ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ފްރޭމްކޮށް ޖަލަށްލުމުގައި ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ބައިވެރިވުން ހިމެނޭ ކަމަށް ވިދާޅުވުމުން އެ ވާހަކަތައް ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ދޮގުކުރައްވައިފިއެވެ.
ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކުރީ އޭނާ ދިރިއުޅުއްވި ގެކޮޅުން ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމުގެ ކުށް ސާބިތުވުމުންނެވެ. ރާއްޖެ ވަޑައިގަތުމަށް ފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާ ފްރޭމްކޮށް ޖަލަށްލުމުގައި ރައީސް ޔާމީނާއި ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދުގެ ބައިވެރިވުން ހިމެނޭ ކަަމަށެވެ. އެގޮތުން ޑިފެންސް މިނިސްޓަރަކަށް ހުންނަ ބޭފުޅެއްގެ ގެކޮޅަށް ރައީސްއަށް އެނގިގެން ނޫނީ ފުލުހުންނަށް ނުވަދެވޭނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ،
ނާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވައި މުއާޒް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ މިނިވަން މުއައްސަސާއެއް ކަަމަށާއި އަދި ކުށެެއްގެ މައްސަލައިގައި ތަނެއް ބަލާ ފާސްކުރުމުގައި ވަޒީރެއްގެ ތަނެއް ވިޔަސް ރައީސް ޔާމީންގެ ހުއްދަ ހޯއްދަވަން ޖެހޭ ގޮތަށް އަންގާފައި ނުވާނެ ކަމަށެވެ.
"ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ވެސް އެ ފަދައިން އަމަލު ކުރައްވައިފައެއް ނުވާނެ. ރައީސް ދެކެވަޑައިގަންނަވާ ގޮތުގައި، ފުލުހުންގެ މަސައްކަތަކީ އެންމެހައި ނުފޫޒުތަކުން އެއްކިބާވެފައިވާ، މިނިވަންކަމާ އެކު ކުރެވެން ޖެހޭ މަސައްކަތެއް. އެހެންކަމުން ވަކި ބޭފުޅަކު ދިރިއުޅުއްވާ ތަނަކަށް ފުލުހުން ވަނުމާއި ނުވަނުން ބިނާވެފައި އޮންނާނީ ރައީސްގެ އަތްޕުޅުމަތީގައެއް ނޫން." މުއާޒް ވިދާޅުވިއެވެ.
ނާޒިމަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން މިމަހު ކުރީ ކޮޅު ވަނީ އަމުރުކޮށްފައެވެ.