ފުޓުބޯޅައަށް ހިދުމަތް ކުރާ މީހުންނަށް ދޭ ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު ބެކަމްއަށް

އިނގިރޭސި ގައުުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް---

ފުޓުބޯޅައިގެ ދާއިރާއަށް އަގު ނުކުރެވޭ ހިދުމަތްތައް ކުރާ މީހުންނަށް، ޔޫރަޕްގެ ފުޓުބޯޅައިގެ މައި އިދާރާ، ޔޫއެފާއިން ދޭ "ޔޫއެފާ ޕްރެޒިޑެންޓްސް އެވޯޑު" މި އަހަރު، އިންގްލެންޑުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްއަށް ދޭން ނިންމައިފި އެވެ.

އުމުރުން 43 އަހަރުގެ ބެކަމްއަށް އެ އެވޯޑު ދޭން ނިންމާފައިވާ އިރު ޔޫއެފާ އިން ވަނީ އޭނާ ފުޓުބޯޅައިގެ އިތުރުން އިންސާނީ ހައްގުތަކަށް ކުރާ މަސައްކަތްތަކަށް ވެސް ތައުރީފުކޮށްފަ އެވެ. ބެކަމް އަކީ ޔުނިސެފްގެ ޗީފް އެމެބެސެޑަރުގެ ހައިސިއްޔަތުން އެ ދާއިރާގައި ގިނަ ގުނަ މަސައްކަތްތަކެއް ކުރާ މީހެކެވެ.

އެވޯޑު ބެކަމްއަށް ދިނުނަށް ނިންމުމަށް ފަހު ޔޫއެފާގެ ރައީސް އެލެކްސޭންޑާ ކެފަރިން ބުނީ ބެކަމް އަކީ އޭނާގެ ޖީލުގައި ފުޓުބޯޅައިގެ ދާއިރާގެ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށެވެ.

މީގެ ކުރިން މި އެވޯޑު ދީފައިވާ ކުޅުންތެރިންގެ ތެރޭގައި ނެތާލޭޭންޑްސްގެ ލެޖެންޑު ޔޯހާން ކްރައިފް، މެންޗެސްޓާ ޔުނައިޓެޑުގެ ލެޖެންޑް ސާ ބޮބީ ޗާލްޓަން، އޭސީ މިލާންގެ ލެޖެންޑު ޕައޮލޯ މާލްޑީނީ، ކޯޗް ބޮބީ ރޮބްސަން، އަދި ފްރާންޒް ބެކެންބާާ ހިމެނެ އެވެ. ބެކަމް ވެފައި މިވަނީ އެ އެވޯޑު ލިބޭ އިނގިރޭސިވިލާތުގެ ތިން ވަނަ މީހާ އަށެވެ.

ބެކަމްގެ 20 އަހަރު ދުވަހުގެ ކެރިއަރުގައި އޭނާ ވަނީ ދުނިޔޭގެ ބޮޑެތި ކްލަބުތަކަށް ކުޅެފަ އެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓެޑު، ރެއާލް މެޑްރިޑް، އޭސީ މިލާން އަދި ޕީއެސްޖީއަށް އޭނާ ކުޅުނެވެ. ކްލަބު ކެރިއަރުގައި އޭނާ ވަނީ 19 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި 10 ލީގު ޓައިޓަލް ހިމެނެ އެވެ.

އޭނާ ވަނީ ކެރިއަރުގައި އިންގްލެންޑުގެ ގައުމީ ޓީމަށް 115 މެޗު ކުޅެދީފަ އެވެ. އަދި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އެވެ.

މިހާރު އެމެރިކާގައި ދިރިއުޅޭ ބެކަމްގެ މިލްކުގައި ފުޓުބޯޅަ ޓީމެއް ވެސް އޮވެ އެވެ. މޭޖާ ލީގު ސޮކާގައި ކުޅޭ އެ ޓީމު ނިސްބަތް ވަނީ ފްލޮރިޑާގެ މަޔާމީ އަށެވެ.

comment ކޮމެންޓް