ޕާކިސްތާނު އަތުންވެސް ރާއްޖެ އަށް ބޮޑު މޮޅެއް

ރާއްޖޭން ޕާކިސްތާނު ބަލި ކުރި މެޗުގެ ތެރެެއިން -- ފޮޓޯ: ނެޓްބޯލް ސިންގަޕޯ

މިމަހު އެކަކުން ނުވަޔަކަށް ސިންގަޕޫރުގައި ކުރިއަށްދާ އޭޝިއަން ނެޓްބޯޅަ ޗެމްޕިއަންޝިޕްގެ ދެވަނަ ބުރުގައި ރާއްޖެއިން ޕާކިސްތާނުގެ މައްޗަށް ވެސް ބޮޑު ތަފާތަކުން ކުރި ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ ބުރުގެ ނަތީޖާތަކަށް ބަލައި، ތިން ކެޓަގަރީއަށް ޓީމުތައް ވަނީ ރޭންކް ކޮށްފައެވެ. ދެވަނަ ބުރުގައި ރާއްޖެ ހިމެނޭ ބޯލް ގްރޫޕް ޖީގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ޗައިނީސް ޓައިޕޭ، ޕާކިސްތާން އަދި ފިލިޕީންސެވެ.

މިއަދު ރާއްޖެ ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗު ރާއްޖެއިން ގެންދިޔައީ 60-34 އިންނެވެ. އެ މެޗުގައި ރާއްޖެ ޓީމުން އެންމެ މޮޅު ކުޅުމެއް ދެއްކީ ކެޕްޓަން އީމާ އަބްދުލް ސައްތާރު އެވެ. އޭނާ ވަނީ މެޗެގައި ރާއްޖޭގެ 60 ޕޮއިންޓުގެ ތެރެއިން 54 ޕޮއިންޓު ކާމިޔާބުކޮށްފަ އެވެ. މެޗުގައި އޭނާގެ ޝޮޓް އެކިއުރެސީ އަކީ 95 އިންސައްތަ އެވެ.

ރާއްޖޭން ޕާކިސްތާނު ބަލި ކުރި މެޗުގެ ތެރެެއިން -- ފޮޓޯ: ނެޓްބޯލް ސިންގަޕޯ

ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އިއްޔެ ރާއްޖެ ވާދަ ކުރީ ޗައިނީސް ޓައިޕޭއާ އެވެ. އެ މެެޗު ވެސް ރާއްޖެ އިން ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފަ އެވެ. އެ މެޗު ރާއްޖެ ގެންދިޔައީ 73-10 އިންނެވެ.

ފުރަތަމަ ބުރުގައި ރާއްޖެ 74-13 ގެ ނަތީޖާއިން ތަފާތު ބޮޑުކޮށް ބަލިވީ ވަރުގަދަ މެލޭޝިއާ އަތުންނެވެ. ދެވަނަ މެޗުގައި ޖަޕާނު އަތުން ރާއްޖެ ބަލިވީ ހަނި ގޮތަކަށެވެ. އެ މެޗުން ޖަޕާނު މޮޅުވީ 33-34 އިންނެވެ.

މުބާރާތުގައި ރާއްޖެ ދެން ނުކުންނާނީ ފިލިޕީންސްއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ މާދަމާ އެވެ.

comment ކޮމެންޓް