އިޒްރޭލުގެ ޓީމު ފިއްލަދުއަށް ނޭރުވުމަށް ރައްޔިތުން ނިންމައިފި

ރާއްޖޭގެ ދަނޑުވެރިކަމަށް އިންވެސްޓްކުރުމަށް އިޒްރޭލުގެ ކުންފުންޏަކުން ހއ. އަތޮޅުގެ ދެ ރަށަކަށް ހޮނިހިރު ދުވަހު ޒިޔާރަތް ކުރަން ހަމަޖެހިފައި ވަނިކޮށް އެ އަތޮޅު ފިއްލަދޫ ރައްޔިތުން އިޒްރޭލުގެ ޓީމު އެ ރަށަށް ނޭރުވުމަށް ނިންމައިފި އެވެ.

ދަނޑުވެރިކަމުގެ ދާއިރާ އަށް އިންވެސްޓްކުރުމަށް ބޭނުންވާ އިޒްރޭލުގެ ޓެޝޫވާ އެގްރިކަލްޗްރަލް ޕްރޮޖެކްޓްސް ލިމިޓެޑްގެ މިޝަނެއް އަންނަ ހޮނިހިރު ދުވަހު ފިއްލަދުއަށް އަންނަކަން އެނގުމާ އެކު ފިއްލަދޫ ރައްޔިތުންގެ ތެރެއިން 100 ވަރަކަށް މީހުން ބައިވެރިވެގެން އިއްޔެ ޕެޓިޝަނެއް ހުށަހެޅުމާ އެކު ކައުންސިލުން ވަނީ ރޭ ރައްޔިތުންނާއި ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން އެ ކައުންސިލްގެ ރައީސް އާދަމް އިނާޒް މިއަދު ވިދާޅުވީ އެ ބައްދަލުވުމަށް ވަޑައިގެންނެވި ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ އިޒްރޭލުގެ ޓީމް ރަށަށް ނޭރުވުމަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ނިންމުމެއް ނޫން އެއީ. ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރީމާ އެ ބޭފުޅުން ނިންމެވީ ނާރުވާން،" އިނާޒު ވިދާޅުވި އެވެ.

ސަން އަށް ވެސް ކޮޕީލިބިފައިވާ އެ ޕެޓިޝަނުގައި ވަނީ 100 ވަރަކަށް މީހުން ސޮއިކޮށްފަ އެވެ. އެ ޕެޓިޝަންގައި ބުނަނީ "އެ ޓީމަކީ ހަގީގީ ދަނޑުވެރިކަން ކުރާ ޓީމަކަށް ނުވާތީ އާއި އެމީހުންގެ ބޭނުނަމަކީ ދިވެހިންގެ އަގީދާ ބަލިކަށިކޮށްލައި ކްރިސްޓިއަން ދީން ފެތުރުން ކަމައްވާތީ އިޒްރޭލުގެ ޓީމުން ފިއްލަދުއަށް އައުމަކީ އެމީހުން ގަބޫލުކުރާ ކަމެއް ނޫން" ކަމަށާއި ކައުންސިލުން މިކަން ހުއްޓުވައި ދެއްވުމަށް މަސައްކަތް ކުރުމަށެވެ.

ހއ. އަތޮޅު ކައުންސިލުގެ ރައީސް ޔޫސުފް ސިރާޖު ސޮއި ކުރައްވައި އެ އަތޮޅު ފިއްލަދޫ ކައުންސިލަށް ފޮނުވާފައިވާ ލިޔުމެއްގައި ބުނެފައި ވަނީ ޓެޝޫވާ އެގްރިކަލްޗްރަލް ޕްރޮޖެކްޓްސް ލިމިޓެޑުން މި މަހު ރާއްޖެ އަށް ކުރާ ޒިޔާރަތުގައި ފިއްލަދު އާއި ސިނާއީ މަސައްކަތް ކުރާ ރަށެއް ކަމައްވާ މާފައްސަށް ޒިޔާރަތްކުރާނެ ކަމަށާއި އެ ޒިޔާރަތުގައި އެ ކުންފުންޏާ ގުޅިގެން އިންވެސްޓް ކުރަން ބޭނުންވާ ދިވެހިންނަށް އެ ފުރުސަތުއޮތް ކަމަށެވެ.

"...އެ ބޭފުޅުންނާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި އެފަދަ ފަރާތްތަކަށް އެއިންތިޒާމް ހަމަޖައްސައިދެއްވުމަށް މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އިން އަންގަވާފައިވާތީ ދެންނެވިން،" އެ މެސެޖްގައިވެ އެވެ.

އެ މިޝަން އިން އަންނަ ހޮނިހިރު ދުވަހު އެ ދެ ރަށަށް ޒިޔާރަތްކުރަނީ ރާއްޖޭގައި އިންވެސްޓްކުރުމުގެ މާހައުލު ދެނެގަތުމަށާއި ރާއްޖެ އަށް އިންވެސްޓްކުރެވޭނެ ގޮތާއި އިންވެސްޓް ކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށް ކަމަށް ހއ. އަތޮޅު ކައުންސިލުން ފިޝަރީޒް މިނިސްޓްރީއާ ހަވާލާދީ ބުނެފައިވެ އެވެ.

އިޒްރޭލުގެ "އައިފުރޮމް ޒިއޯން"ގެ ޓީމެއް އައިޖީއެމްއެޗްގައި ވަނީ ފަރުވާދީފަ އެވެ. އެފަހަރު ވެސް އާންމުން އެކަމާ ދެކޮޅަށް ނުކުމެ މުޒާހަރާ ވެސް ކުރި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު