ޕަލަސްތީނު އަތުން ވެސް ރާއްޖެ ބަލިވެއްޖެ

ގައުމީ އަންހެން ފުޓުބޯޅަ ޓީމު---

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިން ޓޯނަމަންޓުގެ ފުރަތަމަ ބުރުގެ ގްރޫޕް ޑީގައި ރާއްޖެ ކުޅުނު ތިން ވަނަ މެޗުން ފަލަސްތީނު އަތުން 2-1ގެ ނަތީޖާއިން ބަލިވެއްޖެ އެވެ.

އޭއެފްސީ ވިމެންސް އޮލިމްޕިކް ކޮލިފައިންް މުބާރާތަކީ 2020 ވަނަ އަހަރު ޖަޕާނުގައި އޮންނަ އޮލިމްޕިކްސް އަށް އޭޝިއާ ސަރަހައްދުން ކޮލިފައިވާ ދެ ޓީމު ހޮވަން ބާއްވާ މުބާރާތަކެެވެ.

އެ މުބާރާތުގެ ފުރަތަމަ ބުރުގައި ރާއްޖޭގެ މެޗުތައް ކުޅޭނީ ފަލަސްތީނުގަ އެވެ. ރާއްޖެ ހިމެނޭ ޑީ ގްރޫޕުގައި ރާއްޖެ ފިޔަވައި ހިމެނެނީ ފަލަސްތީނު، ޖޯޑަން އަދި އިންޑޮނޭޝިއާ އެވެ.

މިއަދު ފަލަސްތީނާ ދެކޮޅަށް ރާއްޖު ނުކުތް މެޗުން ރާއްޖެ ބަލިވި އިރު މެޗުގައި ރާއްޖޭގެ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ، މަރްޔަމް ރިފާ އެވެ.

ކޮލިފައިންގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފައިވާ އިރު ރާއްޖެއަށް ކޮލިފައިން ނިންމާލަން ޖެހިފައި ގްރޫޕުގެ ފުލުގައި އެންމެ ޕޮއިންޓެއް ވެސް ނުލިބި އެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުން ޖޯޑަން އަތުން ބަލިވީ 6-0ގެ ނަތީޖާއިންނެވެ. އަދި ދެވަނަ މެޗުގައި 3-1ގެ ނަތީޖާއިން އިންޑޮނޭޝިއާ އަތުން ވަނީ ބަލިވެފަ އެވެ.

އިންޑޮނޭޝިއާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭގެ ކެޕްޓަން ފަދުވާ ޒާހިރު ވަނީ ހިތްގައިމު ގޯލެއް ކާމިޔާބުކޮށްފަ އެވެ. ފަދުވާ ވަނީ ހާފްވޭ ރޮނގި ކައިރިން ބޯޅަ ހޯދައި ދެ ކުޅުންތެރިންގެ ގާތުން ދެމިލައިގެން ގޮސް، ކީޕަރާ އެކު ވަން އޮން ވަން ގައި ގޯލު ޖަހާފަ އެވެ.

އޭއެފްސީ އޮލިމްޕިކް ކޮލިފައިން މުބާރާތް ކުޅެނީ ހަތަރު ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ހަތަރު ގްރޫޕު ހިމެނޭ އިރު ކޮންމެ ގްރޫޕަކުން އެއްވަނަ ޓީމު އަދި ދެވަނަ ޓީމު ދެވަނަ ބުރަށް ދަތުރު ކުރާނެ އެވެ. އަދި ދެވަނަ ބުރުގައި 12 ގައުމު ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭނެ އެވެ. އެ ބުރުގެ ގްރޫޕުތަކުން އެއްވަނަ ލިބޭ ޓީމުތައް ތިންވަނަ ބުރަށް ދަތުރު ކުރާނެ އެވެ. ތިންވަނަ ބުރުގައި އަށް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅެން ހަމަޖެހިފައިވާ އިރު އޭގެ ތެރެއިން ދެ ގްރޫޕުގެ އެއްވަނަ އަދި ދެވަނަ ޓީމު ފައިނަލް ބުރަށް ދަތުރު ކުރާނެ އެވެ. ފައިނަލް ބުރަކީ އެ ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭ އޮފް ރައުންޑެކެވެ. އޮލިމްޕިކްސްއަށް ކޮލިފައި ވާނީ އެ ބުރުގައި މޮޅުވާ ދެ ޓީމެވެ.

ފީފާ ރޭންކިން އަށް ބަލައި، އޮސްޓްރޭލިއާ، އުތުރު ކޮރެއާ، ޗައިނާ، ދެކުނު ކޮރެއާ އަދި ތައިލެންޑު ވަނީ އޮޓޮމެޓިކުން ތިން ވަނަ ބުރަށް ކޮލިފައި ކޮށްފަ އެވެ. އަދި ވިއެޓްނާމްއާ އުޒްބެކިސްތާން ވަނީ ދެވަނަ ބުރަށް ކޮލިފައި ކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު އޮލިމްޕިކްސް ބާއްވާ ގައުމު ކަމަށްވާ ޖަޕާނު ވަނީ މުބާރާތަށް އޮޓަމެޓިކުން ކޮފައިވެފަ އެވެ.

comment ކޮމެންޓް