އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފިނޭންސް މިނިސްޓްރީ އިން ހުށަހަޅައިފި އެވެ.
ފިނޭންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ދެ މަސް ކުރިން ދައުލަތުގެ އަންދާޒާ ބަޖެޓު ތައްޔާރުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ ކަމަށް މާލިއްޔަތު ގާނޫނުގައި ބުނެފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ތައްޔާރު ކުރުމުގެ މަސައްކަތް މި އަހަރުގެ މާޗު މަހުން ފެށިގެން މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ކަމަށާއި ގާނޫނުގައި ބުނާ މުއްދަތު ކަމަށްވާ އޮކްޓޯބަރު މަހުގެ 31 ގެ ކުރިން ބަޖެޓުގެ މަސައްކަތް ނިންމާ މަޖިލީހަށް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާ ސަރުކާރުގެ އޮނިގަނޑާއި ސިޔާސަތުތައް ބަޖެޓުގައި ހިމެނުމަކީ މުހިއްމު ކަމެއް ކަމަށާއި ނަމަވެސް 2019 ވަނަ އަހަރު ދައުލަތް ހިންގާނީ އާ ސަރުކާރުން ކަމަށްވެފައި އެ ސަރުކާރުން ދައުލަތް ހިންގުމާ ހަވާލުވާއިރު ބަޖެޓު ހުށަހެޅުމުގެ ސުންގަނޑި ހަމަވާނެތީ 2019 ވަނަ އަހަރުގެ ބަޖެޓު ހުށަހެޅުމަށްޓަކައި، ބަޖެޓުގައި ހިމަނަން ބޭނުންވާ އިދާރީ ބަދަލުތަކާއި އާ ސިޔާސަތުތަކުގެ ތަފްސީލު ހިމެނޭހެން 2019 ވަނަ އަހަރުގެ ބަޖެޓު އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ތައްޔާރުކޮށްދިނުމަށް އެދިފައިވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަދި ބަޖެޓު ތައްޔާރު ކުރުމުގައި ފިނޭންސް މިނިސްޓްރީ އިން ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.