ވަށަފަރުގައި ވެސް ކަރަންޓު ކެނޑުމުގެ މައްސަލަ ބޮޑުވެފައި

ހއ. ވަށަފަރުން މިއަދު ހެނދުނުން ފެށިގެން އެތައް ގަޑިއިރެއް ވަންދެން ކަރަންޓު ކެނޑިފައި އޮތުމަށްފަހު، އިރުއޮއްސި ހައެއް ޖަހަން އުޅެނިކޮށް އަލުން ކަރަންޓު ގުޅާދީފައިވީ ނަމަވެސް، ކޮންމެ ފަނަރަ މިނެޓަކުން ރަށުގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެމުންދާ ކަމަށް ވަށަފަރު ކައުންސިލުން ބުނެފި އެވެ.

ވަށަފަރު ކައުންސިލްގެ ރައީސް އަބްދުﷲ ޒާހިރު ވިދާޅުވީ، ވަށަވަރުން މިއަދު ހެނދުނު 10:00 ޖަހާއެހާކަންހާއިރު ކަރަންޓު ކަނޑައިގެން ދިޔައީ ރައްޔިތުން ހިންގާ އިންޖީނުގޭގައި ހުންނަ 65 ކިލޯވޮޓްގެ ޖެނެރޭޓަރުގެ ރޭޑިއޭޓަރުގެ ފޫވެއްޓުމާ ގުޅިގެން ކަމަށެވެ. އަދި އިރުއޮއްސި ރަށު ތެރެ އަނދިރިވަމުން ދަނިކޮށް، ކަރަންޓު އަނބުރާ ގުޅައިދިނީ އިންޖީނުގޭގައި ހުރި 36 ކިލޯވޮޓުގެ ޖެނެރޭޓަރެއް ބޭނުންކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، އެ ޖެނެރޭޓަރު ބޭނުންކޮށްގެން 800 އަށް ވުރެ ގިނަ މީހުން ދިރިއުޅެމުންދާ ވަށަަފަރަށް ކަރަންޓު ދިނުމުގައި މައްސަލަތަކެއް ދިމާވަމުންދާ ކަމަށާއި އެގޮތުން އެ ޖެނެރޭޓަރު ބޭނުންކޮށްގެން މުޅި ރަށަށް އެއްކޮށް ކަރަންޓު ނުދެވޭ ކަމަށެވެ.

"ލޯޑު ބޮޑުވާތީވެ ކުޑަ އެތިން ]36 ކިލޯވޮޓުގެ ޖެނެރޭޓަރުން[ ވަކި ވަރަކަށް ހިފަހައްޓަނީ. މުޅި ރަށަށް އެއްކޮށް ކަރަންޓެއް ނުދެވޭ. އެހެންވެ، ކޮންމެ 15 މިނެޓަކުން މިދެނީ ރަށުގެ އެއް ބަޔަކަށް،" ޒާހިރު ވިދާޅުވި އެވެ.

އެ މައްސަލަ ހައްލުކުރެވޭނީ ބޮޑު ޖެނެރޭޓަރު ރަނގަޅުކޮށްގެން ކަމަށާއި އެނޫން ގޮތަކަށް ހައްލު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ކެނޑިނޭޅި މަސައްކަތްކުރަމުންދަނީ އެ ޖެނެރޭޓަރު ހަދަން. ހެދިއްޖެއްޔާ އިރާދަކުރެއްވިއްޔާ މި މައްސަލަ ރަނގަޅުވާނެ މުޅިން އެއްކޮށް،"

އޭނާ ވިދާޅުވީ، ކަރަންޓުގެ ހިދުމަތް ދިނުމަށް ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. އަދި ރައްޔިތުން ގިނަ ޝަކުވާތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރަށު ކައުންސިލުން ތަކުރާރުކޮށް އެދުމުން ވެސް ނޮދަން ޔުޓިލިޓީސް އިން ވަނީ ވަށަފަރު އިންޖީނުގެއާ ހަވާލުވުމަށް ދެކޮޅު ހަދައިފަ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

"އަޅުގަނޑަކަށް ނޭގޭ އެއްގޮތަކަށް ވެސް [ނޮދަން ޔުޓިލިޓީސް] އިން އިންޖީނުގެއާ ހަވާލުނުވާން އުޅޭ ސަބަބެއް. އެބޭފުޅުން އެކަމުގައި ޖަވާބު ދޭން ޖެހޭނީ،" ޑީއާރްޕީން އެއްކޮށް ކޮންޓްރޯލްކުރާ ވަށަފަރު ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ޔޫޓިލިޓީސް ކުންފުނިން ވަށަފަރު ރައްޔިތުންނާ ބައްދަލު ނުކުރަނީސް ރައްޔިތުންގެ އިންޖީނުގެ ޔޫޓިލިޓީސް ކުންފުންޏަށް ނުނެގޭނެ ކަމަށް ބުނެ އެރަށު ރައްޔިތުން ވަނީ މިދިޔަ އަހަރު ނުރުހުންފާޅުކޮށްފަ އެވެ. އޭރު ވަށަފަރު މީހުން ބުނަމުންދިޔައީ، އެމީހުން ބޭނުންވަނީ ދެ ފަރާތުން އެއްބަސްވެވޭ އެއްބަސްވުމެއްގެ ދަށުން އެ ރަށު އިންޖީނުގެ ނޮދަން ޔޫޓިލިޓީސްއާ ހަވާލުކުރުމަށް ކަމަށެވެ.

ޔުޓިލިޓީސްގެ ބަހެއް މިރޭ ލިބޭ ގޮތެއް ނުވި އެވެ.

ރައީސް މިއަދު ދެއްވި ރޭޑިއޯ ހިތާބުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ ރަށްރަށަށް މިހާރު މާ ފަސޭހަކޮށް، އަދި އަގުހެޔޮކޮށް ކަރަންޓު ލިބެމުންދާ ކަމަށާއި އެކަމަށް މަގުފަހިވެފައިވަނީ ސަރުކާރުން އުފެއްދި ޔުޓިލިޓީސް ކުންފުނިތަކުގެ ސަބަބުން ކަމަށެވެ. އެގޮތުން ތަފާތު ރަށްރަށުގައި ސަރުކާރުގެ 100 އަށް ވުރެ ގިނަ އިންޖީނުގެ ހިންގަމުންދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޑީއާރްޕީން މިދިޔަ ހަފްތާތެރޭ ބުނެފައިވަނީ، ޑީއާރްޕީގެ ކައުންސިލްތައް ނުވަތަ ސަޕޯޓް ބޮޑު ރަށްރަށުގައި ކަރަންޓު ފަދަ އަސާސީ ހިދުމަތްތައް ދިނުމަށް ސަރުކާރުން ދެކޮޅު ހަދާ، ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު