އެމެރިކާ އާއި ތުރުކީއާ ދެމެދު ދެބަސްވުންތައް އުފެދުނު ސަބަބަކަށްވި ފާދިރީ ދޫކޮށްލައިފި

ތުރުކީން ހައްޔަރު ކުރި އެމެރިކާގެ ފާދިރީ އެންޑްރޫ ބްރަންސަން -- ފޮޓޯ: އޭޕީ

އަންކާރާ (އޮކްޓޯބަރު 13): އެމެރިކާ އާއި ތުރުކީއާ ދެމެދު ޑިޕްލޮމެޓިކް ދެބަސްވުންތަކެއް އުފެދުނު ސަބަބަކަށްވި، އެމެރިކާގެ ފާދިރީ އެންޑްރޫ ބްރަންސަން ތުރުކީން ދޫކޮށްލައިފި އެވެ.

މީގެ ދެ އަހަރު ކުރިން ބްރަންސަން ހައްޔަރުކުރީ 2016 ވަނަ އަހަރު ތުރުކީއަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގަ އެވެ. އަދި އޭނާގެ މައްޗަށްކޮފައިވާ ޓެރަރިޒަމާ ގުޅުން ހުރި ދައުވާތައް އިއްޔެ ވަނީ ސާބިތުވެ ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ނަމަވެސް އޭނާ ޖަލުގައި ހޭދަކޮށްފައިވާ ދުވަސްތަކަށާއި އަހުލާގަށް ބަލައި ކޯޓުން ނިންމީ ބްރަންސަން ދޫކޮށްލާށެވެ. އަދި މިއަދުގެ ވަގުތެއްގައި އޭނާ އެމެރިކާއަށް ދާނެ ކަމަށް ވައިޓް ހައުސްއިން ބުންޏެވެ.

ބްރަންސަން ހައްޔަރު ކުރުމާ ގުޅިގެން އެމެރިކާއިން ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައި، ތުރުކީން އެމެރިކާއަށް އެތެރެ ކުރާ ސްޓީލާއި އެލުމިނިއަމުން ނަގާ ޑިއުޓީ ބޮޑުކޮށްފަ އެވެ. އޭގެ ސަބަބުން ތުރުކީގެ ލީރާގެ އަގު ވެއްޓިފައިވާ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

އެމެރިކާ އިން އެޅި ފިޔަވަޅުތަކާ ގުޅިގެން ތުރުކީން ވަނީ އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓްކޮށް، އެމެރިކާ އިން ތުރުކީއަށް އެތެރެކުރާ ބައެއް އުފެއްދުންތަކުން ނަގާ ޑިއުޓީ އިތުރުކޮށްފަ އެވެ.

comment ކޮމެންޓް