ށ. ޅައިމަގުގައި ކުނިކޮއްޓެއް އެޅުމަށް ގިނަ އަދަދެއްގެ ރުއްތަކެއް ނަގާފައިވަނިކޮށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދިން މިންވަރަށް ވުރެ އިތުރަށް ނެގި ރުއްތައް އިންދައިފި އެވެ.
ޅައިމަގުގައި ކުނިކޮށި އެޅުމަށް 219 ރުއް ނަގަން ހުއްދަ ދިން ނަމަވެސް 224 ރުއް ވަނީ ނަގައިފަ އެވެ. އީޕީއޭ އިން ވަނީ އިތުރަށް ނެގި ރުއްތައް އަނބުރާ އިންދަން އަންގައިފަ އެވެ.
އީޕީއޭގެ ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް މިއަދު "ސަން" އަށް ވިދާޅުވީ އިތުރަށް ނެގި ރުއްތައް އިންދަން އެންގުމުން މިހާރު އެ ރުއްތައް ޅައިމަގުގައި އިންދާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރުއް ގިނަ ރަށްރަށުން ރުއް ނަގައިގެން ބޭރުކުރަން އުޅޭ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މީގެ އިތުރުން ގަވާއިދާ ހިލާފަށް އެހެން ރައްރަށަށް ރުއް ގަސް ގެންދާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.
އެކަމާ ގުޅޭ ގޮތުން މިދިޔަ ހަފްތާ އީޕީއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަރު ޖެނަރަލް އިބްރާހިމް ނައީމް ވިދާޅުވީ ގަވާއިދާ ހިލާފަށް ރުއްގަސް އުފުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާނެ ކަމަށާއި އޭގެ ތެރޭ ޅައިމަގު ވެސް ހިމެނޭ ކަމަށެވެ.
ނުވަ ރަށަކުން ގަވައިދާ ހިލާފަށް ރުއްކެނޑާފައިވާ ކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށް އީޕީއޭ އިން ބުނެ އެވެ. އޭގެ ތެރޭގައި ށ. ޅައިމަގުގެ އިތުރުން ށ. މާކަނޑުދު އާއި މިލަންދޫ ދ. ބަނޑިދޫ. ބ. ފުޅަދޫ ދ. އުއްދޫ. ގދ. ފަރެސްމާތޮޑާ ކައިރީ އޮންނަ ފަޅުރަށަކާއި ރ. ރަސްގެތީމް، ބ. މާމަޑުއްވަރި، ނ. މާފަރު ހިމެނޭކަމަށް އީޕީއޭ އިން ބުންޏެވެ.
ނ. މާފަރުން ނެގި ރުއްތަކެއް ރާއްޖެ އިން ބޭރުކުރުމަށް ބޯޓަކަށް އަރުވާފައިވަނިކޮށް އެ މައްސަލަ ހޫނުވުމުން ރުއްތައް ވަނީ އަނބުރާ ރަށަށް އަރުވައިފަ އެވެ.