ކާށިދޫ ދާއިރާގެ ގޮނޑީގެ މައްސަލަ އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ވައްދައިފި

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގަސްތުގައި ބަޔަކަށް ނާޖައިޒު ފައިދާއެއް ހޯއްދަވައިދެއްވި ކަމުގެ ކުށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މައްޗަށް ސާބިތުވެ، ދޮޅު އަހަރަށް އޭނާ އަރުވާލުމަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން، އެ ދާއިރާގެ ގޮނޑި ހުސްވެއްޖެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އަނެއްކާ ވެސް ސުޕްރީމްކޯޓަށް އެ މައްސަލަ ވައްދައިފި އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް މިފަހަރު ވެސް ހުށަހަޅާފައި ވަނީ ކުރިން ވެސް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ސ. ހިތަދޫ، ލާމިގޭ މޫސާ އަންވަރެވެ. ނަމަވެސް އެފަހަރު އެ މައްސަލަ ސުޕްރީމް ކޯޓުން ބޭރުކޮށްލާފައި ވަނީ ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމާ ގުޅިގެން އިދާރީ ގޮތުން ފިޔަވަޅު އަޅަން ޖެހޭ ފަރާތަކީ އިލެކްޝަންސް ކޮމިޝަން އަދި ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ އިރު އެ ދެ ފަރާތުން ވެސް އެ މައްސަލައާ ގުޅިގެން ވަކި ގޮތެއް ކަނޑައަޅާފައިވާ ކަން އެނގެން ނެތް ކަމަށް ބުނެ އެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި މޫސަ އަންވަރު މިއަދު ވިދާޅުވީ ވަނަ ފަހަރަށް އެ މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނީ އެ ގޮނޑި ހުސްވެފައިވާ ކަމަށް ގަބޫލް ނުކުރައްވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައިވާތީ ކަމަށެވެ. އަދި އެ ކޮމިޝަނަށް އޭނާ ފޮނުވި ސިޓީއެއްގެ ޖަވާބުގައި ވެސް އެ ގޮނޑި ހުސްވެއްޖެކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކޮމިޝަނުން ބުނެފައިވާތީ ކަމަށެވެ.

"ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހެޅީ، އެ މައްސަލަ ބޭރުކުރުމަށް ފަހު ތިން ދުވަހުގެ ތެރޭގައި އެކޯޓަށް އިލެކްޝަންސް ކޮމިޝަންގެ ރަސްމީ ނިންމުމެއް ހުށަހެޅުމަށް އެނގުމުން،" މޫސަ ވިދާޅުވި އެވެ.

ކާށިދޫ ގޮނޑީގެ މައްސަލާގައި ގާނޫނީ ފުށުއެރުންތަކެއް އުޅޭ ކަމަށް ބުނެ ސުޕްރީމްކޯޓުގެ އިސްތިޝާރީ ލަފަޔެއް ހޯދުމަށް އެދި އިލެކްޝަންސް ކޮމިޝަނުން ވަނީ ރައްޔިތުންގެ މަޖިލީހަށް މި މަހުގެ ކުރީ ކޮޅު ހުށަހަޅައިފަ އެވެ. އަދި އެ ގޮނޑި ހުސްވެއްޖެ ކަމަށް ނިންމާނީ ސުޕްރީމް ކޯޓުން އެ މައްސަލާގައި ނިންމާ ގޮތެއްގެ މައްޗަށް ބިނާކޮށް ނުވަތަ ޝަރުއީ އެންމެ ފަހު މަރުހަލާ ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު