ދޮށީ އުމުރުގެ މީހުންނަށް ރައްކާތެރިކަން ފޯރުކޮށްނުދޭތީ އެޗްއާރްސީއެމްއިން ކަންބޮޑުވެއްޖެ

އުމުރުން ދުވަސްވީ މީހަކު އައިޖީއެމްއެޗު ކައިރީގައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދޮށީ އުމުރުގެ މީހުންނަށް ދޭން ޖެހޭ ރައްކާތެރިކަން ފޯރުކޮށް ނުދޭ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

މިއަދު ފާހަގަކުރާ ދޮށީ އުމުރުގެ މީހުންގެ ދުވަހުގެ މުނާސަބަތުގައި އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ދޮށީ އުމުރުގެ މީހުންނަށް އަޅާނުލާ އެކަނިވެރިކޮށްލުމާއި އިޙްތިރާމް ނުކުރާކަމާ އަދި ޢާއިލާއިން ލިބިދޭން ޖެހޭ އޯގާތެރިކަމާއި ރައްކާތެރިކަން ފޯރުކޮށް ނުދިނުމަކީ އެ ކޮމިޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މުޖުތަމަޢުގެ އެކިކަންކަމުގައި ދޮށީއުމުރުގެ މީހުންގެ ބައިވެރިވުން އިތުރުކޮށް އެ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި އިޖުތިމާޢީ ރައްކާތެރިކަން އިތުރަށް ހަރުދުނާކުރުމަކީ މުހިއްމު ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައި ވަނީ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ދޮށީ އުމުރުގެ މީހުންގެ ރައްކާތެރިކަމާއި ޙައްގުތައް ކަށަވަރުކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރުކޮށް މުވައްޒަފުންނަށް އިތުރު ތަމްރީނުދޭން ޖެހޭ ކަމަށެވެ.

"އަދި ޢާއިލާތަކުންނާއި މުޖުތަމަޢުއިން ދޮށީއުމުރުގެ މީހުންނަށް ލޯތްބާއި އަޅާލުމާއި އޯގާތެރިކަން ދިނުމަށް އިލްތިމާސްކުރަމެވެ،"

ދޮށީ އުމުރުގެ މީހުން މުޖުތަމަޢުއަށް ކޮށްދީފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ލިބިދޭން ޖެހޭ ޙައްޤުތަކާ އަދި ކުރިމަތިވަމުންދާ ގޮންޖެހުންތަކާ މެދު މުޖުތަމަޢު ހޭލުންތެރިކުރުމަށް މަސައްކަތް ކުރުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

އެޗްއާރްސީއެމްގެ ބަޔާނުގައި ބުނެފައި ވަނީ ދޮށީ އުމުރުގެ މީހުންނާ ގުޅޭ ގޮތުން ދިވެހިރާއްޖޭގައި ހަރުދަނާ ގައުމީ ސިޔާސަތެއް އެކުލަވާލާ، އެކަންކަން ތަންފީޒުކުރުމަށް އުޞޫލުތަކެއް ކަނޑައެޅި، އެކަށީގެންވާ ޙަރަކާތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ. އެގޮތުން ދޮށީ އުމުރުގެ މީހުންގެ ތެރޭގައި ތިބި އަޅާލާނެ މީހަކު ނެތް މީހުންނަށް ޚިދުމަތްދިނުމާއި، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް ދޮށީއުމުރުގެ މީހުންނަށް ތަފާތު އެކިއެކި ޚިިދުމަތްތަކާއި މަޢުލޫމާތު ފޯރުކޮށްދީ އަދި ޒުވާނުންގެ މެދުގައި ދޮށީ އުމުރުގެ މީހުންނަށް އޯގާތެރިކޮށް ހިތުމުގެ ރޫޙު އާލާކުރުމަށް ޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވާކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ދެހާސް ސާދަ ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބަށް ބަލާ އިރު 2040ވަނަ އަހަރާހަމައަށް ރާއްޖޭގެ އާބާދީގެ 10 ޕަސެންޓަކީ ދޮށީ އުމުރުގެ މީހުންނެވެ.

ދޮށީ އުމުރުގެ މީހުންގެ ދުވަސް ފާހަގަކުރަނީ ދޮށީއުމުރުގެ މީހުންނަށް ލިބިދޭން ޖެހޭ އިންސާނީ ޙައްޤުތައް ކުރިއަރުވައި މުޖުތަމަޢުގެ ކަންތައްތަކުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށެވެ. އަދި އެ ފަރާތްތަކަށް ލިބިދޭން ޖެހޭ އިންސާނީ ޙައްގުތައް ފުރިހަމަޔަށް ލިބިދިނުމުގައި ހޯދާފައިވާ ކުރިއެރުންތަކާއި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެ ފަރާތްތައް ޝާމިލްވާ ގޮތަށް، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ މަސައްކަތުގައި ވީހާ ގިނަ ބަޔަކު ބައިވެރިކުރުމަށެވެ.

comment ކޮމެންޓް