"ދަ ސްްކައި އިޒް ޕިންކް"ގެ ޝޫޓިންއަށް ތަރިން ލަންޑަންގައި!

"ދަ ސްކައި އިޒް ޕިންކް" ގެ ތަރިންގެ ޕޯސްޓަރެއް...

ރޯއީ ކަޕޫރު ފިލްމްސްގެ ފުރަތަމަ ޕްރޮޖެކްޓު، "ދަ ސްކައި އިޒް ޕިންކް"ގެ ޝޫޓިން މިހާރު ކުރިޔަށް ދަނީ ލަންޑަންގައެވެ. އެ ފިލްމުގެ ގިނަ މަންޒަރުތަކެއް އިނގިރޭސި ވިލާތުގައި ނެގުމަށް ވަނީ ނިންމާފައެވެ.

ފިލްމުގެ މުހިއްމު މަންޒަރުތަކެއް މިހާރު ވަނީ ޝޫޓްކޮށް ނިމިފައެވެ. ބޮޑު ކާސްޓަކާއެކު ފެށި އެ ފިލްމުގެ މައިގަނޑު ވާހަކަ ބިނާކޮށްފައިވަނީ ވާހަކަދެއްކުންތެރިޔާ އައިޝާ ޗޯދުރީގެ ހަޔާތުގެ މައްޗަށެވެ.

ފިލްމުގެ ޝޫޓިން މީގެ މަހެއްހާ ދުވަސް ކުރިން ފެށުމަށްފަހު ޕްރިޔަންކާ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ބައެއް މީހުންގެ ވާހަކަތަކަކީ ކޮންމެހެން ވެސް ކިޔައިދޭން ޖެހޭ ވާހަކަތަކެއް ކަމަށާއި އައިޝާއާއި އޭނާގެ ހިތްވަރުގަދަ މައިންބަފައިންގެ ވާހަކަ ފިލްމެއްގެ ސިފާގައި ގެނެސްދެވޭތީ އުފަލުން ހުރި ކަމަށެވެ.

އައިޝާ ޗޯދުރީ އަކީ އުމުރުން އެންމެ 13 އަހަރުގައި ޕަލްމޮނަރީ ފައިބްރޯސިސްގެ ޝިކާރައަކަށްވެ، މޯޓިވޭޝަނަލް ސްޕީކާއަކަށް ވި މީހެކެވެ.

އެ ފިލްމުގެ މައިގަނޑު ކާސްޓުންގެ ތެރޭގައި ހިމެނެނީ ޕްރިޔަންކާ އާއި އެކްޓަރު ފަރްހާން އަޚްތަރު އަދި "ޑަންގަލް" އިން ވިދާލި ބަތަލާ ޒާއިރާ ވަސީމް އެވެ.

ފިލްމުގައި އައިޝާގެ ރޯލުން ފެނިގެންދާނީ ޒާއިރާއެވެ. ޕްރިޔަންކާ އަދި ފަރްހާން ފެނިގެންދާނީ ޒާއިރާގެ މައިންބަފައިންގެ ރޯލުންނެވެ.

އަންނަ އަހަރުގެ ފެބްރުއަރީ 22 ގައި ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ "ދަ ސްކައި އިޒް ޕިންކް" އަކީ ޝޯނާލީ ބޯސްގެ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

comment ކޮމެންޓް