ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ކުރީގެ އުއްތަމަ ފަނޑިޔާރު އަދި ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން ]އޭސީސީ[އަށް މިދިޔަ ބުރާސްފަތި ދުވަހު ހުށަހަޅައިފި އެވެ.

ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑާ ސެކަރެޓަރީ މަގާމުގައި ހުންނެވި ޅ. ހިންނަވަރު، ލަކީ، އަބްދުލްހަމީދު އަބްދުލް ކަރީމް އޭސީސީއަށް ބުރާސްފަތި ދުވަހު ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ފަނޑިޔާރު އަބްދުﷲ ސައީދު ރަސްމީ ދަތުރުފުޅެއްގައި މިދިޔަ އީދު ބަންދުގައި ރަސްމީ ދަތުރެއް ކުރެއްވި ކަމަށާއި މިދިޔަ މަހުގެ 30 ވަނަ ދުވަހުން މި މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އައްޑުއަށް ވަޑައިގެން، އީދު ޗުއްޓީ ހޭދަ ކުރެއްވުމުގައި ގިނަ ވަގުތު ހޭދަ ކުރައްވާފައިވާ ކަމަށެވެ.

މައްސަލަ ހުށަހެޅުއްވި ފަރާތުން ބުނެފައި ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހަކީ ފިތުރު އީދު ދުވަސް ކަމަށް ވެފައި، ދެން ޖެހިގެން އައި ހަތަރު ދުވަހަކީ ވެސް ރަސްމީ ބަންދު ދުވަހެއް ކަމުން، އީދު ބަންދުގައި ކޯޓުތައް ހުޅުވައިގެން މުއައްޒަފުން ނެރެގެން އެ މަސައްކަތް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެހެންކަމުން އެ މަނިކުފާނުގެ ރަސްމީ ދަތުރުފުޅުގެ މަގްސަދު ހާސިލްވީ ކިހާ މިންވަރަކަށްތޯ ބަލައި ދިނުމަށް އޭސީސީގެ ރައީސް ހަސަން ލުތުފީއަށް ހުށަހެޅުއްވި ސިޓީގައިވެ އެވެ.

"ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަބްދުﷲ ސައިދު، އޮގަސްޓް 30، 2011 ސެޕްޓެންބަރު 2، 2011 އަށް އައްޑޫ ސިޓީއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ހަރަދުތައް ކުރައްވާފައި ވަނީ ދައުލަތުގެ ބަޖެޓުންތޯ ބައްލަވައި ތަގްގީގްކޮށްދެއްވުމަށް އެދެމެވެ. އަދި މި ދަތުރުފުޅުގެ މަގްސަދު ހާސިލްކުރެއްވުމަށްޓަކައި އެމަނިކުފާނު ކޯޓުތަކަށް ވަޑައިގެން ކިހާ ވަގުތެއް ހޭދަކުރެއްވިތޯ އާއި، އީދު ޗުއްޓީގައި ހޭދަކުރެއްވީ ކިހާ ވަގުތެއްތޯ ބައްލަވައި، އަމިއްލަފުޅު ބޭނުމަކަށް ދައުލަތުގެ ބަޖެޓުން ހަރުދުކުރެއްވާފައިވާ ނަމަ އެ މައްސަލަ ބައްލަވައިދެއްމުމަށް ދަންނަވަމެވެ." އޭސީސީއަށް ހުށަހެޅުއްވި މައްސަލާގައިވެ އެވެ.

އަބްދުﷲ ސައީދުގެ މައްޗަށް ތުހުމަތުކޮށް އޭސީސީ އަށް ހުށަހެޅި މައްސަލައާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އަބްދުﷲ ސައީދު އައްޑޫ ސިޓީ އަށް ވަޑައިގަތީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ނިންމެވުގެ މަތީން ކަމަށާއި އައްޑޫ ކޯޓްތަކުގައި އިދާރީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކެއް ހައްލުކުރެއްވުމަށް ކަމަށެވެ.

އަދި އަބްދުﷲ ސައީދުގެ އެ ދަތުރުފުޅުގައި ހިތަދޫ މެޖިސްޓްރޭޓް ކޯޓުގައި އެ ސިޓީގެ މެޖިސްޓްރޭޓުންނާ ވަކިވަކިން ބައްދަލުކުރައްވައި އަދި ކޯޓުތަކަށް ޒިޔާރަތް ކުރައްވައި ޝަރީއަތް ކުރުމުގަޔާއި އަދި ކޯޓުތައް ހިންގުމުގައި ދިމާވާ އިދާރީ ދަތިތަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދެވި ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު