދިނުމުގެ މަސައްކަތް ފެއްޓެވިއެވެ. ފުޅާ ދާއިރާއެއްގައި އެކަން ކުރެއްވުމުގެ ގޮތުން "ސަރަނގު ޖަރީ"ގެ ނަމުގައި ކްލާހެއް ރެޖިސްޓްރީކުރައްވައި، ކްލާސް ފުރިހަމަކުރާ ފަރާތްތަކަށް ސެޓްފިކެޓް ދެއްވަމުން ގެންދެވި އެވެ. އަދި 2005 ވަނަ އަހަރު ފެހުމުގެ ދާއިރާއިން މީހުން ތަމްރީނުކުރެއްވުން ވެސް ފެއްޓެވި އެވެ.

ޝަމީމާ ކަނބުލޭގެފާނަށް ފެހުމާއި ޖަރީގެ މަސައްކަތް ކުރުމުގެ ރޮނގުން 1993 ވަނަ އަހަރު އާންމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި، 2007 ވަނަ އަހަރު އިޖުތިމާއީ ހިދުމަތްކުރުމުގެ ދާއިރާއިން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގަތެވެ.

comment ކޮމެންޓް