މޭޑޭ މައްސަލާގައި ހައްޔަރުކުރި މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދެނީ

މޭޑޭ މުޒާހަރާގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މޭޑޭ ފާހަގަ ކުރަން ސަރުކަރާ އިދިކޮޅު ފަރާތްތަކުން 2015 ގައި ކުރި މުޒާހަރާގައި، ފުލުހަކަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައި ހުރި ގައިދީއެއް އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށައިފި އެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި އައިޖީއެމްއެޗުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ، މޭޑޭ މުޒާހަރާގެ ތެރެއިން މަގުމައްޗަށް ވެއްޓުނު ޕޮލިހެއްގެ ގައިގައި ފޯނަކުން ޖެހިކަމަށް ބުނެ ހައްޔަރުކޮށްފައިވާ ގ.ފްރެޝް ލައިޓް، އިބްރާހިމް ރަޝީދު، 26، އަށެވެ.

ކަރެކްޝަންސްގެ ތަރުޖަމާން އަހްމަދު ލުގުމާން ވިދާޅުވީ، އެނާ އަކީ ހަމުގެ މައްސަލައެއް ހުންނަ މީހެއް ކަމަށެވެ. އަދި ދޭތެރެއަކުން، އޭނާ އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށް ލުގުމާން ވިދާޅުވި އެވެ.

"އެމެޖެންސީ ކަމެއް ވެގެން، ކުއްލިޔަކަށް ހޮސްޕިޓަލަށް ގެންގޮސް އެޑްމިޓް ކުރީއެއް ނޫން. ހަމަ ދޭތެރެއަކުން އެޑްމިޓްކޮށް އޭނާ އަށް ފަރުވާދެން،" ލުގުމާން ވިދާޅުވި އެވެ.

އާއިލާ މީހުންނަށް، އޭނާގެ ބަލިހާލަތާ ގުޅޭ މައުލޫމާތު ކަރެކްޝަނުން ހިއްސާކޮށްފައި ނުވާކަމަށް، އެ މީހުންގެ ގާތް މީހަކު "ސަން" އަށް ކިޔައިދިނެވެ. އަދި އާއިލާ މީހުންނަށް އޭނާ ކައިރީގައި މަޑުކުރެވޭނީ އީދު ބަންދަށް ފަހު ސަރުކާރު ހުޅުވުމުން، މެޑިކަލް ބޯޑުން ގޮތެއް ނިންމުމުން ކަމަށް ކަރެކްޝަނުން އަންގާފައިވާ ކަމަށް އޭނަ ބުންޏެވެ.

މޭޑޭ މުޒާހަރާގެ ތެރެއިން ޕޮލިހަކަށް ހަމަލާދިން ކަމަށް ބުނެ ހައްޔަރުކުރި އަބްދުﷲ ރަޝީދު ޖަލުގައި ހުއްޓާ ވަނީ މަރުވެފަ އެވެ. އޭނާގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި، އަބްދުﷲ ރަޝީދު މަރުވީ އޭނާގެ ސިއްހީ ހާލަތު ގޯސްވުމުން ވެސް ކަރެކްޝަނުން އެކަމަށް އަޅާނުލައި، ފަރުވާ ނުދީ ލަސްކުރުމުންނެވެ.

މިކަމާއި ގުޅޭގޮތުން ކަރެކްޝަނުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.

comment ކޮމެންޓް