އިންތިހާބު ބާތިލު ނުކުރަން ނިންމި ނިންމުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއާ ވަގުތީ ގޮތުން ހަވާލުވެގެން ހުރި ރޮބާޓް ހިލްޓަން---

ރިޔާސީ އިންތިޚާބު ބާތިލް ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަނޑަައަޅައި ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.

އެމެރިކާ އިން އެ ނިންމުމަށް މަރުހަބާ ކިޔާފައި ވަނީ އެމެރިކާއިން ސްރީލަންކާ އާއި ރާއްޖެ އަށް ކަނޑައަޅާފައި ކުރިން ހުންނެވި ސަފީރު އަތޫލް ކެޝަޕްގެ ދައުރު މިިދިޔަ ޖުލައި މަހު ހަމަވުމުން، އެމްބަސީގެ އެންމެ އިސްވެރިއެއްގެ ގޮތުގައި މިހާރު ހުންނެވި ރޮބާޓް ހިލްޓަން ކުރެއްވި ޓްވީޓެއްގަ އެވެ.

ހިލްޓަންގެ ޓްވީޓުގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް މަރުހަބާ ކިޔާ ކަމަށާއި، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރައީސް ކަމުގެ ހުވާކުރެއްވުމަށް ފަހު އެމަނިކުފާނާ އެކު މަސައްކަތް ކުރެއްއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.

އެމެރިކާއިން ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، ރައްޔިތުންގެ ނިންމުން ގަބޫލު ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެމެރިކާ އިން މީގެ ކުރިން އޮތީ ދީފަ އެވެ. އިބޫ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު އެގައުމުގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވެސް ވަނީ އިބޫއަށް ގުޅުއްވައި، މަރުހަބާ ވިދާޅުވެފަ އެވެ.

މިއަދު ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ރިޔާސީ އިންތިހާބު ބާތިލު ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް އަދި ގަރީނާއެއް މައްސަލަ ހުށަހެޅުއްވި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައި ނުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ކަންތައްތައް ތަހުގީގު ކުރުމަށް ކަނޑައަޅާނެ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

comment ކޮމެންޓް