ގއ. އަތޮޅު ހޮސްޕިޓަލުގައި ވިއްސާ ޑޮކްޓަރަކު ނެތިގެން އެ އަތޮޅު ވިލިނގިލިން ފުރައިގެން ގދ. ތިނަދޫ ރީޖަނަލް ހޮސްޕިޓަލަށް ދަތުރު ކުރަމުންދިޔަ ލޯންޗެއްގެ ތެރެއަށް ދުވަސް ނުފުރާ ކުއްޖަކު ވިހައިފި އެވެ.
ވިލިނގިލީ ރިއަލިޓީ، ޝޫޒީނާ އަޒީޒް 21،ގެ ފިރިމީހާ އަޒްލީފު މޫސަ މިރޭ ސަން އަށް މައުލުމާ ތު ދެމުން ބުނީ އޭނާގެ އަންހެނުން ވިހާނެ ކަމަށް ޑޮކްޓަރުން ކުރިން ލަފާކޮށްފައި އަންނަ މަހު 8ގައި ކަމަށާއި ނަމަވެސް ރެއިން ފެށިގެން ބަނޑުގައި ރިއްސާތީ ވިލިނގިލީ ހޮސްޕިޓަލަށް ދިއުމުން ޝޫޒީނާ މިއަދު ވިހާނެ ކަމަށް ނަރުހުން ބުނެފައިވާ ކަމަށެވެ. އަދި ރަށުގައި ވިއްސާނެ ޑޮކްޓަރަކު ނެތިގެން، ތިނަދުއަށް ދިއުމަށް ނަރުހުން ލަފާދިނުމުން މިއަދު 10:30ގައި ވިލިނގިލިން ފުރައިގެން ދަނިކޮށް މެންދުރު 11:37ގައި އަންހެނުން ކަނޑުމަށްޗަށް ވިހާާފައިވާ ކަމަށް އަޒުލީފު ބުންޏެވެ. އަދި އެ ވަގުތު އަންހެނުން ވިހެއުމުގައި އެހީތެރިވެދިނީ ވިލިނގިލީ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އެ ރަށުގެ ނަރުހެއް ކަމަށާއި އެއީ ބޭރު ނަރުހެއް ކަމަށެވެ.
"ކުޑަތަންކޮޅެއް ކަތުރަކުން ހަފާލައިގެން އަންހެނުން ވިހެއީ. އެކަން ކުރަމުންދިޔަ އިރު، ލޯންޗު ވެސް ވަރަށް ބޮޑަށް ތެޅެމުންދިޔައީ. ލޯންޗުގައި ތިބި އެހެން މީހުންނަށް ނުފެންނާނެ ގޮތަށް ބެޑުޝީޓް ދަމާލައިގެން އަޅުގަނޑުމެންތިބީ. ކަނޑުވެސް ގަދަ. ވައިވެސް ބާރަށް ޖެހެމުންދިޔަ. ހަނދާން ނައްތާލަށް ވަރަށް ދަތި ވަގުތެއް އެއީ. މިފުރުސަތުގައި ޖިހާދާއަށް )އޭނާގެ އަންހެނުން ވިއްސި ނަރުސް( ވަރަށް ބޮޑަށް ޝުކުރު އަދާ ކުރަން،" އަޒްލީފު ބުންޏެވެ.
އޭނާ ބުނީ އެކަށީގެންވާ ރައްކާތެރިކަމަކާ ނުލައި، އަދި ދުވަސް ނުފުރާ ކަނޑުމައްޗަށް އަންހެނުން ވިހަންޖެހުމުން ދަރިފުޅުގެ ނޭވާލުމުގެ ނިޒާމަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި ދަރިފުޅަށް މިހާރު ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގެ ނާސަރީން ފަރުވާދެމުންދާ ކަމަށް އަޒްލީފު ބުންޏެވެ.
އެނާ ބުނީ އަންހެނުންގެ ހާލު އެހާ ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް ތެޅެމުންދިޔަ ލޯންޗުގެ ތެރޭގައި އަންހެނުން ވިހެއުމަށް "ކުޑަތައްކޮޅެއް ކަފާލުމުމުގެ" ސަބަބުން ތިނަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.
ވިލިނގިލީ އަންހެނަކު މިއަދު ކަނޑުމައްޗަށް ވިހާފައިވާއިރު 2003 އަހަރު އެ ރަށުގެ އަންހެނަކު މާލެ ދަތުރު ކުރަމުންދިޔަ ބޯޓެއްގެ ތެރެއަށް ވިހާފައިވެ އެވެ. އަދި 1988 ވަނަ އަހަރު ވެސް މާލެ ދަތުރު ކުރި ބޯޓެއްގެ ތެރެއަށް އެ ރަށު އަންހެނަކު ވިހާފައިވެ އެވެ.