ފައިދާއެއް ނެތް ކަންކަމުގައި ވަގުތު ބޭކާރުނުކޮށް، ފޮތަށް އަހުލުވެރި އަދި ފޮތްތެރި ބަޔަކަށް ވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.
މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވާފައިވާ ހުކުރު ހުތުބާ ބިނާކޮށްފައިވަނީ އިލްމު އުނގެނުމާއި ފޮތް ކިޔުމަށެވެ.
ހުތުބާގައި ބުނީ މުޖުތަމައުގައި ތައުލީމު ފެތުރުމަށާއި، މުސްލިމުންގެ ދަރީންނަށް ކިޔަވައިދެއްވުމަށް ކީރިތި ރަސޫލާ ވަރަށް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވި ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ހޭލުންތެރި، އިލްމުވެރި އަދި އުފެއްދުންތެރި އުންމަތެއް ދޮންވެ ފައްކާވިކަމަށް ހުތުބާގައި ބުންޏެވެ.
ރަސޫލާގެ ޒަމާނުގައި ސަހާބީންގެ ތެރެއިން އިލްމުވެރި އެތައް ޒުވާން ބޭކަލުން ހިމެނުނުކަމަށް ހުތުބާގައި ބުންޏެވެ. އެގޮތުން ޚަލީފާއިންގެ ދައުރުގައި އެބޭކަލުންގެ މަޝްވަރާ މަޖިލީސްތަކުގައިވެސް އެފަދަ އިލްމުވެރި ބޭކަލުން ތިއްބެވިކަމަށާއި، އިސްލާމީ އުންމަތުގެ ތެރެއިން މުޅި ދުނިޔެއަށް އުފެއްދުންތެރި، އިލްމީ މީހުން އުފެދިގެން ދިޔައީ މިގޮތަށް ކަމަށް ހުތުބާގައި ބުންޏެވެ.
"ތަރުޖަމާކޮށް، ފޮތްތައް ލިޔެ ޝާއިއުކޮށް، އާ އީޖާދުތައް ކުރި ބޮޑު ހަޟާރާތެއް އުފެދުނެވެ. މި އުފެއްދުންތަކުގެ ސަަބަބުން ދުނިޔޭގެ ލައިބްރަރީތައް މުއްސަނދިވެ، ސިކުނޑިތައް ހުޅުވުނެވެ،" ހުތުބާގައި ބުންޏެވެ.
ހުތުބާގައި އިތުރަށް ބުނީ، މުސްލިމުން އެންމެ ގިނައިން ކިޔަންޖެހޭ، އަދި އެންމެ ފުރަތަމަ އުނގެނެންޖެހޭ ފޮތަކީ ކީރިތި ގުރުއާންކަމަށެވެ.
"ދަރީންނަށް ގުރުއާން ކިޔަވައިދީ، ގޭގައި ގުރުއާން ކިޔެވުމަށް ބާރުއަޅާށެވެ. ގުރުއާން ކިޔެވުމުގެ ސަބަބުން ދަރީންގެ ހިތް އަލިވުމަށް ރޫހާނީގޮތުން ބާރު ހޯދައިދޭށެވެ. އަދި އިސްލާމްދީން ބާރުއަޅާ، ދީން ހުއްދަކުރާ ތަފާތު ފޮތްތަކަށް ދަރީން އަހުލުވެރިކޮށް، ފޮތް ކިޔުމަށް ވަގުތު ދޭށެވެ،" ހުތުބާގައި ނަސޭހަތްތެރިވެފައިވެއެވެ.
އަދި ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިސްލާމީ ހަޟާރާތް، ބޮޑު ހަޟާރާތެއްގެ ގޮތުގައި ގާއިމުކުރެވުނީ ކީރިތި ގުރުއާނާއި، ކީރިތި ގުރުއާނާ ގުޅިގެން ފެށުނު ކިޔުމާއި ލިޔުމާއި ފިކުރާއި ވިސްނުމާއި އިހުލާސްތެރި އަމަލާއި އުފެއްދުންތެރިކަމުގެ ސަބަބުންކަމަށް ހުތުބާގައި ބުންޏެވެ.
"މިކަމުގެ ސަބަބުން އިސްލާމީ ހަޟަރާތް ވަނީ ދުނިޔޭގެ ގަދީމީ ހަޟާރާތްތައް ވީރާނާވެ އިންދިރާސްވުމުން ސަލާމަތްކޮށްދިން އުފެއްދުންތެރި އަދި އީޖާދުވެރި ހަޟާރާތަކަށް. އިސްލާމީ އިލްމުވެރިންނަކީ އަޅުކަމަށް ވަގުތު ހުސްކުރި ފަދައިން ފޮތްކިޔައި ފޮތްތަކުގައި ހިމެނޭ މައުލޫމާތު އުނގެނި އެކަމަށް ވަގުތު ހުސްކުރި އިލްމުވެރިންތަކެއް،"
"ވީއިރު އަދުގެ ދަރިވަރުންވެސް ފޮތަށް އަހުލުވެރިވާންޖެހެއެވެ. ފައިދާއެއް ނެތް ކަންކަމުގައި ކިޔަވާާ ކުދިންގެ ވަގުތު ބޭކާރުނުކޮށް، ފޮތްތެރި ބަޔަކަށް ވުމަށް ވަގުތު ހުސްކުރާށެވެ،" ހުތުބާގައި ގޮވާލިއެވެ.