އެމެރިކާއިން ނިއުކްލިއާ މުއާހަދާއިން ވަކިވުމަކީ ނުރައްކާތެރި ފިޔަވަޅެއް: ރަޝިއާ

ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ސާގޭ ރިއަބްކޮވާ -- ފޮޓޯ: ގެޓީ

މޮސްކޯ (އޮކްޓޯބަރު 21): އެމެރިކާއިން ރަޝިއާއާ އެކު ހަދާފައިވާ ނިއުކްލިއާ މުއާހަދާއިން ވަކިވުމަކީ ނުރައްކާތެރި ފިޔަވަޅެއް ކަމަށް ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ރަޝިއާއިން އެފަދައިން ބުނީ އެމެރިކާއިން އިންޓަމީޑިއެޓް ރޭންޖް ނިއުކްލިއާ ފޯސެސް (އައިއެންއެފް)އިން ވަކިވާން ނިންމި ކަމަށް އެގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ފަހުންނެވެ.

ރިއަބްކޮވް ވިދާޅުވި ގޮތުގައި އައިއެންއެފް އަކީ ބައިނަލްއަގުވާމީ ސަލާމަތަށާއި ނިއުކްލިއާ ހަތިޔާރުން ރައްކާތެރިވެތިބުމަށް މުހިއްމު މުއާހަދާއެކެވެ.

"އެއީ ބައިނަލްއަގުވާމީ މުޖުތަމައުން ސީރިއަސްކޮށް ކުށްވެރިކުރާނެ، ނުރައްކާތެރި ފިޔަވަޅެއް،" ފޮރިން މިނިސްޓަރު ސާގޭ ރިއަބްކޮވާ ވިދާޅުވި އެވެ.

އަދި އެމެރިކާއިން ބައިނަލްއަގުވާމީ އެއްބަސްވުންތަކުން ވަކިވަމުންދާނަމަ، ރަޝިއާއިން އެގައުމާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރުވެސް ރަޝިއާއިން ދިނެވެ.

އެމެރިކާއިން ރަޝިއާއާއެކު 1987ގައި ސޮއި ކުރި އައިއެންއެފްގެ ދަށުން އެއެގައުމުން ވަނީ އެއްގަމުން ފޮނުވާ، 500 ކިލޯމީޓަރާއި 5،500 ކިލޯމީޓަރުގެ ރާސްތާއަކަށް ދަތުރު ކުރާ މިސައިލް އުފެއްދުން މަނާކޮށްފަ އެވެ.

ނަމަވެސް އެމެރިކާއިން ވަނީ ރަޝިއާއިން އައިއެންއެފްއާ ހިލާފަށް އާ މެދު ރާސްތާ މިސައިލެއް އުފައްދާފައިވާ ކަމަށް ބުނެފަ އެވެ. އެފަދަ މިސައިލަކުން ރަޝިއާއަށް ނޭޓޯގެ ގައުމުތަކަށް ނިއުކްލިއާ ހަމަލާއެއް ދެވޭނެ އެވެ.

ނަމަވެސް ރަޝިއާއިން ވަނީ އެގައުމުން އައިއެންއެފްއާ ހިލާފު ނުވާ ކަމަށް ބުނެފަ އެވެ.

އަދި ނިއު ޔޯކް ޓައިމްސްއިން ބުނާ ގޮތުގައި އެމެރިކާއިން އެމުއާހަދާއިން ވަކި ވަނީ، ޗައިނާއިން ހުޅަނގު ޕެސިފިކުގައި އަސްކަރީ ބާރުގަދަ ކުރަމުން ދާތީ، އެގައުމާ ވާދަ ކުރުމަށްޓަކައި އެވެ.

comment ކޮމެންޓް