"ކަނޑު އިބިލީސް" އަންނަ މަހު ރިލީޒްކުރަނީ!

"ކަނޑު އިބިލީސް" ގެ ޕޯސްޓަރެއް...

ކުޑަ ކުދިންނަށް ހާއްސަަ ކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" އަންނަ މަހު ރިލީޒް ކުރުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ފިލްމުގެ ޓީމުން ބުނެފިއެވެ.

ހދ. ކުޅުދުއްފުށީގައި ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވާ "ކަނޑު އިބިލީސް" އާ ބެހޭގޮތުން ސަން އަށް މައުލޫމާތު ދެމުން ފިލްމުގެ އެއް ޕްރޮޑިއުސަރު އަހުމަދު ޒިޔާ ބުނީ، ފިލްމު އަންނަ މަހުގެ ފަހު ކޮޅު އަަޅުވަން ނިންމާފައިވާ ކަމަށެވެ.

އެ ފިލްމަކީ ޒިޔާއާއި މަޝްހޫރު އެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ އިތުރުން މުހައްމަދު ރިއްފަތު ޕްރޮޑިއުސްކޮށްފައިވާ ކުޑަކުދިންގެ ފިލްމެކެވެ.

ކަނޑު އިބިލީސް

"އަންނަ ނޮވެމްްބަރު މަހުގެ ފަހުކޮޅު ރިލީޒް ކުރާ ގޮތަށް ހަަމަޖެހިފަ އޮތީ، އަދި ޑޭޓެއް ކަނޑަ އަޅާފަ ވަރަށް އަވަހަށް އިއުލާން ކުރާނަން، މިހާރު އޮތީ ފިލްމުގެ ހުރިހާ މަސައްކަތެއް ނިމިފަަ،" ޒިޔާ ބުންޏެވެ.

ޒިޔާ ބުނީ، ވަރަށް އަވަހަށް ފިލްމުގެ ޕޯސްޓަރުތައް ބެލުންތެރިންނަށް ދައްކާލައި އިސްތިހާރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ފިލްމުގެ ޕްރޮމޯޝަަނަލް ލަވަ ވެސް އަންނަ މަހު ބެލުންްތެރިންނާ ހަމަޔަށް އަންނާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އެ ފިލްމު ފުރަތަމަ ރިލީޒް ކުރުމަށް ހަމަ ޖެހިފައިވަނީ ހދ. ކުޅުދުއްފުށީގައެވެ. "ކަނޑު އިބިލީސް" ގައި ކުޅުދުއްފުށީގެ 100 އަަށް ވުރެ ގިނަ ކުޑަ ކުދިން ފެންނާނެ ކަމަށް ވެސް ޒިޔާ ބުންޏެވެ.

" އެރަށު ވަރަށް ބައިވަރު ކުދިން ތަކެއް ފެންނަ ފިލްމެއް ވީމަ ފުރަތަމަ އެެރަަށުގަ އަޅުވާގޮތަށް ނިންމީ، ދެން އެ ހިސާބު ގަނޑުން ފިލްމު އަޅުވަން ރިކުއެސްޓް ކުރާ ރަށްރަށުގަ ފިލްމު އެޅުވުމަށް ފަހު އައިސް މާލެ އަދި ހުޅުމާލެ ސިނަމާގެ އިތުރުން ޝްވެކް ސިނަމާގަ ފިލްމު އަޅުވާ ގޮތަށް އަދި މިއޮތީ"، ޒިޔާ ކިޔައިދިނެވެ.

ޒިޔާ ބުނީ، މާލެ، ހުޅުމާލެ އަދި ޝްވެކް ސިނަމާގައި ފިލްމު އަޅުވާއިރު ކޮންމެ ތާކުވެސް ފިލްމުގެ ދެ ޝޯ ދެއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ. "ކަނޑު އިބިލީސް" ގެ ޓިކެޓްގެ އަގު އެހެން ފިލްމުތަކަށް ވުރެއް ބޮޑުތަން އަގުހެޔޮވާނެ ކަމަށް ޒިޔާ ވަނީ ފާހަގަ ކޮށްފައެވެ.

އަމިއްލަ ރާގުގެ ލަވައެއް ހިމެނޭ އެ ފިލްމު ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ދަބާއެވެ. އެ ފިލްމުގެ މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ ގްރޫޕެވެ.

comment ކޮމެންޓް