ކުދިންގެ މުސްތަގުބަލަށް ފައިސާ ރައްކާކުރަން ބީއެމްއެލް ކިޑްސް ސޭވާ

ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓްގެ ޕްރޮމޯޝަނެއް މިއަދު ވަނީ ފަށާފައި --- ފޮޓޯ: ބީއެމްއެލް

ދިގު މުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށް ޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭ ގޮތަށް ތައްޔާރުކޮށްފައިވާ ބީއެމްއެލް ކިޑްސް ސޭވާގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މިއަދުން ފެށިގެން މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަނުގެ ދަށުން ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ފަރާތްތަކަށް އެއްވެސް ފީއަކާ ނުލައި މާސްޓަކާޑުގެ ޕްރިޕެއިޑް ކާޑަކަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ. އެކާޑަށް ބޭނުން އަދަދެއް ޖަމާކުރެވޭނެ ކަމަށާއި ކާޑު ދޫކުރާނީ ކިޑްސް ސޭވަ އެކައުންޓް ހުޅުވާފައިވާ ކުއްޖާގެ ނަންމަތީ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި އުމުރުން 18 އަހަރުން ދަށުގެ ކޮންމެ ކުއްޖަކަށް ވެސް ބީއެމްއެލް ކިޑްސް ސޭވާ އެކައުންޓާ އެކު މި ކާޑު ލިބިގެންދާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.

މީގެ އިތުރުން ޕްރޮމޯޝަންގެ މުއްދަތުގައި ކިޑްސް ސޭވާ އެކައުންޓް ހުޅުވާ ކުދިންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ކުއްޖަކަށް 15،000 ރުފިޔާގެ އިނާމެއް ދޭން ނިންމާފައިވާއިރު އިތުރު ތިން ފަރާތަކަށް 5،000 ރުފިޔާގެ އިނާމެއް ވަނީ ހުށަހަޅައިފަ އެވެ.

ކިޑްސް ސޭވާ އެކައުންޓް އޮޕަރޭޓްކުރެވޭނީ އެ ކުއްޖެއްގެ މަންމަ، ބައްފަ ނުވަތަ ގާނޫނީ ބެލެނިވެރިއަކަށެވެ. މި އެކައުންޓް ދިވެހި ރުފިޔާ އާއި ޑޮލަރުން ވެސް ހުޅުވޭ އިރު އެކައުންޓްގައި ބަހައްޓަންޖެހޭ އެންމެ ދަށް އަދަދަކީ 100 ރުފިޔާ އަދި 10 ޑޮލަރެވެ.

ކިޑްސް ސޭވާ އެކައުންޓް އޮޕްރޭޓްކުރާ ފަރާތަކުން ބޭނުންވާ ގޮތަކަށް އެކައުންޓަށް ފައިސާ ޖަމާކުރުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. މި ގޮތަށް ޖަމާކުރާ އިރު އެއްވެސް ޗާޖެއް ނުކުރާނެ އެވެ. މީގެ އިތުރުން އިންޓާނެޓް ބޭންކިން މެދުވެރިކޮށް އެކައުންޓްގެ ތަފްސީލު ބަލާލެވޭނެ އެވެ.

ކިޑްސް ސޭވާ އެކައުންޓް ފަރުމާކޮށްފައި ވަނީ ދިގު މުއްދަތެއްގައި ކުދިންގެ މުސްތަޤްބަލަށް ޓަކައި ރައްކާކުރާ ފައިސާ އެ ކުދިންނަށް އުމުރުން 18 އަހަރުވުމުން އެ ފައިސާގެ ބޭނުން ހިފޭ ގޮތަށެވެ.

މި އެކައުންޓްގައި ހުންނަ ފައިސާ މަތީ ތަޢުލީމް ހޯދުމަށް ބީއެމްއެލް އިން ދޫކުރާ ކިޔަވާލޯނުގެ އިކުއިޓީ ގޮތުގައި ވެސް ބޭނުންކުރެވޭނެ އެވެ. ބޭސްފަރުވާ އަށާއި ކުއްޖާގެ ކިޔެވުމަށް ކޮންމެހެން ކުރަން ޖެހޭ ޚަރަދެއްކުރުމަށް ޓަކައި މި އެކައުންޓުން ކޮންމެ މަހަކު އެއްފަހަރު ފައިސާ ނެގުމުގެ ފުރުސަތު ބެލެނިވެރިޔާ އަށް ލިބޭނެ އެވެ.

ކިޑްސް ސޭވާ އެކައުންޓް ހުޅުވުމަށް ބޭނުންވާ ފަރާތްތަކުން ބީއެމްއެލް ކޮންޓެކްޓް ސެންޓާގެ ނަންބަރު 3330200 އަށް ގުޅައިގެން އެޕޮއިންޓްމެންޓު ހަމަޖެއްސޭނެކަމަށް ބީއެމްއެލް އިން ބުނެ އެވެ.

comment ކޮމެންޓް