ނީލަގެރި އެތަށް ހާއްސަ ހޮސްޕިޓަލެއް ފުރަތަމަ ފަހަރަށް އިންޑިއާގައި ހުޅުވައިފިއެވެ.
އުއްތަރު ޕްރަދޭޝްގެ މަތޫރާ އަވަށުގައި "ވައިޑް ލައިފް އެސްއޯސް އިލެފަންޓް ހޮސްޕިޓަލް" ނަމަކަށް ކިޔާ އެ ހޮސްޕިޓަލް ހުޅުވީ މިދިޔަ ހުކުރު ދުވަހުގައެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ހިލޭ ސާބަހަށް ހިންގާ ވައިޑް ލައިފް އެސްއޯއެސްގެ އެއް ބާނީ ގީތާ ސެޝަމާނީ ބުނީ މި ހޮސްޕިޓަލަކީ އެންމެ ޒަމާނީ ފެންވަރުގެ ހިދުމަތްދޭނެ ހޮސްޕިޓަލެއް ކަމަށާއި ތަޖުރިބާކާރު ޑަކްޓަރުން ހޮސްޕިޓަލްގައި މަސައްކަތްކުރާ ކަމަށެވެ.
"މި ހޮސްޕިޓަލުން ޑިޖިޓަލް އެކްސް-ރޭ، ތާމަލް އިމޭޖިން އަދި އަލްޓްރާސޮނޯގްރަފީގެ ހިދުމަތް އެންމެ ފުރިހަމައަށް ލިބޭނެ. މިދިޔަ ދުވަސްކޮޅު ތެރޭގައި ވެސް ގިނަ އަދަދެއްގެ އެތް ވަނީ ފަރުވާ ހޯދާފައި،"
ގީތާ އިތުރަށް ބުނީ އިންޑިއާ ކަހަލަ އާބާދީ ބޮޑު ގައުމެއްގައި އެތުގެ ނިސްބަތް މަދުވުމަކީ ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއްކަމަށެވެ. އަދި ހޮސްޕިޓަލްއިން ފޯރުކޮށްދޭ ފަރުވާގެ އެހީގައި މަރުވާ އެތުގެ އަދަދު މަދުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.