ސިވިލްސާވަންޓުންގެ މުސާރަ އިޔާދަކުރުމުގެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ސިވިލްސާވަންޓުންގެ މުސާރަ އިޔާދަކޮށްފައި ވަނިކޮށް، ކުޑަކުރި މުސާރަ ޝީޓް ހެދުމަށް އެންގުމުގެ ބާރު ފިނޭންސް މިނިސްޓްރީ އަށް ލިބިގެން ނުވާ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށް ހައި ކޯޓުން ތާއިދު ކުރި ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފި އެވެ.

ސިވިލްސާވަންޓުންގެ މުސާރަ އިޔާދަނުކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް ދޫނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ގާޒީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ދައުލަތުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެ މައްސަލަ ސުޕްރީމް ކޯޓްގައި އިސްތިއުނާފުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެނފައިވާކަން އަދި ނޭނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ސިވިލްސާވަންޓުންގެ މުސާރައިން އުނިކުރި ބައި އަލުން ދިނުމަށް ނިންމާފައި ވަނިކޮށް، ކުޑަ ކުރި މުސާރަ ޝީޓް ހެދުމަށް ސީއެސްސީއަށް ފިނޭންސް މިނިސްޓްރީން ނޭންގޭނެ ކަމަށް ކަނޑައަޅައި ސިވިލް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމަށް ހައި ކޯޓުން ތާއީދު ކުރީ މެއި 10، 2011 އެވެ.

ހައި ކޯޓުން ތާއިދު ކުރި ހުކުމްގައި ބުނެފައި ވަނީ އިގްތިސާދީ ހާއްސަ ހާލަތެއް މެދުވެރިވެގެން ސަރުކާރުގެ އެދުމުގެ މަތިން ސިވިލްސާވަންޓުންގެ މުސާރަ ކުޑަ ކުރުމަކީ ސީދާ ސީއެސްސީއަށް ލިބިފައިވާ ބާރެއް ކަމަށެވެ. އަދި އެ ހާއްސަ ހާލަތު ބަދަލުވެފައިވާ ކަމަށް ސީއެސްސީއިން ނިންމައި މުވައްޒަފުންގެ މުސާރަ އެ ކޮމިޝަނަށް އިޔާދާ ކުރެވިދާނެ ކަމަށެވެ. އަދި މަދުވެގެން ތިން މަހުން ތިން މަހުން އެ މުރާޖާކޮށް ބަދަލުކުރުމުގެ ބާރު އެ ކޮމިޝަންގެ ގާނޫނުން ލިބިދީފައިވާ ކަމަށް ވެސް ހައި ކޯޓުގެ ހުކުމްގައިވެ އެވެ.

ސިވިލް ސާވަންޓުންގެ މުސާރައިގެ މައްސަލާގައި ސިވިލް ކޯޓުންކޮށްފައިވާ ހުކުމްގައި ބުނެފައި ވަނީ މުސާރަ އިޔާދަ ނުކުރުމަށް ހުރަސްއެޅޭ ގޮތަށް ސީއެސްސީއަށް ފިނޭންސް މިނިސްޓްރީ އިން ނޭންގޭނެ ކަމަށެވެ. އަދި ކޮމިޝަނަށް ލިބިފައިވާ ބާރެއް ހަނިކުރެވޭ ގޮތަށް ނުވަތަ ހުރަސްއެޅޭ ގޮތަށް އަމަލުކުރުމުގެ ބާރު ފިނޭންސަށް ލިބިގެންނުވާ ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު