ދުނިޔޭގެ ސިޓީއެކޭ ބުނެފި ނަމަ އާއްމުކޮށް ހިތަށް އަންނާނީ އުސް އިމާރާތްތަކާއި ގިނަ އަދަދެއްގެ އިންޖީނުލީ އުޅަނދުތަކެވެ. ދުމުން ތަޣައްޔަރުވެފައިވާ ވަޔާއި ހުއްޓިފައިވާ ޓްރެފިކެވެ. ނަމަވެސް އިޓަލީގެ އާކިޓެކްޓް ސްޓެފަނޯ ބޮއޭރީ ދަނީ ހިޔާލަށް އަންނަ އެމަންޒަރާއި އަސްލު މަންޒަރު ވެސް ބަދަލު ކުރަން މަސައްކަތް ކުރަމުންނެވެ.
ބޮއޭރީގެ އެންމެ ފާހަގަ ކޮށްލެވޭ މަސައްކަތަކީ އޭނާގެ އުފަންރަށް މިލާންގައި ހުންނަ ވާޓިކަލް ފޮރެސްޓް ކިޔާ އިމާރާތެވެ. އެބިލްޑިންގަށް ބަލާލުމުން ކޮންކުރީޓަށް ވުރެ ބޮޑަށް ފެނިގެންދަނީ ބެލްކަނީތަކުގައި އިންދާފައިވާ އެކި ސައިޒުތަކުގެ ގަހާއި ވެޔޮގަނޑުތަކެވެ.
އެއިމާރާތުގައި މީހުން ދިރިއުޅޭ ދެ ޓަވަރު ހިމެނެއެވެ. އެއީ 80 މީޓަރު އުސް ޓަވަރަކާއި 112 މީޓަރު އުސް ޓަވަރެކެވެ. އެދެޓަވަރުގައި އެކި ބާވަތުގެ 20،000 ގަހާއި ވެޔޮ ހިމެނެއެވެ. ބޮއޭރީ ލަފާ ކުރާ ގޮތުގައި އެއިމާރާތުގައި ދިރިއުޅޭ ކޮންމެ މީހަކަށް ދެ ގަހާއި އަށް ގަސްބޮނޑި އާއި 40 ކުދި ގަސްތައް އެ ދެ ޓަވަރުގައި ހުންނާނެއެވެ.
ބޮއޭރީ ބުނާ ގޮތުގައި އެގަސްތައް އިންދާފައި ވަނީ ހަމައެކަނި ރީތިކުރުމަށް ޓަކައެއް ނޫނެވެ. ނަމަވެސް، އެފަދަ ގަސްތައް އިމާރާތްތަކުގައި ގިނަ އަދަދަކަށް އިންދުމުން އެޕާޓްމެންޓުތަކަށް ހިޔާ ލިބި، އެތަނުގައި ދިރިއުޅޭ މީހުންނަށް ނަފްސާނީ ފައިދާތައް ލިބި، ގިނަ އަދަދެއްގެ ދޫންޏަށް ވެސް ގެޔެއް ލިބިގެންދާ ކަމަށް ބޮއެރީ ބުންޏެވެ. އޭނާ ބުނި ގޮތުގައި 15 ބާވަތުގެ އެތައް ސަތޭކަ ދޫނި އެޓަވަރުތަކުގައި ހުންނަ ގަސްތަކުގައި ހާލި ހަދައިގެން އުޅެއެވެ.
އަދި ބޮއޭރީ ބުނި ގޮތުގައި އޭނާ އެންމެ ފަހުރުވެރި ވަނީ އެއިމާރާތުގެ ސަބަބުން ތިމާވެއްޓަށް ކުރާ ފައިދާ ބޮޑު ކަމުންނެވެ. އޭނާގެ ދިރާސާއަކުން ދެއްކި ގޮތުގައި ކޮންމެ އަހަރަކު 30 ޓަނުގެ ކާބޮންޑައިއޮކްސައިޑް އެއިމާރާތުގެ ގަސްތަކުން އެތެރެކޮށް، 19 ޓަނުގެ އޮކްސިޖެން ބޭރު ކުރެއެވެ.
"ސިޓީތަކުގެ އެތެރޭގަ އައި ވަށައިގެން ފެހިކަން އިތުރު ކުރުމަކީ މޫސުމުގެ ސަބަބުން އަންނަ ބަދަލުތައް ހުއްޓުވޭނެ އެންމެ ރަނގަޅު ގޮތް. އެކަން ކުރެވޭނެ އެއް ގޮތަކީ ވާޓިކަލް ފޮރެސްޓުތައް. (ހައްލަކީ) ހަމައެކަނި ބަގީޗާއެއް ނޫން. އިމާރާތްތަކުގެ އެކި ފަރާތްތަކުގައި ވެސް ކީއްވެ [ގަސް ނުހެއްދެންވީ]؟" ސީއެންއެންއާ ވާހަކަ ދައްކަމުން ބޮއޭރީ ބުންޏެވެ.
ބޮއޭރީގެ ކުންފުނިން ވަނީ މިހާރު އިޓަލީގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތައް ކަމަށްވާ ސުވިޒަލޭންޑާއި ނެދަލޭންޑްސްގައި ވެސް ވާޓިކަލް ފޮރެސްޓުތަކެއް ހަދަން ނިންމާފައެވެ.
އަދި ޗައިނާގެ ލިއުޖޫ ސިޓީގައި ހަދަމުންދާ "ފޮރެސްޓް ސިޓީ" ޑިޒައިން ކުރަމުން ދަނީ ވެސް ބޮއޭރީގެ ކުންފުނިންނެވެ.
ދެހާސްވިހީގައި ނިމޭނެ ކަމަށް ލަފާ ކުރެވިފައިވާ 15 މިލިއަން ސްކޮޔާ ފޫޓުގެ އެސިޓީގައި ގަސްތަކުން ޒީނާތްތެރިކޮށްފައިވާ ގެތަކާއި ހޮސްޕިޓަލްތަކާއި ސްކޫލުތަކާއި އޮފީސްތައް ހިމެނޭނެއެވެ. ބޮއޭރީ ބުނި ގޮތުގައި އެފަދަ "ފޮރެސްޓް ސިޓީ"ތައް ހެދުމަށް މިސްރާއި މެކްސިކޯއިން ވެސް ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ނަމަވެސް ވާޓިކަލް ފޮރެސްޓެއްގެ ޑިޒައިނަށް ގެޔެއް ބިނާ ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަންވެސް ބޮއޭރީ ބުންޏެވެ. އެގޮތުން ވާޓިކަލް ފޮރެސްޓެއް ހަދާ ކޮންމެ ސަރަހައްދެއްގައި އެންމެ ރަނގަޅަށް ހެދޭނެ ގަސްތަކާ ބެހޭ ގޮތުން ފުރަތަމަ ދިރާސާ ކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.
އެގޮތުން މިލާންގައި ހުރި ޓަވަރުތައް ހެދުމުގެ ކުރިން، އެސަރަހައްދުގައި އެންމެ ރަނގަޅަށް ހެދޭ ގަސްތައް ހޯދުމަށް ދެ އަހަރުގެ ދިރާސާއެއް ކުރިކަމަށް ބޮއޭރީ ބުންޏެވެ.
މީގެ އިތުރުން، އެހެން އާކިޓެކްޓުން ވަނީ އިމާރާތްތަކުގެ ބޭރުގައި ގަސް އިންދުމުގެ ސަބަބުން އިމާރަތް ކުރުމަށް ދާ ހަރަދާއި، އިމާރާތް އެއް ހާލަތެއްގައި ދެމެހެއްޓުމަށް ކުރާ ހަރަދުވެސް އިތުރު ވާނެކަން ފާހަގަކޮށްފައެވެ.
ނަމަވެސް ބޮއޭރީ ވަނީ އޭނާއެކޭ އެއްގޮތަށް އެހެން އާކިޓެކްޓުން ވެސް މިހާރު ވާޓިކަލް ފޮރެސްޓާ އެއް ގޮތް ޕްރޮޖެކްޓުތައް ހަދަމުންދާ ކަމަށާއި، އެއީ އޭނާ ވަރަށް އުފާވާ ކަމެއް ކަމަށް ބުނެފައެވެ.
"އަޅުގަނޑުމެން އާކިޓެކްޓުން އާއްމުކޮށް ކުރާކަމެއް ގުދުރަތީ މާއްދާތައް ބޭނުން ކުރުމަކީ. ނަމަވެސް ދިރުން ހުންނަ ގުދުރަތީ ބާވަތްތައް ތަފާތު ވާނެ. އާއްމު ގޮތެއްގައި އަޅުގަނޑުމެން ދިރުން ހުންނަ ގުދުރަތީ ބާވަތްތައް ދެކެނީ ޒީނަތްތެރި ކުރަން ހުންނަ ތަކެތީގެ ގޮތުގައި. ނަމަވެސް ވާޓިކަލް ފޮރެސްޓު މެދުވެރިކޮށް އަޅުގަނޑުމެން ދައްކާ ދިނީ.. ދިރުން ހުންނަ ގުދުރަތީ ވަސީލަތްތައްވެސް އާކިޓެކްޗާގެ ބަޔަކަށް ހެދޭނެކަން،" ބޮއޭރީ ބުންޏެވެ.