ސޫޗީއަށް ދިން ކެނެޑާގެ އޮނަރަރީ ސިޓިޒަންޝިޕް އަތުލައިފި

މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީއަށް ކެނެޑާއިން ދިން އޮނަރަރީ ސިޓިޒެންޝިޕް ވަނީ އަތުލާފައި -- ފޮޓޯ:

އޮޓަވާ (އޮކްޓޯބަރު 3): މިޔަންމާގެ ލީޑަރު އަންގް ސަން ސޫޗީއަށް ކެނެޑާއިން ދިން އޮނަރަރީ ސިޓިޒެންޝިޕް އެގައުމުން އަތުލައިފި އެވެ.

ދެހާސް ހަތް ވަނަ އަހަރު ސޫޗީއަށް ދިން ޝަރަފު އަތުލަން ކެނެޑާގެ ގާނޫނު ހަދާ މަޖިލީހުން ވޯޓު ދިނީ، މިޔަންމާގެ އަސްކަރިއްޔާ އިން އެ ގައުމުގައި ރޮހިންގާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކާ ގުޅިގެންނެވެ. އެޖަރީމާތަކަކީ ގަތުލްއާންމެއް ހިންގުމުގެ ގޮތުގައި ބެލެވޭނެ ކަމަށް އެމަޖިލީހުން ވަނީ ނިންމާފަ އެވެ.

އެ މައްސަލަ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅި ސެނެޓަރު ރަޓްނާ އޮމިދުވަރު ވިދާޅުވި ގޮތުގައި ސޫޗީ ވަނީ އެޖަރީމާތަކުގެ ރިޕޯޓުތައް ދޮގުކޮށް، މައްސަލަ ބެލުމަށް ދިޔަ އިންވެސްޓިގޭޓަރުންނާއި ނޫސްވެރިންނަށް ހުރަސް އަޅައި، އަސްކަރިއްޔާ ދިފާއުކޮށް، ރޮހިންގާއިންނަށް އިންސާނީ އެހީ ދިނުން ހުއްޓުވާފަ އެވެ.

މިދިޔަ މަހު އދ.ގެ ފެކްޓް ފައިންޑިން މިޝަންއަކުން ރިޕޯޓު ކުރި ގޮތުގައި މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ އެތައް ހާސް ރޮހިންގާއިން މަރައި، އެތައް ސަތޭކަ އަވަށުގައި ރޯކޮށް، ނަސްލެއް ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.

އެހެންކަމުން މިޔަންމާގެ އަސްކަރިއްޔާގެ އިސް ޖެނެރަލުން ތަހުގީގުކޮށް އެމީހުންގެ މައްޗަށް ދައުވާ ކުރުމަށް އދ.އިން ވަނީ ގޮވާލާފަ އެވެ. (އަލްޖަޒީރާ)

comment ކޮމެންޓް