ރާއްޖެ އާއި ޗައިނާއާ ދެމެދު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ބެހޭ ގޮތުން ރާއްޖެއިން ނިންމާނީ ރަނގަޅަށް ކަމަށް ގަބޫލު ކުރެވޭ ކަމަށް ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޗައިނާ އިން އެެފަދައިން ބުނީ، މިނިވަން ވިޔަފާރީގެ އެއްބަސްވުން އުވާލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރޮއިޓާސް އިން ރިޕޯޓު ކުރި ފަހުންނެވެ.
ބެއިޖިންގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޖެންގް ޝުއަންގް ވިދާޅުވި ގޮތުގައި އެއެއްބަސްވުމާ ބެހޭ ގޮތުން ދެގައުމުން ވަނީ މަޝްވަރާކޮށްފަ އެވެ. އަދި އެއީ ދެ ގައުމަށް ވެސް ފައިދާ ހުރި އެއްބަސްވުމެކެވެ.
"އެއްބަސްވުން ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރުމުން ވީހާވެސް އަވަހަކަށް ދެފަރާތަށް ވެސް ފައިދާ ލިބޭނެ. ރާއްޖެއިން ނިންމާނީ ރަނގަޅަށް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން،" ތަރުޖަމާނު ވިދާޅުވި އެވެ.
ނަމަވެސް އެބަސްފުޅާ ބެހޭ ގޮތުން ޗައިނާގެ ފޮރިން މިނިސްޓްރީން އިތުރު ތަފްސީލެއް ނުދެ އެވެ.
ވެރިކަންކުރާ މައިޕާޓީ، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ރާއްޖެއަށް އޮތް ނުރައްކަލެއް ކަމަށާއި މި ސަރުކާރުން އެ އެއްބަސްވުން އުވާލާނެ ކަމަށެވެ.
އެއްބަސްވުން އުވާލަނީ ރާއްޖެއަކީ ޗައިނާ އާ އަޅާބަލާޢިރު ކުޑަ އިގްތިސާދަކަށްވެފައި ދުނިޔޭގެ އެންމެ ބޮޑެތި އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ ގައުމަކާ އެކު މިނިވަން ވިޔަފާރިއެއް ކުރުމަކީ ރާއްޖެއަށް އެއްވެސް ފައިދާއެއް ވާނެކަމެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
ރާއްޖެ އާއި ޗައިނާ އާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މިނިވަން ވިޔަފާރީގެ އެއްބަސްވުމާ އެކު ރާއްޖޭގެ މަހުގެ އުފެއްދުންތައް އެއްވެސް ޑިއުޓީ އަކާ ނުލައި ޗައިނާ އަށް އެކްސްޕޯޓު ކުރެވޭނެ އެވެ. އެ އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލެއް އައިސް އިގްތިސާދު ހަލުވި މިނުގައި ކުރިއަރާނެ ކަމަށް ސަރުކާރުން ބުންޏެވެ. އެގޮތުން އާ މާކެޓްތައް އުފެދި ދިވެހި ވިޔަފާރިތަކަށް ވެސް ފުރުސަތުތައް ލިބިގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ނަމަވެސް އެ އެގްރީމެންތު ތަންފީޒުކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއް ކުރީ ސަރުކާރުން ކޮށްފައެއް ނުވެ އެވެ.
ނަޝީދު ވިދާޅުވެފައި ވަނީ އެފްޓީއޭ އަށް މަޖިލީހުން ރުހުންދީފައިވީ ނަމަވެސް އެ އެއްބަސްވުން ތަންފީޒުކުރަން ހަދަން ޖެހޭ ގާނޫނުތައް ހަދަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ.
ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ބައިވެރިއަކަށް ރާއްޖެ ވާނެކަމުގެ ޔަގީންކަން ކުރީ ސަރުކާރުން ދީފައިވާއިރު ޗައިނާ އަކީ ރައީސް ޔާމީނުގެ ސަރުކާރުގައި ރާއްޖޭގައި އެންމެ ބޮޑު އަދަދަކަށް އިންވެސްޓު ކުރި ގައުމުވެސްމެއެވެ.