އިންޑޮނީޝިއާގައި މިހާރު ކުރިއަށްދާ 18 ވަނަ އޭޝިއަން ގޭމްސްގެ ބެޑްމިންޓަން އިވެންޓުގެ ފިރިހެން ސިންގަލްސް ބައިގައި، މިއަދު ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ ކުޅުނު ފުރަތަމަ މެޗުން މޮޅުވެ ދެ ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
ބެޑްމިންޓަންގެ ފިރިހެން ސިންގަލްސް ޑިވިޝަންގެ ރައުންޑް އޮފް 32 ގައި ޒަޔާން މޮޅުވީ އަފްޣާނިސްތާންގެ ސައީދު އިމްރާން މެރީއާ ވާދަކޮށެވެ. އެ މެޗުން ޒަޔާން މޮޅުވީ 22-20، 21-11 އިންނެވެ. އެ މޮޅާއެކު މާދަމާ ގަދަ 16 ގައި ޒަޔާން ކުޅެން ޖެހެނީ ދުނިޔޭގެ ރޭންކިންގެ 14 ވަނައިގައި އޮތް ޖަޕާނުގެ ނަޝިމޯޓޯ ކެންޓާއާ ދެކޮޅަށެވެ.
ފިރިހެން ސިންގަލްސް ބައިގައި ދެން ވާދަ ކުރި ރާއްޖޭގެ މުހައްމަދު އަޖުފާން ކުޅުނު މެޗުން ވަނީ ހޮން ކޮންގެ ކަ ލޯން އެންގަސް އަތުން ބަލިވެފަ އެވެ. ދުނިޔޭގެ ރޭންކިންގެ 10 ވަނައިގައި އޮތް އެންގަސް އަޖުފާން ބަލިކުރީ 9-21، 10-21 އިންނެވެ.
އެެހެން އިވެންޓުތަކަށް ބަލާ އިރު ފިރިހެން ޑަބަލްސް ބައިން ރާއްޖޭގެ އަހުމަދު ތޯއިފް އާއި އަޖުފާންގެ ޕެއާ ވަނީ އިންޑިއާގެ ސުމީތު ރެޑީ އާއި އަތުރީ މައްނޫގެ ޕެއާ އަތުން ބަލިވެފަ އެވެ. އިންޑިއާގެ ޕެއާއިން މެޗު ކާމިޔާބު ކުރީ 21-10، 21-08 އިންނެވެ. މީގެ އިތުރުން ރާއްޖޭގެ އަނެއް ޕެއާ ކަމަށްވާ ޒަޔާން އާއި މުހައްމަދު ސާރިމްގެ ޕެއާ ވެސް ވަނީ ޗައިނީސް ޓައިޕޭގެ ލީ ޔުހޭއީ އާއި ލީ ޔަންގް އަތުން ބަލިވެފަ އެވެ. ޗައިނީސް ޓައިޕޭގެ ޕެއާއިން ސެޓުތައް ގެންދިޔައީ 21-04، 21-07 އިންނެވެ.
އަންހެން ސިންގަލްސް އަށް ބަލާއިރު، ރާއްޖެއިން ވާދަ ކުރި ދެ ކުޅުންތެރިން ވެސް ވަނީ ބަލިވެފަ އެވެ. ރާއްޖޭގެ ފާތިމަތު ނަބާހާ ވަނީ ނޭޕާލްގެ ތަމަން ނަންގްސަލްއާ ވާދަކޮށް ބަލިވެފަ އެވެ. އޭނާ ބަލިވިއިރު ނޭޕާލްގެ ކުޅުންތެރިޔާ ސެޓުތައް ގެންދިޔައީ 21-19، 21-15 އިންނެވެ. އަންހެން ސިންގަލްސްގައި ދެން ވާދަކުރި ރާއްޖޭގެ އައިމިނަތު ޝަހުރުނާޒް ވަނީ ޖަޕާނުގެ އޮކުހާރާ ނޮޒޫމީ އަތުން 21-02، 21-05 އިން ބަލިވެފަ އެވެ.
އަންހެން ޑަބަލްސް ބައިގައި ރާއްޖެއިން ވާދަ ކުރި ދެ ޕެއާ ވެސް ވަނީ ބަލިވެފަ އެވެ. އެގޮތުން، ރާއްޖޭގެ ނީލާ ނަޖީބާއި ޝަހުރުނާޒްގެ ޕެއާ ބަލިވީ ޕާކިސްތާނުގެ ގަޒާލާ ސިއްދީގާއި ސައިމާ ވާގަސް އަތުންނެވެ. މެޗުގެ ސެޓުތައް ޕާކިސްތާނުގެ ޕެއާއިން ގެންދިޔައީ 22-20، 18-21 އަދި 21-15 އިންނެވެ. ރާއްޖޭގެ އަނެއް އަންހެން ޕެއާ ކަމަށްވާ ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ބަލިވީ އިންޑޮނީޝިއާގެ ދެއްލާ ހާރިސް އާއި ޕްރަދިޕްތާ ރިޒްކީގެ ޕެއާ އަތުންނެވެ. އެ މެޗުގެ ސެޓުތައް އިންޑޮނޭޝިއާގެ ޕެއާއިން ގެންދިޔައީ 21-06، 21-04 އިންނެވެ.
އިންޑޮނޭޝިއާގެ ޖަކާޓާ އަދި ޕަލެމްބަންގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސް އަންނަ މަހުގެ ދެވަނަ ދުވަގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.