ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު "ފީފާ މެންސް ޕްލޭޔާ އޮފް ދަ އިޔާ އެވޯޑް 2018"އަށް ޔުވެންޓަސްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ، ރެއާލް މެޑްރިޑްގެ މިޑްފީލްޑަރު ލޫކާ މޮޑްރިޗް އަދި ލިވަޕޫލްގެ ވިންގަރ މުހައްމަދު ސަލާހު ނޮމިނޭޓު ވެއްޖެއެވެ.
މި އެވޯޑު ފާއިތުވި ދެ އަހަރު ވެސް ހޯދާފައިވާ ޕޯޗުގަލްގެ ރޮނާލްޑޯ ވަނީ މިދިޔަ ސީޒަނުގައި ރެއާލްއާއެކު ޗެމްޕިއަންސް ލީގު ހޯދައިފައެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީ ވެސް ރޮނާލްޑޯއެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި 11 މެޗުގައި 15 ގޯލު ކާމިޔާބުކޮށްފައެވެ.
މޮޑްރިޗް ވަނީ ރަޝިއާގައި މި އަހަރު އޮތް ފީފާ ވޯލްޑް ކަޕުގައި ކްރޮއޭޝިއާގެ ގައުމީ ޓީމު ކެޕްޓަންކޮށް، އެ ޓީމު ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދިޔުމުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ. އަދި އެ މުބާރާތުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އޭނާއެވެ. މީގެ އިތުރުން ރެއާލް މެޑްރިޑް މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ހޯދުމުގައި ވެސް އޭނާ މުހިންމު ދައުރެއް އަދާ ކުރިއެވެ.
ސަލާހު އަކީ ނިމިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ ފާއިތުވި ސީޒަނުގައި ގިނަ އަހަރުތަކަކަށްފަހު ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ތިން ކުޅުންތެރިން މީގެ ކުރިން ވަނީ ޔޫއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވެސް ނޮމޭޓުވެފައެވެ. ޔޫއެފާ އެވޯޑު ލިބުނީ މޮޑްރިޗް އަށެވެ.
މިފަހަރުގެ ފީފާ އެވޯޑަށް، ބާސާގެ ތަރި ލިއޮނަލް މެސީ ނޮމިނޭޓުވެފައި ނުވުމުން ގިނަ ބަޔަކު ދަނީ ފީފާއަށް ފާޑުކިޔަމުންނެވެ. ފާޑުކިޔާ ފަރާތްތަކުން ބުނަނީ ލިވަޕޫލްގެ ސަލާހުއަށް ވުރެ އެވޯޑަށް ނިމިނޭޓުވުން ހައްގީ މެސީ ކަމަށެވެ.
މިފަހަރު ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކޯޗުކަމަށް ނޮމިނޭޓުވެފައި ވަނީ ވޯލްޑް ކަޕް ފްރާންސް އަށް ކާމިޔާބުކޮށްދިން ޑިޑިއޭ ޑެޝޯމްޕް އާއި ޗެމްޕިއަންސް ލީގު މިދިޔަ ސީޒަނުގައި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިން ޒައިނުއްދީން ޒިދާންގެ އިތުރުން ވޯލްޑް ކަޕްގެ ފައިނަލަށް ކްރޮއޭޝިއާ ގެންގޮސްދިން ޒްލަޓްކޯ ޑަލިޗްއެވެ.