ގްރީން ޓެކްސްއިން ލިބޭ ފައިސާގެ ބައެއް، ކައުންސިލްތަކަށް ދޭނަން: އިބޫ

އިބޫ މާފުށީ ރައްޔިތުންނާ ބައްދަލުކުރެއްވުން --- -ފޮޓޯ: އެމްޑީޕީ

ގްރީން ޓެކްސްއަށް ލިބޭ ފައިސާގެ ބައެއް ކައުންސިލުތަކަށް ދީގެން ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅުން ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެ އެވެ.

ކެމްޕެއިން ދަތުރުފުޅެއްގައި ކ. މާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި އިބޫ ވިދާޅުވީ ގްރީން ޓެކްސްގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރެވެން ވާނީ ތިމާވެށި ހިމާޔަތްކޮށް ކުނި ނައްތާލުމަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ސިޔާސަތުގައި ގްރީން ޓެކްސްގެ ގޮތުގައި ނަގާ ފައިސާ އިން ބައެއް ފަންޑަކަށް ޖަމާކޮށް އެ ފައިސާ އަޅުގަނޑުމެން ބޭނުންކުރާނީ ތިމާވެށި ހިމާޔަތްކުރުމަށާއި ކުނި ފަދަ ތަކެތި ނައްތާލުމަށް،" އިބޫ ވިދާޅުވީ މި މަސައްކަތް ކުރާނީ ކައުންސިލުތަކަށް އެ ފައިސާ ދީގެން ކައުންސިލުތައް މެދުވެރިކޮށް ކަމަށެވެ.

އިދިކޮޅުވެ ވެރިކަމެއްގައި ޖަޒީރާ ވެރިކަމެއް ގާއިމުކުރާނީ ކައުންސިލުތައް ބާރުވެރިކޮށް މާލީ އެހީ ދީގެން ކަމަށާއި ރަށްރަށުގެ ބިމުން ލިބޭ ފައިސާ ވެސް ދޭނީ ކައުންސިލުތަކަށް ކަމަށް އިބޫ ވިދާޅުވި އެވެ.

އިބޫ ވިދާޅުވީ މާފުއްޓަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ރަށެއް ނަމަވެސް އެ މަސައްކަތް ފުޅާ ކުރުމަށް ބިމުގެ ދަތިކަން އެބައޮތް ކަމަށެވެ. އިދިކޮޅު ވެރިކަމެއްގައި އެންމެ ފުރަތަމަ ބިން ހިއްކާ ރަށްރަށުގެ ތެރޭގައި މާފުށި ހިމެނޭނެ ކަމަށް އިބޫ ވިދާޅުވި އެވެ.

މާފުއްޓަކީ ވަޒީފާތައް އޮތް ރަށެއް ކަމަށާއި މާލެ ތޮއްޖެއްސުމުގެ ބަދަލުގައި ތަރައްގީވަމުންދާ މާފުށި ކަހަލަ ރަށްރަށަށް ބަދަލުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށް އިބޫ ވިދާޅުވި އެވެ.

comment ކޮމެންޓް