ސަބްސިޑީގެ ކަންތައް ހަމަޖެހެންދެން އަތޮޅުތަކުގެ ކަރަންޓް ބިލްތަކަށް އިތުރުވި ބައި ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސަވައިފި

19:00


މާލޭ ސަރަޙައްދަށް ކަރަންޓް ސަބްސިޑީ މިހާރު ދެމުން ގެންދިއުމާއެކު، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ރައްޔިތުންގެ ކަރަންޓް ބިލްތަކަށް ސަބްސިޑީ ދިނުމުގެ ކަންތައް މިއަހަރުގެ ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން ހަމަޖެއްސެވުމަށާއި، އެކަން ހަމަޖެހެންދެން، އެ ސަރަޙައްދުތަކުގެ ކަރަންޓް ބިލްތަކަށް މިހާރު އިތުރުކުރެވިފައިވާ މިންވަރު، އެ ސަރަޙައްދުތަކުގެ ރައްޔިތުން ދައްކަން ނުޖެހޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފި އެވެ.


ރައީސުލްޖުމްހޫރިއްޔާ މިކަން މިގޮތަށް ހަމަޖެއްސެވީ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީން އެންސްޕާ އިން ދޭ ސަބްސިޑީގެ މަސައްކަތަށް އެހީތެރިވެދެއްވުމަށާއި، ހަލުވިކަމާއެކު އެމަސައްކަތް ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޓާސްކް ފޯހުން އެކަން އެގޮތަށް ހަމަޖައްސަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދަށް ލަފާއެރުއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ޓާސްކްފޯހުން ލަފާދެއްވާފައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ރާއްޖޭގެ އެހެން ސަރަޙައްދުތަކުގެ ރައްޔިތުންގެ ތެރެއިން ސަބްސިޑީ ދެވޭނެ ފަރާތްތަކަކީ ކޮބައިތޯ ބައްލަވައި، އެފަރާތްތަކުގެ ބިލަށް ސަރުކާރުން ދޭ މިންވަރު ކަނޑައަޅުއްވައި، މި އަހަރުގެ ސެޕްޓެމްބަރ މަސް ނިމުމުގެ ކުރިން އެކަން އިޢްލާނު ކުރެއްވުމަށް ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


މިގޮތަށް ނިންމެވުމުން، މި އަހަރުގެ އެޕްރީލް މަހުން ފެށިގެން މިދެންނެވި ބިލްތަކަށް ފައިސާ ދައްކަވާފައިވާ ފަރާތްތަކަށް، އިތުރަށް ނެގިފައިވާ ޢަދަދު، ޔުޓިލިޓީ ކުންފުނިތަކުން ކަނޑައަޅާ އުޞޫލެއްގެ މަތިން ކުރިއަށްއޮތް މަސްތަކުގައި ހެދޭ ބިލްތަކުން އުނިކުރެއްވުމަށް ނިންމަވާފައިވާ ކަމަށާއި އަދި އެ ބިލްތަކަށް މިހާތަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ބިލް ބަލައިގަންނާނީ، އެބިލްތަކަށް އިތުރުވި ޢަދަދު އުނިކުރުމަށްފަހުގައި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


މިގޮތަށް ނިންމެވީ، ކަރަންޓުގެ އަގަށް ބަދަލުގެނެވިފައިވާ ގޮތްތައް އިތުރަށް ބައްލަވައި ދިރާސާ ކުރެއްވުމަށް ބޭނުންފުޅުވާތީއާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެނެގަނެ، އެފަރާތްތަކުގެ ކަރަންޓު ބިލްތަކަށްވެސް ހެޔޮބަދަލެއް ގެންނަވަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު