އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުނުވާ ކަމަށް ނިންމައިފި

އަމީން ފައިސަލް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުވަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

އެމްޑީޕީގެ ވެރިކަމުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކ. އާރަށުގައި ބަންދު ކުރި މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކުރިން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރުގެ މަގާމުގައި ހުންނެވި ރައީސް ޔާމީން އާރަށުގައި ބެހެއްޓީ އެމަނިކުފާނަށް ހިމާޔަތް ދޭން ކަމަށް ބުނެ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ދަންވަރު އެވެ. އެމަނިކުފާނު ދޫކޮށްލާފައި ވަނީ ޖުލައި 23 ވަނަ ދުވަހު އެވެ.

ސިފައިން އޭރު ރައީސް ޔާމީން ހައްޔަރުކޮށް އާރަށަށް ގެންދިޔައީ ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހަޅުއްވާފައިވާ ކަމުގެ ތުހުމަތުގައި ފުލުހުން އެމަނިކުފާނު ހައްޔަރުކުރުމަށް ފަހު ސުޕްރީމް ކޯޓުގެ އަމުރެއްގެ ދަށުން ދޫކޮށްލި ފަހުންނެވެ.

އެ މައްސަލާގައި އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރި އިރު މިއަދު އޮތީ އެ މައްސަލާގައި ހުކުމް ކުރުމަށް ބޭއްވި އަޑުއެހުމެވެ.

މިއަދު ކުރި ހުކުމުގައި ވަނީ މަޖިލީސް މެމްބަރުންނަށް ހިމާޔަތް ދިނުމާއި ގާނޫނީ ވެރިކަން ދެމެހެއްޓުމަކީ ސަލާމަތީ ބާރުތަކުގެ މައްޗަށް ލާޒިމު ކަމެއް ކަން ފާހަގަކޮށް، ރައީސް ޔާމީން އާރަށުގައި ބެހެއްޓީ އޭރު މާލެތެރޭގައި ހާލަތު އޮތް ގޮތުން އެމަނިކުފާނަށް ހިމާޔަތް ދިނުމަށް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ހުކުމުގައި ބުނެފައި ވަނީ އެ މައްސަލާގައި ދައުލަތުން މައްސަލަ ސާބިތު ކުރުމަށް ހުށަހެޅި ހެކިންގެ ހެކިބަހަށް ބަލާ އިރު، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ވަރަށް ހެކި ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެން ކަމުން އަމީންގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

އަމީންގެ މައްޗަށް އެ ދައުވާ އުފުލާފައި ވަނީ ކުރީގެ ޓެރަރިޒަމް ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ ގާނޫނުގެ ހަ ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވި ނަމަ އޭނާ އަށް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

ރައީސް ޔާމީން ހައްޔަރު ކުރި މައްސަލާގައި ބަދަލު ހޯދަން އެމަނިކުފާނު ދައުލަތާ ދެކޮޅަށް މަދަނީ ކޯޓުގައި ދައުވާކޮށް ކާމިޔާބު ކުރެއްވި އެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ އެމައްސަލަ ދައުލަތުން އިސްތިއުނާފު ކުރަން ހުށަހަަޅާފައި ވަނިކޮށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތުމަށް ފަހު ބަދަލު ބޭނުން ނުވާ ކަމަށް ވިދާޅުވުމުން އިސްތިއުނާފް މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ރައީސް ޔާމީން ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ޓެރަރިޒަމްގެ ދައުވާ ކުރި އެވެ. އެހެން ނަމަވެސް މިދިޔަ ފާއިތުވި ހަފްތާގެ ތެރޭގައި ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފަ އެވެ.

comment ކޮމެންޓް