ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ތިން މިލިއަން ޑޮލަރު ހަރަދު ކުރާކަމަށް ތުހުމަތު ކޮށްފި

ކޯލިޝަން ސްޕޯކްސްޕާސަން މާރިޔާ ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލެ ބްރިޖު ހުޅުވާ ރަސްމިއްޔާތުގައި ކުރިއަށް ގެންދަން ނިންމާފައިވާ ހަވާ އެރުވުމާއި ލޭޒާ ޝޯ އަށް ތިން މިލިއަން ޑޮލަރު (46 މިލިއަން ރުފިޔާ) ހަރަދު ކުރާ ކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.

ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނުކަން ކުރައްވާ މާރިޔާ އަހުމަދު ދީދީ މިއަދު ބޭއްވި ނޫސްކޮންފަރެއްސެއްގައި ވިދާޅުވީ އެ ފައިސާ އަކީ ބޭކާރު ކުރެވޭ ފައިސާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ނުރަސްމީކޮށް އެބައިވޭ ތިން މިލިއަން ޑޮލަރު މިކަމަށް ހަރަދު ކުރާނެ ކަމަށް. ހަމަ ދުމަށް އަރައިގެންދާ ރައްޔިތުންގެ ފައިސާ. ތިން މިލިއަން ޑޮލަރަކީ ރާއްޖޭގެ ރައްޔިތުންގެ އަތުންދާ 46 މިލިއަން ރުފިޔާ،" މާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިހެން ވިދާޅުވި އިރު ބްރިޖު ހުޅުވުމާ ގުޅޭ ތަފްސީލު ދެއްވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވީ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށް ކުރާ ޚަރަދުގެ ބޮޑު ބަޔަކީ ސީއެސްއާރުގެ ދަށުން ކުރާ ހަރަދު ކަމަށެވެ. ބްރިޖު ހުޅުވުުމުގެ ރަސްމިއްޔާތަށް ދާ ސީދާ ޚަރަދެއް މިނިސްޓަރު ވިދާޅުވެފައެއް ނުވެ އެވެ.

ބްރިޖު ހުޅުވާ ރަސްމިއްޔާތުގައި މި ސަރަހައްދުގައި ބާއްވާ އެންމެ ފުރިހަމަ ބަޑިބޭހުގެ ހަރަކާތް ބާއްވާ އިރު ހަވާ އަރުވާނީ އެކަމުގައި ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދާފައިވާ ކުންފުނިންނެވެ.

comment ކޮމެންޓް