ފައިނު މަޝްރޫއުގެ އީއައިއޭ ރިޕޯޓް ބަލައިނުގަންނަން އީޕީއޭ އިން ނިންމައިފި

ފައިނުގައި ހަދާ އެއާޕޯޓްގެ ކުރެހުމެއް --

ތިމާވެށީގެ މުއްސަނދި އަދި ގަސް ގިނަ ރަށް، ރ. ފައިނުގައި އެއާޕޯޓެއް އެޅުމަށް އައިލެންޑް އޭވިއޭޝަނުން ހުށަހެޅި "ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓް" އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ގަބޫލު ނުކުރާނެ ކަމަށް އެ އެޖެންސީ އިން ބުނެފި އެވެ.

އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހީމް ނައީމު މިއަދު ވަނީ ސަން އަށް އެކަން ކަށަވަރުކޮށްދީފަ އެވެ.

އީޕީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީއައިއޭ ގަބޫލުނުކުރަން ނިންމި ސަބަބަކީ އީއައިއޭ ރިޕޯޓުގައި ހިމަނަން ޖެހޭ ބައެއް ކަންތައްތައް ހިމަނާފައިނުވުމުން ކަމަށެވެ.

އެގޮތުން ޕްރޮޖެކްޓާ ގުޅުންހުރި މީހުންގެ ބަސް ހިމަނާފައިނުވާ ކަމަށާއި ފައިނުގެ ރައްޔިތުންގެ ހިޔާލާއި އެއާޕޯޓް ބޭނުންކުރާނެ މީހުންގެ ހިޔާލު ވެސް ހިމަނާފައިނުވާ ކަމަށް ބުނެފައިވެ އެވެ.

އޭގެއިތުރުން ފައިނުގެ ތިމާވެށްޓަށް އަންނާނެ ބަދަލުތަކުގެ ތަފްސީލު އެކަށޭނެ މިންވަރަކަށް ހުށައަޅާފައި ނުވާ ކަމަށް ވެސް އީޕީއޭ އިން ބުންނެވެ.

އީޕީއޭގެ ނިންމުން ގަބޫލުނުކުރެވޭ ނަމަ އިސްތިއުނާފަށް ހުށައެޅިދާނެ ކަމަށާއި އިސްތިއުނާފަށް ހުށައަޅަންވާނީ ލިޔުން ލިބޭތާ 10 ދުވަހުގެ ތެރޭގައި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި އެ ލިޔުން ގަބޫލުނުކުރެވެނީ ކީއްވެގެންކަން ސާފުކޮށް ބަޔާންކޮށް ލިޔުމަކުން ހުށައަޅަންވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.

އީޕީއޭ އިން ބުނީ އިސްތިއުނާފާ މެދު ގޮތެއް ނިންމުމުގެ ކުރިން ލިޔުމަކުން އެ އިސްތިއުނާފު އަނބުރާ ގެންދިޔުމުގެ އިހްތިޔާރު ލިބިގެންވާ ކަމަށެވެ.

ފައިނުގައި ތަރައްގީކުރާ އެއާޕޯޓު އެޅުމަށް އެ ރަށުން 5792 ރުއްގަސް ކަނޑަންޖެހޭ ކަމަށް (އީއައިއޭ) އިން ކުރިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް