ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދުމުގެ ފުރުސަތު އަނެއްކާވެސް އިތުރުކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ ދަށުން އިމާރާތް ކުރާ ފްލެޓުތައް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅާ ފްލެޓުތަކަށް ކުރިމަތިލުމުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށެވެ. މުއްދަތު އިތުރުކުރީ ގިނަ ބަޔެއްގެ އެދުމުގެ މަތިން، ވީހާވެސް ގިނަބަޔަކަށް ފްލެޓަށް އެދި ފޯމުލުމުގެ ފުރުސަތު ދިނުމަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ނިންމާފައި އޮތީ ހިޔާ މަޝްރޫއުގެ ދަށުން ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މިމަހުގެ 31 ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފޯމު ބަލައިގަތުން ކުރިއަށްދަނީ އެކަމަށްޓަކާ ހައުސިން މިނިސްޓްރީގައި ގާއިމުކޮށްފައިވާ އެކްސްޕޯގައެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި 11،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހަޅާފައިވާކަމަށް މިނިސްޓަރު ވަނީ މިދިޔަ ހަފްތާ ވިދާޅުވެފައެވެ. މިނިސްޓަރު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 11،750 ފްލެޓު އެޅުމަށް ސޮއިކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން 9،000 ފްލެޓުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މި އަހަރުގެ މިނިވަން ދުވަހު ސަރުކާރުން ވަނީ ހިޔާ އެކޮމްޕްލިޝްޑް ގެ ނަމުގައިވެސް ބޯހިޔާވަހިކަމުގެ މަޝްރޫއެއް އިއުލާނު ކޮށްފައެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ފޯމު ބަލައިގަތުން އިއްޔެ ފަށާފައިވާއިރު އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ގެ ނިޔަލަށް ފޯމު ބަލައިގަންނާނެއެވެ.

ހިޔާ އެކޮމްޕްލިޝްޑް މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް 1،000 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެގޮތުން ގުޅީފަޅުން 230 ހެކްޓަރު އަދި އެނބޫދޫ ފަޅާ އިންވެގެން އޮންނަ ފުށިދިއްގަރު ފަޅުން 800 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް