ޓިވެކްގެ ކެރިއަރ ޑޭއަށް ހޫނު ތަރުހީބެއް!

ބ. ކިހާދޫގައި ގާއިމްކުރި އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަަރުގައި ބޭއްވި ކެރިއާޑޭ ތެރެއިން-- ފޮޓޯ: އޭދަފުށީ ޓައިމްސް

ޒުވާނުންނަށް ތަފާތު ހުނަރުތައް ދަސްކޮށްދީ، ވަޒީފާގެ ބާޒާރަށް ނުކުތުމަށް ތައްޔާރުކުރުމުގެ ގޮތުން ބ. ކިހާދޫގައި ގާއިމްކުރި އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިން ސެންޓަަރު (ޓިވެކް) އިން ކެރިއާ ޑޭއެއް ބާއްވައިފިއެވެ.

ޓިވެކްގެ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު ނަޒީފް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އެ ކެރިއަރ ޑޭއަކީ ރިސޯޓުތަކާއި އަމިއްލަ ފަރާތްތަކުން އެދިގެން ބޭއްވި ޑޭއެއް ކަމަށެވެ.

އެ ހަރަކާތަކީ ޓިވެކްގެ ދަށުން ތަމްރީންތައް ފުރިހަމަކުރާ ދަރިވަރުންނަށް ރިސޯޓްތަކާއި ކުންފުނިތަކުން ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ބޭއްވި ހަރަކާތެއް ކަމަށްވެސް ނަޒީފް ވިދާޅުވިއެވެ.

" އޭގައި ބައިވެރި ފަސް ރިސޯޓާއި އަދި އަމިއްލަ ދެ ކުންފުންޏަކުންވެސް. އެ ތަންތަނުގައި ވަޒީފާގެ ފުރުސަތު ދަރިވަރުންނަށް ވަނީ ހޯދައިދެވިފައި،" ނަޒީފު ވިދާޅުވިއެވެ.

ނަޒީފު ވިދާޅުވީ އެ ކެރިއަރ ޑޭ ވަރަށް ކާމިޔާބު ކަމަށާއި އަދި ރިސޯޓުތަކުން ކޮންމެ ކުއްޖަކާ ވަކިން އިންޓަވިއު ކުރިއިރު، އެންމެ ބޮޑަށް ފެނިގެން ދިޔައީ ޓިވެކް ސެންޓަރުން ތަމްރީނުކޮށްފައި ތިބި ކުދިންނަކީ އަޚްލާގީ ގޮތުން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ތަޖުރިބާ ހުރި ކުދިންތަކެއްކަން ހާމަވި ކަމަށެވެ. އަދި އިންޖިނިއަރިންގ ދާއިރާއިން ރިސޯޓުތަކާ ކުންފުނިތަކުގައި މަސައްކަތް ކުރުމުގެ ގާބިލްކަން އެކުދިންގެ ކިބައިގައި ހުރިކަންވެސް އެފަރާތްތަކުން ފާހަގަކުރި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެ ސެންޓަރުގައި މިވަގުތު ކިޔަވައިދޭ ކޯސްތައް

  • އިންޖިން ރިޕެއާ އެންޑް މެނޭޖްމަންޓް
  • އޭސީ އެންޑް ރެފްރިޖިރޭޝަން ރިޕެއާ
  • އިލެކްޓްރިޝިއަން

ޓިވެކުން ހިންގި ކޯސްތަކުގެ ފުރަތަމަ ބެޗުގައި ބައިވެރިވި 50 ދަރިވަރުންގެ ތެރެއިން 44 ދަރިވަރުން ވަނީ ފާސްވެފައެވެ. އެ ކުދިންގެ ގްރެޖުއޭޝަން މާދަމާ ބޭއްވުމަަށް ހަަމަޖެހިފައިވާ ކަަމަށް ނަޒީފް ވިދާޅުވިއެވެ.

comment ކޮމެންޓް