ހެޔޮ ބަހަކީ ވާހަކަ ދައްކާ މީހާގެ ޝަހުސިއްޔަތު ކަމަށާއި އެއީ ﷲގެ ހަޟްރަތަށް އޭނާގެ މެސެޖުތައް ގެންގޮސްދޭ ސަފީރު ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ ހެޔޮ ބަހަކީ ރަނގަޅު ނަފްސަކުން ނުކުންނަ ރަނގަޅު މޭވާއެއްކަމަށެވެ. ހެޔޮ ބަހަކީ ވާހަކަ ދައްކާ މީހާގެ ޝަހުސިއްޔަތު ކަމަށާއި ހެޔޮ ބަހަކީ މީސްތަކުންގެ ހިތްތައް ހުޅުވައިދޭ ތަޅުތަނޑި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.
ހުތުބާގައި ބުނީ ހެޔޮ ބަހަކީ ހަޔާތުގެ ހިނިތުންވުން ކަމަށާއި އެއީ އެމީހާގެ ފޭރާން ކަމަށެވެ.
އަނގައިން ނުކުންނަ ރަނގަޅު ބަހަކީ ފުރައްސާރަކުރުމާއި، ނެތިމޮށުމާއި، ފޮށުމާއި އެއްޗެހި ކިޔުން އޭގައި ނުހިމެނޭނެ ބަސްތައްކަމަށާއި އެއީ ﷲއަށް ޒިކުރު ކުރުމާއި ތަހްލީލާއި ތަހްމީދާއި ތަސްބީހަ ހިމެނޭ ބަސް ކަމަށް ވެސް މިއަދު އިއްވި ހުކުރު ހުތުބާގައި ބުނެފައިވެއެވެ.
ހުކުރު ހުތުބާގައި ބުނީ އިންސާނާގެ ނަފްސުގެ މައްޗަށް ވެރިވެގަނެ އޭނާ ހެއްލެނިކުރުމަށް ޝައިތާނާ އަބަދުވެސް މަސައްކަތް ކުރާނެ ކަމަށާއި އެކަމުގެ ސަބަބުން އިންސާނާއަށް ހަޑިހުތުރު ބަސް ބުނެވޭ ކަމަށެވެ. އިސްލާމީ ތަރުބިއްޔަތު މުހިއްމުވެގެންދަނީ މިސަބަބާހުރެ ކަމަށް ވެސް މިއަދު އިއްވި ހުތުބާގައި ވަނީ ބުނެފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު އިއްވި ހުތުބާގައި ބުނެފައި ވަނީ މުސްލިމް މީހާގެ މުޅި ހަޔާތް ބިނާކުރަން ޖެހޭނީ ހެޔޮ ބަހުގެ މަތީގައި ކަމަށާއި އެ ބަހުގެ ސަބަބުން ސަފުތައް އެއްގަލަކަށް އަރާފައިވާ ކަމަށެވެ.