މަކުނުދޫގެ "އީދު ބޮނޑި" މިއަދު، ފޯރި ހުންނާނެ!

މަކުނުދޫގައި އަޅާ "އީދު ބޮނޑި" ފިހެ ނިމިފައި... ފޮޓީ/ ޝާއީ

މާދަމާ އަކީ މިއަހަރުގެ އަޟްހާ އީދު ދުވަހެވެ. ރަށް ރަށުގައި އީދު ފޯރި މިއަހަރު ވެސް ގަދަވާނެ ކަމަށް އޮތީ އަޑުތައް ފެތުރިފައެވެ. ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް އީދާ ދިމާކޮށް ހާއްސަ ކަންތައްތަކެއް ކުރެއެވެ. އީދާ ދިމާކޮށް ތަފާތު ފޮނި ކާތަކެތި ތައްޔާރު ކުރަނީ ފޯރީގަ އެވެ. ދައްކަން މިއުޅެނީ ރާއްޖޭގެ އެންމެ އުތުރުން ހދ. އަތޮޅުން "އެކަހެރިވެފައި" އޮންނަ މަކުނުދޫ ގައި، އެރަށު ރައްޔިތުން ކޮންމެ އަހަރަކު އީދަށް ތައްޔާރުކުރާ "އީދު ބޮނޑީ"ގެ ވާހަކަ އެވެ.

މިއީ މަކުނުދޫ ރައްޔިތުން ޒަމާނުންސުރެ ކޮންމެ އަހަރެއްގެ ވެސް އީދަށް ތައްޔާރުކުރަމުން އަންނަ ބޮނޑި އެކެވެ. އެ ބޮނޑި، އެރަށުގައި އަޅަން ފެށުނު ޒަމާނެއް ބުނަން ވެސް އެރަށުގެ ރައްޔިތުންނަށް ދައްޗެވެ. އެ ރަށު ޒުވާނުން ބުނާ ގޮތުން މިއީ މަކުނުދޫގެ އަސްލާ ގުޅިފައިވާ ކުޅިވަރެއް ކަމުން އެ ކަމަކީ ކުރިއަށް އޮތް ތަނުގައި ވެސް އެ ރަށުން ފަނޑުވުމެއް ނެތި ފެންނާނޭ ކުޅިވަރެކެވެ.

މިއަދަކީ މަކުނުދޫ ރައްޔިތުން "އީދު ބޮނޑި" އަޅާ ދުވަހެވެ. އެއީ ތަފާތުކުޅިވަރެކެވެ. ފޯރިގަދަވާނެ އެވެ. މަޖާ ކަމަކީ އަންހެންވެރިން ބޮނޑި ތައްޔާރުކޮށް ފޮރުވުމުން، ރަށުގެ ފިރިހެންވެރިން އެ ބޮނޑި ހޯދަން ކުރާ މަސައްކަތެވެ. މިއަދު ވެސް މަކޫނުދޫގެ ގިނަ ގޭގައި ބޮނޑި އަޅާނެ އެވެ. އެރަށަށް މިކުޅިވަރު ބަލާލަން ނުލާހިކު ދާހިއްވެ އެވެ.

މަކުނުދޫގައި ފިހެފައިވާ އީދު ބޮނޑި ތަކެއް... ފޮޓޯ/ ޝާއީ

މަކުނުދޫގައި އިހުއްސުރެ އަޅަމުން އަންނަ އީދު ބޮނޑީގެ ވާހަކަ ވަރަށް ތަފްސީލްކޮށް "ސަން" އަށް ކިޔާދިނީ ގިނަ އަހަަރުތަކެއް ވަންދެން މި ކުޅިވަރުގެ ތެރޭގައި ހަރަކާތްތެރި ވަމުން އަންނަ ލަތީފާ އަބްދުއް ސައްތާރެވެ. އެރަށު މީހުން "އީދު ބޮނޑި" އަޅަނީ އަމިއްލަ ރެސިޕީ އަކަށް ކަމަށް ލަތީފާ ބުނެޏެވެ.

"އީދު ބޮނޑި" އެޅުމަށް ބޭނުންވާ ތަކެތި

(މި ރިޕޯޓްގައި މި ހިމަނާ ތަކެއްޗަކީ އާދައިގެ ހެޔޮވަރު ބޮނޑި އެއް ތައްޔާރު ކުރުމަށް ބޭނުންވާނެ ތަކެއްޗެވެ)

* ހަނޑޫ ނާޅިއެއް

* ދެ ނާޅި ހަކުރު

* އަށް ކާށީގެ ހުނި

* ފޮނި ތޮށި އަދި ކާފޫރު ތޮޅި ރަހަ މީރުވާ ވަރަށް

ލަތީފާ ކިޔައިދިން ގޮތުގައި ބޮނޑި އެއް އަޅާ ގްރޫޕެއްގައި އާންމުކޮށް ހިމެނެނީ ހަތް މީހުންނެވެ. އަދި ބޮނޑި އަށް ބޭނުންވާ ތަކެތި ވެސް ހޯދާނީ ހަތް މީހުންގެ މައްޗަށް ބަހާލަގެންނެވެ. ހައްޖު ވިލޭރޭ ކޮންމެ މީހަކު ވެސް އެމީހެއްގެ ގޭގައި ހަނޑޫ ފެނުލާނެ އެވެ. އެއީ ބޮނޑި އަޅާ ދުވަހު ހެނދުނު ހަނޑޫ ފުނޑަން ފަސޭހައަކަށެވެ.

މަކުނުދޫ އަންހެނުންތަކެއް ޢީދު ބޮނޑި ފިހަނީ... ފޮޓޯ/ ޝާއީ

ހައްޖު ދުވަހު އެރަށުގެ އަންހެންވެރިން މަސައްކަތް ފަށަނީ މެނދުރުވާން ކައިރިވީމަ އެވެ. ހަތް މީހުން ވެސް ދެން އުޅޭނީ މަސައްކަތް ނިމި ބޮނޑި ފިހެވެންދެން ހަމަ އެކުގަ އެވެ. އެ ބޮނޑި އެޅުމަށް އެރަށު މީހުން ލައްކަ މަސައްކަތް ކުރެއެވެ.

ބޮނޑީގެ ފުށްގަނޑު ތައްޔާރުކުރާ ގޮތް ކިޔާދެމުން ލަތީފާ ބުނީ ފުރަތަމަ ހަނޑޫ ފުނޑާނީ ކަމަށެވެ. ހަނޑޫ ފުނޑާ އިރު ހުނީގެ އެއްބަޔާ އެއްކޮށްގެން ފުނޑަން ޖެހޭ ކަމަށް އޭނާ ބުންޏެވެ. އެއަށްފަހު ތާހަކަށް، ފުނޑި ހަނޑޫތަކާއި ހަކުރު އަޅާނީ އެވެ. އަދި ބާކީ ހުރި ހުނިތައް، ފޮނިތޮއްޓާއި ކާފޫރުތޮޅި އަޅާގެން "ގިރުވާނީ" ކަމަށް ލަތީފާ ކިޔަދިނެވެ. ލަތީފާ ބުނީ ފެން އަޅާއިރު ގިރުވިތަކެތި މާބޮޑަށް ދިޔާނުވާ ވަރަށް ބަލާ ކަމަށެވެ.

ދެންއޮތީ ބުރަ މަސައްކަތެކެވެ. ފިރިހެނެއްގެ ބޭނުން ޖެހޭނެ އެވެ. ތާސް އުނދުން މައްޗަށް ލައިގެން ފުއްގަނޑު ހިލާލެވޭނީ އަތުގައި ބާރު ހުންނަ ފިރިހެނަކަށް ކަމަށް ލަތީފާ ބުންޏެވެ. ފުށްގަނޑު ހިލިގެން ތާހުގައި ގުޅަވެށި އަދި އެ ފުށްގަނޑުން ތެޔޮ ހިލެންދެން ހާކަންޖެހޭނެ ކަމަށް ލަތީފާ ބުންޏެވެ.

އީދު ބޮނޑި ފިހަން ތައްޔާރުކޮށް ފުށްގަނޑު ތެއްޔަށް ޖަހާފައި... ފޮޓޯ/ ޝާއީ

ދެން ޖެހޭނީ ގަދަޔަށް ހިލި ފުށްގަނޑު ތާހެއްގައި ދޮންކެޔޮ ފަތް ފެތުރުމަށްފަހު އޭގެ މައްޗަށް ފަތުރާށެވެ. ކުރީގައި ބޭނުންކޮށް އުޅުނީ އުނިފަތެވެ. ފުށްގަނޑު ފެތުރުމަށްފަހު މަތިން އަނެއްކާ ވެސް ދޮންކެޔޮފަތް ޖަހާ، ބަންދު ކުރާ ހިސާބުން، އެ އާދެވެނީ މި މަސައްކަތުގެ އެންމެ މަޖާ ހިސާބަށެވެ.

ތާހުގެ މަތިންނާ، އަޑިން އަލިފާން ޖައްސާގެން މަޑުގިނީގައި ދެން ފިހާނީ އެވެ. އޭރު ހުންނާނީ ހަވީރު އަތަށް އަޅާލާފަ އެވެ. ބޮނޑި ފިހެވޭ ވަހުން ރަށުތެރެ އޮންނާނީ އެއްވަސްވެފަ އެވެ. ފިރިހެންވެރިން ވެސް އަވަސްވެ ގަންނާނީ ގްރޫޕް ހަދާފައި ބޮނޑި ހޯދަން ދާށެވެ. ލަތީފާ ބުނީ "ކޮބާ މިގޭގަ މިފަހަރު ބޮނޑި އެއް ނާޅަން؟" މިހެން ސުވާލު ކޮށް ބަދިގެ ދޮށާ ކައިރިވާން ޒުވާން ފިރިހެން ކުދިން މަަސައްކަތް ކުރާ ކަމަށެވެ.

ބޮނޑި ފިހެވޭ އިރު ހުންނަނީ އިރު އޮއްސިފަ އެވެ. ފިހެވުނު ބޮނޑި ގޭތެރެ އަށް ގެންދަން ޖެހެނީ ފިރެހެނެއް ނެތް ދަނޑިވަޅަކަށް ބަލައިގެންނެވެ. ލަތީފާ ބުނީ މިޒަމާނުގައި ބޮނޑި ފިހެ ނިމިގެން ގެންދާ ގޮތަށް ކޮޓަރިއަށް ވަދެ ތަޅުލަނީ ބޮނޑި އަޅަން އުޅޭ ތަނުން މީހަކާއި އެކީގައި ކަމަށެވެ.

މަކުނުދޫ އަންހެނުންތަކެއް އީދު ބޮނޑި ފިހަނީ... ފޮޓީ/ ޝާއީ

ބޮނޑި، ކޮޓަރީގައި އޮތް ކަމުގައި ވިއަސް ގިނަ ފަހަރު ފިރިހެނުން ބޮނޑި ހޯދަ އެވެ. ފާހާނަ ފެންލައިޓް އިން ވަދެގެން ނޫނީ ސީލިންގް ގޮޅިން ފިލާ ނައްޓައިގެން ނަމަވެސް އެމީހުންގެ މަަސައްކަތް ކާމިޔާބު ކުރެ އެވެ. ބޮނޑި ގެންދިއުމުން އެއްގޮތަކަށް ވެސް އަންހެންވެރިން ދެރައެއް ނުވެ އެވެ. ސަބަބަކީ، އެމީހުން ކޮންމެ އަހަރަކު ވެސް މި މަސައްކަތް ކުރަނީ މަޖަލެއްގެ ގޮތުގައި ކަމަށްވާތީ އެވެ. މިހާރުގެ ފިރިހެންވެރިން ބޮނޑި ކައިފައި އެ ބޮނޑިއަކަށް ވާވަރަށް ރުފިޔާ ދޭ ކަމަށް ލަތީފާ ކިޔަދިނެވެ.

މި ކުޅިވަރުން ވެސް އެ ރަށުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ނިކަން ރަނގަޅަށް ހާމަވެ އެވެ. މަކުނުދޫ "އީދު ބޮނޑީ"ގެ ރަހަޔަށް އަދި އެ ކުޅިވަރަށް ދުވަހަކު ވެސް، ބަދަލެއް އަންނާނެ ހެނެއް ހިޔެއް ނުވެ އެވެ.

comment ކޮމެންޓް