ވޮޝިންޓަން (އޮކްޓޯބަރު 31): އެމެރިކާގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ހިލަރީ ކްލިންޓަން 2020ގައި ވެސް ރައީސް ކަމަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރާތެއް ކުރައްވައިފި އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަ ކުރެއްވި ހިލަރީ އެފަދަ އިޝާރާތެއް ކުރެއްވީ، އަނެއްކާވެސް ވެރިކަމަށް ވާދަ ކުރައްވާނެތޯ ނޫސްވެރިޔަކު ސުވާލު ކުރުމުންނެވެ. އެސުވާލުގެ ޖަވާބުގައި ފުރަތަމަ 'ނޫނެކޭ' ވިދާޅުވި ހިލަރީ އިތުރަށް ވިދާޅުވި އެވެ.
"އަޅުގަނޑު ބޭނުން ރައީސަށް ވާން. އަޅުގަނޑު އުއްމީދު ކުރަނީ ޖެނުއަރީ 2021ގައި އޯވަލް އޮފީހުގައި ހުންނަވާނީ ޑިމޮކްރެޓެއް ކަމަށް. އަޅުގަނޑުމެން ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތްތަކެއް އެބަ ހުރި،" ހިލަރީ ވިދާޅުވި އެވެ.
އަދި ހިލަރީ ވަނީ އޭނާ ސެނެޓުގައި ހޭދަ ކުރެއްވި އަށް އަހަރާއި ސްޓޭޓް ޑިޕާޓްމެންޓުގައި ހޭދަ ކުރެއްވި ވަގުތުގެ ސަބަބުން އޭނާ އެފަދަ މަސައްކަތަކަށް ތައްޔާރުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އޭނާ ދެން އަމަލު ކުރައްވާނެ ގޮތެއް ނިންމަވާނީ އަންނަ މަހުގެ ހަޔެއްގައި ބާއްވާ މިޑްޓާމް އިލެކްޝަންސްއަށް ފަހު ކަމަށް ވިދާޅުވެފަ އެވެ.
އެއިންތިހާބުގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އައްޔަން ކުރާނެ އެވެ. އޭރުން މިހާރު އެގައުމުގައި އޮތް ސަރުކާރަށް ރައްޔިތުންގެ ތާއިދު އޮތް މިންވަރު އެނގިގެންދާނެ އެވެ.
ދެހާސްއަށް ވަނަ އަހަރުވެސް ހިލަރީ ރައީސް ކަމަށް ވާދަ ކުރައްވަން މަސައްކަތް ކުރެއްވި އެވެ. ނަމަވެސް އެފަހަރު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެނޑިޑޭޓަކަށް ވެވަޑައިގެންނެވީ ކުރީގެ ރައީސް ބަރަކް އޮބާމާ އެވެ.