ޗައިނާ އިން އެމެރިކާ އަށް ހަމަލަދޭން ތައްޔާރުވާ ކަމަށް ލަފާކުރެވޭ: ޕެންޓަގަން

ސައުތް ޗައިނާ ސީގައި ޗައިނާގެ އެޗް-6ކޭ ޖެޓެއް -- ފޮޓޯ: އޭޕީ

ވޮޝިންޓަން (އޮގަސްޓު 17): އެމެރިކާ އާއި އެގައުމާ އެއްބައިވާ ގައުމުތަކަށް ހަމަލާދޭން، ޗައިނާގެ އަސްކަރިއްޔާއިން ޕައިލެޓުން ތަމްރީނު ކުރަމުން އަންނަ ކަމަށް ޕެންޓަގަނުން ލަފާކޮށްފި އެވެ.

އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ޕެންޓަގަނުން ހުށަހެޅި އަހަރީ ރިޕޯޓުގައި ބުނެފައިވަނީ، ފާއިތުވި ތިން އަހަރު ތެރޭ ޗައިނާގެ އަސްކަރިއްޔާއިން ވަނީ، ވައިގެ މަގުން އެއްގަމަށް ހަމަލާދޭން "ބޮމާ އެއާކްރާފްޓު"ތައް އޮޕަރޭޓު ކުރާ ސަރަހައްދު ފުޅާކޮށްފައި ކަމަށެވެ.

"ފާއިތުވި ތިން އަހަރު ތެރޭ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) އިން ވަނީ ކަނޑުމަތީގައި ބޮމާ މަތިންދާބޯޓުތައް އޮޕަރޭޓުކުރާ ސަރަހައްދުތައް ފުޅާކޮށްފައި. އަދި ކަނޑުގެ މުހިއްމު ސަރަހައްދުތަކުގައި ތަޖުރިބާ ހޯދައި، އެމެރިކާ އާއި އެމެރިކާއާ އެއްބައިވާ ގައުމުތަކަށް ހަމަލާދޭން ތަމްރީނު ކުރަމުންދާ ކަމަށް ބެލެވޭ،" ޕެންޓަގަންގެ ރިޕޯޓުގައިވެ އެވެ.

ނަމަވެސް، ޗައިނާއިން އެ ތަމްރީނުތައް ކުރިއަށް ގެންގޮސްގެން އެހެން ގައުމުތަކަށް ފޮނުވަން ބޭނުން ވަނީ ސީދާ ކޮން މެސެޖެއްކަން ޔަގީން ނުވާ ކަމަށް އެރިޕޯޓުގައި ބުނެފައި ވެއެވެ.

ޕެންޓަގަނުން ލަފާ ކުރާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ތެރޭ ޗައިނާގެ އަސްކަރީ ބަޖެޓު 240 ބިލިއަން ޑޮލަރަށް އިތުރު ކުރާނެ އެވެ.

އެމެރިކާގެ އަސްކަރިއްޔާގެ މައި އޮފީސް ކަމަށްވާ ޕެންޓަގަނުން އެރިޕޯޓު އެކުލަވާލާފައި ވަނީ ޗައިނާ އާއި އެމެރިކާއިން، ދެ ގައުމުގެ މުދަލުން ނަގާ ޑިއުޓީ އިތުރު ކުރުމަށް ފަހު، މިހާރު ވިޔަފާރީގެ މަޝްވަރާތައް ކުރުމަށް ރާވަމުންދާ ދަނޑިވަޅެއްގައި އެވެ.

comment ކޮމެންޓް