"ދިލްބަރް"ގެ 3ޑީ އޯޑިއޯ ވާޝަން މާ ސަޅި ދޯ؟

"ދިލްބަރް" ގެ ރިމޭކިން އިން ފެންނަ ނޯރާ ފަތެހީ...

ބޮލީވުޑްގެ ކާމިޔާބު ބަތަލް ޖޯން އަބްރަހަމް ލީޑު ރޯލު ކުޅެ، މިމަހުގެ 15 ވަނަ ދުވަހު ރިލީޒްކުރި "ސަތިޔަމޭވް ޖަޔޭތޭ"ގައި ހިމެނޭ ލަވަ "ދިލްބަރް" މިވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައެވެ. މުޅި ދުނިޔޭގެ އިތުރުން ދިވެހިންގެ ތެރޭގައި ވެސް "ދިލްބަރް" ނުލާހިކު ހިޓް ވެއްޖެއެވެ.

މިސް އިންޑިއާ އަދި މިސް ޔުނިވާސްގެ ލަގަބުވެސް ހޯދާފައިވާ ސުޝްމީތާ ސެން އެކްޓް ކޮށްފައިވާ "ދިލްބަރް ދިލްބަރް" ލަވަ އަސްލު ހިމެނެނީ 1999ގައި ރިލީޒް ކުރި ފިލްމު "ސިރްފް ތުމް" ގައެވެ. މިފަހަރުގެ "ދިލްބަރް" އަކީ އެ ލަވައިގެ ރިމޭކިން އެކެވެ.

"ދިލްބަރް" ގެ ކުރީގެ ލަވައިން ފެންނަ ސުޝްމީތާ އާއި ރިމޭކިން އިން ފެންނަ ނޯރާ....

ނޯރާ ފަތެހީ ގެ މޮޅު އެކްޓިން އާއެކު މީގެ މަހެއްހާ ދުވަސް ކުރިން ރިލީޒްކުރި "ދިލްބަރް" މަގުބޫލްވި އިރު މި އަހަރުގެ އީދު ޝޯތަކުގައި ވެސް އެންމެ ހިޓްވީ އެ ލަވައެވެ. ފިލްމީ ފަންނާނުންނާއި ނެށުންތެރިންވެސް ވަނީ އެ ލަވައަށް ނަށައި އެތައް ރަށެއްގެ ސްޓޭޖްތައް ފަޅުފިލުވާލަދީފައެވެ.

އެ ލަވަ ގިނަ ބަޔަކަށް ކަމުގޮސްފައިވަނިކޮށް މިވަނީ އެ ލަވައިގެ 3ޑީ ސައުންޑް އިފެކްޓްސް ހިމަނާފައިވާ ވާޝަންއެއް ވެސް ރިލީޒްކޮށްފައެވެ. ހެޑްސެޓް ނުވަތަ އިއަރ ފޯނެއް ބޭނުންކޮށްގެން އަޑުއަހާލާ އިރު ހަމަ އެވަރެއް ނެތެވެ. ހީވަނީ ލަވައިގައި އުޅޭ ނޯރާ ކައިރީގައި ހުރެ ލަވަ ހުށަހަޅައިދޭހެންނެވެ. އެހާ ވެސް ހިތް ގައިމެވެ. މި ލަވައިގެ ފުރިހަމަކަން ވެސް އަންނާނީ ހެޑްސެޓް ޖަހައިގެން އަޑުއަހާލީމައެވެ. މި ލަވަ އަޑު އަހާލަށެވެ. ހެޑްސެޓް ޖަހަން ހަނދާން ކުރާށެވެ.

ނޯރާގެ "ދިލްބަރް" ޔޫޓިއުބްގައި އާންމުކުރިތާ ގިނަ ދުވަސްތަކެއް ވެފައި ވީނަމަވެސް ލަވައަށް ލިބެމުން އަންނަ ތަރުހީބަށް ކުޑަވެސް ބަދަލެއް ނާދެއެވެ.

ސަތޭކަ ނުވަދިހަ މިލިއަނަށް ވުރެ ގިނަ މީހުން އެ ލަވަ ބަލާފައިވާއިރު އެ ލަވައަށް ވަނީ ބޮލީވުޑްގެ ގިނަ ތަރިންގެ ތައުރީފްވެސް ލިބިފައެވެ. ކުރީގެ "ދިލްބަރް" އިން ފެނިގެންދިޔަ ސުޝްމީތާ ވެސް ވަނީ ނޯރާގެ ހުށަހެޅުމަށް ތައުރީފް ކޮށްފައެވެ.

"ދިލް ބަރް"ގެ ރީމޭކް ކިޔާދީފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނެހާ ކައްކަރުއެވެ. އެ ލަވައިގެ ކުރީގެ ވާޝަން ކިޔަދީފައިވަނީ އަލްކާ ޔަގްނިކްއެވެ.

comment ކޮމެންޓް