ސިނަމާލެ ބްރިޖު: އެތައް ބައެއްްގެ އުއްމީދު އެންމެ ފަހުން ހަގީގަތަކަށް

ސިނަމާލެ ބްރިޖު. ބްރިޖު ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުން --- ސަން ފޮޓޯ: އަހުމަދު އަވްޝަން

ދެހާސް އަށާރަ އޮގަސްޓް 30 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީޚުގައި މުހިއްމު ދުވަހަކަށް ވާނެ އެވެ. ގައުމުގެ ތާރީޚުގައި ވެސް މިހާތަނަށް ކުރިއަށް ގެންދެވުނު އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ނިންމައި އޭގެ އުފާ ފާހަގަ ކުރާނެ ދުވަހަކީ މިއީ އެވެ. މީގެ 10 ވަރަކަށް ފަނަރަ ވަރަކަށް އަހަރު ކުރިން ދިވެހިންގެ ދުލުކުރިއަށް އައި ބްރިޖުގެ ވާހަކަ އެންމެ ފަހުން މިވަނީ ހަގީގަތަކަށް ވެފަ އެވެ.

މާލެ އާއި ހުޅުލެ ގުޅާލާ ބްރިޖުގެ ވާހަކަތަކަށް ބަލާ އިރު ދާންޖެހެނީ ދުރު މާޒީ އަކަށެވެ. ކުރީގެ ރައީސް މުހައްމަދު އަމީންގެ ޒަމާނުއްސުރެ ބްރިޖުގެ ވާހަކަ ދެކެވުނު ކަމަށް ކިޔައި އުޅެ އެވެ. ނަމަވެސް ފަހުގެ ތާރީޚަކަށް ބަލާއިރު ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ސަރުކާރުގެ ދުވަސްވަރު މާލެ އާއި ހުޅުލެ ގުޅައިލުމަށް ވާހަކަތައް ދެކެވެން ފެށުނެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ގިނަ ދުވަސްތަކެއް ވަންދެން މިނިސްޓަރުކަން ކުރެއްވި އަދި އޭރު ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި އިސް ރޯލެއް އަދާ ކުރެއްވި އުމަރު ޒާހިރު، ރާއްޖޭގެ އޮންލައިން ނޫހަކަށް ދާދިފަހުން ދެއްވި އިންޓަވިއު އެއްގައި ވިދާޅުވެފައި ވަނީ 1997 ވަނަ އަހަރު، ހުޅުމާލެ ހިއްކުމަށް އަޅައިލި ފުރަތަމަ ވެލިކޮޅާ އެކު ހުޅުލެ އާއި މާލެ ބްރިޖަކުން ގުޅައިލުމުގެ ތަސައްވަރު އެމަނިކުފާނުގެ ހިތްޕުޅުގައި ކުރެހިގެން ދިޔަ ކަމަށެވެ.

ހުޅުލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖުގެ އަމަލީ މަސައްކަތް ރައީސް ޔާމީނާއި ޗައިނާގެ ކޮމާސް މިނިސްޓަރުގެ ނައިބު އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

އޭގެ 21 އަހަރު ފަހުން މި ތަސައްވަރު ހަގީގަތަކަށް ވެފައިވާ އިރު ހުޅުލެ އާއި ހުޅުމާލެ ގުޅާލާ ބްރިޖުގެ ހިޔާލީ މަންޒަރުތައް ދިވެހިންނަށް ފެނިގެން ދިޔައީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ގެނެސްދެއްވި މެނިފެސްޓޯ އިންނެވެ. "މޫންބޭ މެރީނާ"ގެ ނަމުގައި އޭރު ދިވެހިންނަށް ފެނުނު މަންޒަރުތަކާ ޑިޒައިން ތަފާތުވި ނަމަވެސް މިރޭ ހުޅުވިގެން މިދާ ބްރިޖަކީ މީގެ އެތައް އަހަރެއްގެ ތަސައްވަރެއް ހަގީގަތަކަށް ވުމެވެ.
މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ނިކުމެ ވަޑައިގެންނެވީ ބޭބޭފުޅުގެ ތަސައްވަރުގައިވާ ގޮތަށް މާލެ އާއި ހުޅުލެ ބްރިޖަކުން ގުޅާލާ ތަސައްވަރަކާއެކު އެވެ. ވެރިކަމުގެ ކުރީކޮޅު ބްރިޖާ ގުޅޭ މަސައްކަތްތައް ވަނީ ފަށައިފަ އެވެ.

ބްރިޖުގެ ފައުންޑޭޝަން އަޅަން ބޭނުންވާ ފުރަތަމަ ގައިޑް ފްރޭމް ބަހައްޓަނީ --- ފޮޓޯ/ ޓްވީޓާ

ބްރިޖުގެ މަސައްކަތް ކުރުކޮށް
މާލެ އާއި ހުޅުލެ ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު އެދުވަހު ވެވުނު އެއްބަސްވުމުގެ ދަށުން "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު" ނުވަތަ ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮންނަ އެކުވެރިކަން ރަމްޒުކޮށްދޭ މި ބްރިޖުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދާފައި ވަނީ ޗައިނާ ސަރުކާރުންނެވެ.

ދުއިސައްތަ މިލިއަން ޑޮލަރު ހަރަދު ކުރި މި މަޝްރޫއަށް އެންމެ ބޮޑު އެހީއެއް ވެދީފައި ވަނީ ޗައިނާ ސަރުކާރުންނެވެ. ދެހާސް ފަނަރަ ވަނަ އަހަރުގެ ޖޫން 11 ވަނަ ދުވަހު ބްރިޖުގެ މަސައްކަތަށް ޗައިނާ ސަރުކާރުން ދޭން ނިންމި ހިލޭ އެހީގެ އެއްބަސްވުމުގައި ދެގައުމުގެ ފަރާތުން ވަނީ ސޮއިކޮށްފަ އެވެ. ބްރިޖަށް ޗައިނާ ސަރުކާރުން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދެ އެވެ. ސަތޭކަ ހަތްދިހަ މިލިއަން ޑޮލަރުގެ ލޯނު އެހީއެއް ވެސް ޗައިނާ ސަރުކާރުން ވަނީ ބްރިޖު މަޝްރޫއަށް ދީފަ އެވެ. ދިވެހި ސަރުކާރުން މަޝްރޫއަށް ޚަރަދުކުރާނީ 30 މިލިއަން ޑޮލަރެވެ.

ޖުލައި 5، 2017: ހުޅުލެއާ މާލެއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ނޫސްވެރިންނަށް ދައްކާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބްރިޖު އަޅާ ކުންފުނި ކަނޑައަޅައި އެކަމުގެ އެއްބަސްވުމުގައި ޗައިނާ އާއި ރާއްޖެ އާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ 2015 ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. ބްރިޖުގެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދަން ތިން ކުންފުންޏެއް ޝޯޓްލިސްޓް ކުރި އިރު އެ މަޝްރޫއު ކުރިއަށް ގެންދިޔަ ސީސީސީސީ ސެކަންޑް ހާބާ އިންޖިނިއަރިން އާ މަސައްކަތް ހަވާލުކޮށްފައި ވަނީ 2015 ނޮވެމްބަރު 23 ވަނަ ދުވަހު އެވެ. ބްރިޖުގެ މަސައްކަތް ފެށުމުގެ ކުރިން ބްރިޖުގެ ފައިނަލް ޑިޒައިން ދައްކާލުމަށް 2015 ސެޕްޓެމްބަރު ހަތް ވަނަ ދުވަހުގެ ރޭ ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.

މާލޭގެ އިރުމަތީ ފަރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފަށާފައި ވަނީ 30 ޑިސެމްބަރު 2015 ގަ އެވެ. އެ މަސައްކަތް ފައްޓަވާދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޗައިނާގެ ކޮމާސް މިނިސްޓަރުގެ ނައިބު ގައޮ ޔަން އެވެ.
ބްރިޖުގެ މަސައްކަތް ކުރުމަށް ފަސޭހައަކަށް ވަގުތީ ފާލަމެއް އެޅުމަށް ފަހު މައި ބްރިޖުގެ މަސައްކަތް ފަށާފައި ވަނީ 2016 ވަނަ އަހަރު އެވެ. ހުރިހާ ތަނބެއް ގުޅާލާ ސުޕަ ސްޓްރަކްޗާ ފުރިހަމަ ކުރެވިފައި ވަނީ 2018 ޖުލައި 10 ވަނަ ދުވަހު އެވެ. މިއީ ނުކުރެވޭނެ ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ދިވެހިން ދެކުނު ހުވަފެނެއްގައި ކުލަ ޖެހުނު ދުވަހެވެ.

ކޮންމެ ދުވަހަކު 24 ގަޑިއިރު ގިނަ މުވައްޒަފުންތަކެއް މަސައްކަތް ކޮށް ގާތްގަނޑަކަށް ދެ އަހަރު ތެރޭ ބޮޑު ބްރިޖެއްގެ މަސައްކަތް މިވަނީ ނިންމާލައިފަ އެވެ. ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު އެ މަސައްކަތް ބަލައިލުމަށް ރައްޔިތުންނަށް ތިބެވޭނެހެން ޚާއްސަ ޕްލެޓުފޯމެއް ވަނީ ބްރިޖު މަސައްކަތް ކުރާ ސަރަހައްދާ ދިމާލުގައި ގާއިމްކޮށްފަ އެވެ. ދުރުމި ބަލައިގެން ރީތިކޮށް މަންޒަރުތައް ބެލުމުގެ ފުރުސަތު ވެސް ހުޅުވައިލި އެވެ.

ބްރިޖުގެ މަސައްކަތް ބެލުމަށް ރާޅުގަނޑުގައި ތަރައްގީކުރި ޕްލެޓްފޯމާއި އެސަރަހައްދު -- ސަން ފޮޓޯ/ފަޔާޒު މޫސާ

ދެ ކިލޯ މީޓަރުގެ މި ބްރިޖާ ގުޅޭ ގޮތުން ކޮންޓްރެކްޓަރު ބުނެފައި ވަނީ ބްރިޖަކީ 100 އަހަރުގެ އުމުރެއް ހުންނާނެ ބުރިޖެއް ކަމަށާއި ބުރިޖުގެ މަސައްކަތް ނިމުމާ އެކު މާލޭގެ ޓްރެފިކްގެ މައްސަލައަށް ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދަށް ވެސް އޭގެ ފައިދާ ކުރާނެ މަޝްރޫއެއް ކަމަށް ބުނެފައިވެ އެވެ.

ބްރިޖުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވިދާޅުވީ ބްރިޖަކީ ރާއްޖޭގެ އިގްތިޞާދު ބަދަލުކޮށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތްތަކުގެ މައި ތަނބުކަމަށެވެ.

ސިނަމާލެ ބްރިޖުގައި ހަތަރު ލޭން ގާއިމްކޮށްފައިވާ އިރު ދެ ލޭން ޚާޢްސަ ކޮށްފައި ވާނީ ޕަބްލިކް ޓްރާންސްޕޯޓުގެ ބަހަށާއި ސައިލަކަށެވެ. އަނެއް ދެ ލޭންގައި ދުއްވާނީ އާންމު އުޅަނދުތަކާއި ހެވީ ވެހިކަލްތަކެވެ.

"ސިނަމާލެ ބުރިޖު"ގެ މަސައްކަތްތައް ނޫސްވެރިންނަށް ދައްކާލުން---ސަން ފޮޓޯ/ ފަޔާޒް މޫސާ

ބްރިޖާއެކު އިތުރު މަޝްރޫއުތަކެއް
ބްރިޖާ ގުޅިގެން ކުރިއަށް ގެންދާ އެހެން މަޝްރޫއުތަކަށް ބަލާއިރު ހުޅުލެ އާއި ހުޅުމާލެ އާ ދެމެދު ބްރިޖުން ދަތުރު ކުރާނެ އިތުރު މަގެއް ހެދުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިންމާލައިފަ އެވެ. މާލޭގެ ބޭރުމަގު ރިންގް ރޯޑުގެ ނަމުގައި ތަރައްގީކޮށް ދެ ދުވަސްތެރޭ ނިންމާލާނެ އެވެ.

ބްރިޖާ ގުޅިގެން އެއާޕޯޓަށް އެއްގަމު މަގުން ދަތުރުކުރާ މިންވަރު އިތުރުވާނެތީ އެއާޕޯޓަށް ދާ އުޅަނދުތަކަށް ޚާއްސަ ޕާކިންގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ. މި ޕާކިން ސަރަހައްދުގައި 100 ކާރު ޕާކު ކުރެވޭނެ އެވެ. މީގެ އިތުރުން ބަހުގައި ދަތުރުކުރާ މީހުންނަށް ޚާއްސަ ބަސް ސްޓޭންޑުތަކާއި ބަސް ޓާމިނަލްތައް މާލެ އާއި ހުޅުމާލެ އަދި ހުޅުލޭގައި ވެސް ގާއިމް ކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް ނިންމާލައިފަ އެވެ.

މާލެ ހުޅުމާލެ ފެނުގެ ނިޒާމުން ގުޅާލަން ހޮޅިވަޅުލުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ/ އެމްޑަބުލިއެސްސީ

މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އެއްގަމު މަގުން ގުޅާލެވިފައިވާ އިރު، މާލެ ސަރަހައްދަށް ކަރަންޓާއި ފެން ފޯރުކޮށްދޭ ވިއުގައެއްގާއިމް ކުރުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އިގްތިސާދަށް ބޮޑު ބަދަލެއް
ބްރިޖާއެކު މާލެ އާއި ހުޅުލެ އަދި ހުޅުމާލެ އާ ދެމެދު ކުރާ ދަތުރުތަކަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ވިހި މިނެޓު ނޫނީ 25 މިނެޓު ހޭދަކޮށް ކަނޑުމަގުން ކުރާ ދަތުރުތައް ތިން މިނެޓަށް ކުރުވާނެ އެވެ. ބްރިޖުމަތިން ވިޔަފާރި މުދާ އުފުލުމަށް ފުރުސަތު ލިބި، އިގްތިސާދީ ގިނަ ހަރަކާތްތަކަކަށް މަގުފަހިވާނެ އެވެ. ކަނޑުމަގުން ހުޅުމާލެ އަށް މުދާ އުފުލަން ވިޔަފާރި ވެރިން ކުރި އުނދަގޫ ދަތުރު ފަސޭހަވެ، ރައްޔިތުންނަށް ވެސް އޭގެ ފައިދާ ފެންނަން ފަށާނެ އެވެ.

ސިނަމާލެ ބްރިޖު -- ފޮޓޯ/ ޓްވިޓާ (މިނިސްޓަރު މުހައްމަދު ސައީދު)

ބްރިޖު ހުޅުވާނީ ހުރިހާ ރައްޔިތުން ބައިވެރިކޮށްގެން

މާލެ އާއި ހުޅުލެ ގުޅުވައިދޭ "ސިނަމާލެ ބްރިޖު" މިރޭ ހުޅުވިގެންދާ އިރު ބްރިޖަކީ ދިވެހި ހުރިހާ ރައްޔިތުންގެ އެއްޗެކެވެ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ހުރިހާ ރައްޔިތުން ރަމްޒުވާނޭހެން މަންދޫބުން ބައިވެރިކުރާނެ އެވެ. މި ސަރަހައްދުގައި މިހާތަނަށް ބާއްވާ ހަވާއެރުވުމުގެ އެންމެ ކުލަގަދަ ރަސްމިއްޔާތާ އެކު ހަތް ދުވަހުގެ މުއްދަތަކަށް ބްރިޖު ހުޅުވުމުގެ އުފާ ފާހަގަ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.

ބްރިޖާ އެކު ޒުވާނުންނަށް ލިބުނު އެއް އުފަލަކީ ބްރިޖުމަތީ އަލަތު ކައިވެނި ކުރުމަށް ހުޅުވާލި ފުރުސަތެވެ. ބްރިޖު މަތީ ކުރެވޭ ތާރީޚީ ކައިވެނިތައް މާދަމާ ހަވީރު އޮންނާނެ އެވެ.

ގިނަ ގޮންޖެހުންތަކަކާއި ފާޑުކިޔުންތަކާ އެކު ކުރިއަށްގެން ދިޔަ ބިޔަ މަޝްރޫއުގެ ނިންމުން ފާހަގަކުރުމުގައި ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުގެ ވެރިން ބައިވެރިވާނެ އެވެ.

ސިނަމާލެ ބްރިޖު --- ފޮޓޯ: މިނިސްޓަރު މުއިއްޒު / ޓްވިޓާ

އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށް

ބްރިޖުގެ ވާހަކަ ދެކެވެން ފެށުމާ އެކު އެއީ ނުވާނެ ކަމަށް ބުނި ބަޔަކުވެސް އުޅުނެވެ. ނަމަވެސް މިއަދު ބްރިޖުގެ މަޝްރޫއު މިވަނީ ހަގީގަތަކަށް ވެފަ އެވެ. މާލެއިން އެއްގަމު މަގުން ހުޅުމާލެ އަށް ދާން ތައްޔާރަށް ތިބި އެތައް ރައްޔިތުންނެއް އެކަމުގެ އިންތިޒާރުގައި ތިބީ ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލަންދެންނެވެ. ހައުސިން މިނިސްޓަރު ވިދާޅުވީ ބްރިޖު އާންމު ދަތުރުފަތުރަށް ހުޅުވާލާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ކަމަށެވެ.

ބްރިޖުގެ މަސައްކަތް ނިމުމާ އެކު ބްރިޖާ ގުޅޭ ޝުއޫރުތައް ނަލަ ފޮޓޯތަކާ އެކު ސޯޝަލް މިޑިއާގައި ދައުރުވާން ވަނީ ފަަށައިފަ އެވެ. މިއީ ދިވެހިންގެ އުއްމީދުތަކާއި ގައުމުގެ މުސްތަގުބަލާ ގުޅިފައިވާ ކޮންކްރީޓް ބިނާ އަކަށް ވެފައިވާކަން ވަނީ ޔަަގީން ވެފަ އެވެ.

comment ކޮމެންޓް